ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އާއިޝަތު ނަހުލާ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގަމުންދާ ކަންކަމުގެ ތެރޭގައި ލައިސެންސް ދޫކުރުމާއި އެއްގަމު އުޅަނދު ރެޖިސްޓަރ ކުރުން ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނުމާއި ގުޅިގެން، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުން ހިންގާ މިނިސްޕޯޓް އެތޯރިޓީން ރައްދުދީފި އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ކޮންސަލްޓެންޓް، ޑރ. ސިމާދު ސައީދު ވަނީ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީގައި ހިމެނުމަށްޓަކައި މުއައްސަސާތަކުން ފާހަގަކޮށްފައިވާ ރިސްކު އޭރިއާތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ކޮރަޕްޝަނަށް އެންމެ ބޮޑަށް މަގުފަހިވާގިތަށް ހިންގަމުންދާ ކަންކަމުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި އުޅަނދު ރެޖިސްޓަރ ކުރުން ހިމެނޭ ކަމަށެވެ. އަދި މި މައްސަލަތަކަކީ ގިނަ ދުވަސް ވެފައިވާ، ހައްލު ނުކުރެވި ހުރި ކަންތައްތަކެއް ކަމަށެވެ.

އެންމެ ބޮޑު އެއް އިޝޫއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ލައިސަންސް ދިނުމުގެ ކަންތައްތައް. ދެން ލައިސަންސް ދިނުމުގެ ކަންތައްތަކުގައި، އޭގެތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދެން ރެޖިސްޓްރޭޝަންގެ ތެރޭގައި ވެސެލްސް، ވެހިކަލްސް އަދި ޕްރޮޕަރޓީ ރެޖިސްޓްރޭޝަންސް ވެސް އެބަ ހިމެނޭ. ޑރ. ސިމާދު ވިދާޅުވި އެވެ.

ލައިސަންސް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ސަބަބުތައް ކޮމިޓީއަށް ހިއްސާކުރައްވަމުން ސިމާދު ސައީދު ވިދާޅުވީ މިހާރު ޓްރާންސްޕޯޓް އޮތޯރިޓީން ބޭނުން ކުރަމުންދަނީ އެންމެ ރަނގަޅު ސިސްޓަމެއް ނޫން ކަމަށެވެ. އެއީ އެ ސިސްޓަމާއި ފަސޭހައިން ކުޅެ، މައުލޫމާތުތައް އޮޅުވާލުމުގެ ފުރުސަތު ވަރަށް ބޮޑުވުމުން ކަމަށެވެ. މިކަމަށް ގެނެވޭނެ ހައްލެއްގެ ގޮތުގައި ސިމާދު ފާހަގަކުރެއްވީ އެ ސިސްޓަމް ޑިޖިޓައިޒް ކުރުމެވެ.

އެ ވާހަކަތައް ރައްދުދީ ޓްރާންްސްޕޯޓް އެތޯރިޓީން ނެރުނު ބަޔާނުގައި ވަނީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގައިވާ ގޮތުން ގްރޭޓަރ މާލެ ސަރަޙައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށައަޅާ އެޕްލިކޭޝަންތަކާއިއެކު ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަމަށް ބުނެފައިވާތީ، ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމަށެވެ. އަދި މާލެ ސަރަޙައްދަށް ރަޖިސްޓަރީ ކުރާ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާކަމަށް ފާހަގަކުރެވި އެފަދަ ޝަކުވާތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބެމުންދާތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަގަޅުތަނެއްތޯ ބެލުމަށްޓަކައި އޮތޯރިޓީން ބަލާ ޗެކްކުރަމުންދާކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ އޮތޯރިޓީން ޗެކް ކުރާއިރު، އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިނުވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަންހިނގަމުންދާ ގޮތާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމަވެ." ބަޔާނުގައި ބުނެފައިވެއެވެ.

ނެޝެނަލް އެންޓި-ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރެޖިސްޓްރޭޝަންގެ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަވާ ސަބަބުތައް ކޮމިޓީއާއި ހިއްސާ ކުރަމުން ސިމާދު ވިދާޅުވަނީ އުޅެނީ ސިޔާސަތު ކަނޑައެޅުމުގެ މައްސަލައެއް ކަމަށެވެ.

"ރެޖިސްޓްރޭޝަން ކަންކަމުގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ޕޮލިސީ އެލައިންމެންޓްގައި ވަރަށް ބޮޑު މައްސަލައެއް އުޅޭ ކަމަށް. ރެޖިސްޓްރޭޝަންގައި އަޅުގަނޑުމެންނަށް މިފެންނަނީ މާލޭގައި ވަރަށް ބޮޑަށް ތޮއްޖެހިފައި އޮންނާތީވެ، ޕާކު ކުރާނެ ސަރަހައްދު ނެތުމާއި ޕާކް ކުރާނެ ޖާގަނެތުމުގެ ސަބަބުން މި ފެށިގެން އައި ސިޔާސަތަކަށްވީ ގަރާޖެއް އޮވެގެންނޭ، ގަރާޖެއްގައި ރެޖިސްޓަރ ކޮށްގެންނޭ އުޅަނދެއް ރެޖިސްޓްރީ ކުރެވޭނީ." ޑރ. ސިމާދު ވިދާޅުވިި އެވެ.

މި މައްސަލަ ފާހަގަކުރައްވާ ސިމާދު ވިދާޅުވީ، މި 'ޕޮލިސީ' ގެ ސަބަބުން ހީނުކުރާ މިންވަރަށް ކޮރަޕްޝަނަށް ދޮރު ހުޅުވިގެންދާ ކަމަށެވެ. އެގޮތުން އެންމެ ގަރާޖަކަށް 70 ވެހިކަލް ރެޖިސްޓަރ ކުރުމާއި، އެ ގަރާޖަކީ ކޮން ތަނެއްތޯ ބެލޭނެ ގޮތެއްވެސް ނެތް ކަމަށެވެ.

މިއީ މާލެ ތޮއްޖެހުމުގެ ސަބަބުން ދިމާވާ މައްސަލައަކަށްވާއިރު، ސިމާދު ވަނީ ބިން ބޮޑު އެހެން ރަށްރަށުގެ ރައްޔިތުންވެސް މާލެ އާއި އެއް ސިޔާސަތަކަށް އަމަލުކުރަންޖެހެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި މިކަމުގެ ސަބަބުން އެ ރަށްރަށުގެ ކައުންސިލާއި، ކަސްޓަމްސް އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވެސް ކޮރަޕްޝަނަށް ހުށައެޅިގެންދާ ކަމަށެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *