މާފުށީ މަގުމަތީގައި މަސްތުވެގެން، ނިވާކަން ކުޑަކޮށް އުޅުނު އިނގިރޭސިވިލާތުގެ އަންހެން މީހާއަކީ ޓްރެވެލް ބްލޮގަރ އެއްކަމަށް ބޭރުގެ ބައެއް މީޑިޔާ ތަކުން ހާމަކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ ސެސިލިއާ ޖަސްޓްޒެމްބްސްކާ އަކީ އޭނާ އެކި ގައުމުތަކަށް ކުރަމުންދާ ދަތުރުތަކާއި ބެހޭ ގޮތުން ލިޔުންތައް އޭނާގެ ބްލޮގްގައި ޝާއިއު ކުރަމުން އަންނަ މީހެކެވެ. 
ސެސިލިއާ އަކީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ވެއެވެ. އޭނާގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބައެއް ޤާނޫނު ތަކުގައި ޚިޔާލާއި މަޝްވަރާ ދިނުން ހިމެނެއެވެ.
ރަޙުމަތްތެރިއަކާއިއެކު ކުރު ޗުއްޓީއެއް ހޭދަކޮށްލަން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރާއްޖެއަށް އައިސްގެން އުޅޭ، ސެސިލިއާ މާފުށީގައި 5 ރެއަށް މަޑުކޮށްލަން ހަމަޖެހިފައި ވީނަމަވެސް މި ދަތުރު ވެގެންދިޔައީ އޭނާގެ ޗުއްޓީއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދާފަދަ ކަމަކަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ޖެހިގެން އައި ދުވަހު އޭނާ ރާއްޖެ ދޫކޮށްވަނީ ގޮސްފައެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި ސެސިލިއާގެ މިއަމަލަކީ ދުނިޔޭގެ ސަމާލުކަން ހޯދުމަށް ޖެއްސި "ސްޓަންޓް" އެކެވެ. ނަމަވެސް ސެސިލިއާގެ ދިފާއުގައި، މި އަމަލު ކުށްވެރިކޮށް ވާހަކަދައްކާ މީހުންވެސް މަދެއް ނޫނެވެ.
ސެސިލިއާ ޖަސްޓްޒެމްބްސްކާ އަކީ ބައެއް ޓީވީ ޝޯތަކުގައިވެސް ހަރަކާތްތެރިވެފައިވާ މީހެކެވެ. މިގޮތުން 2018 ވަނަ  އަހަރު  އޭނާ ކުޅުނު ޓީވީ ޝޯވއެއްގައި އަލަށް "ޑޭޓަކަށް" ދާއިރު ފިރިހެން މީހާ ބިލްދެއްކުމާއި ދެކޮޅަށް އޭނާ ދެއްކި ވާހަކައިގެ ސަބަބުން ގިނަ ބައެއްގެ މަގްބޫލުކަންވަނީ ސެސިލިއާއަށް ލިބިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކ.މާފުށީގައި ހިނގައިދިޔަ މިހާދިސާއާއި ގުޅިގެން، ފުލުހުން ވިދާޅުވެފައިވަނީ އެ ހާދިސާގައި ފުލުހުން ޢަމަލުކުރި ގޮތާމެދު އެ ފަތުރުވެރިޔާ އާއި އާއްމުންގެ ކިބައިން މަޢާފަށް އެދޭ ކަމަށާއި، އެފަދަ މައްސަލައެއް ކުރިއަށް އޮތް ތަނުގައި ދިމާނުވާނެކަން ޔަޤީންކުރުމަށް ފުރިހަމަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *