ހެދުމުގައި ލަށްޖެހުމަކީ ހަމައެކަނި ކުޑަކުދިންނަށް ޚާއްސަކަމެއްނޫނެވެ. ބޮޑެތިމީހުންގެ ހެދުމުގައި ވެސް ލަށްޖެހެއެވެ. އަދި ލަށްފިލުވަން އެންމެ އުނދަގޫވަނީވެސް ބޮޑެތިމީހުންގެ ހެދުމުންނެވެ. ނަމަވެސް ކޮންމެ އެއްޗަކުން ޖެހޭލަށްވެސް ފިލުވޭނެގޮތެއްއޮވެއެވެ. އެކި އެއްޗެހިން ޖެހޭލަށް ފިލުވަންބޭނުންވަނީވެސް ތަފާތު އެއްޗެއްސެވެ. މިއީ ކޮންމެމީހަކަށްވެސް އެނގިފައިހުރުން ވަރަށްމުހިއްމު ކަމެކެވެ. ހެދުމުގައި އެއްޗެއް ޖެހިއްޖެނަމަ އެންމެ ފުރަތަމަ ފެންފޮދަކުން ދޮވެލާށެވެ. އެކަމަކު ނު އުނގުޅާށެވެ. ދެން އެކަމަށް ޚާއްސައެއްޗަކުން ލަށް ފިލުވާށެވެ. ހަނދާންބަހައްޓާށެވެ. ރީތިކޮށް ލަށްފިލުމުން ނޫނީ ހިއްކާމެޝިނަށް ނުލާށެވެ. އޭރުން ދެންފަހުން އެލަށް ފިލުވަން އުނދަގޫވާނެއެވެ. ޕާރޓީފަދަ ތަންތަނަށް ގޮސް އުޅުމުގައި ހެދުމުގައި އެއްޗެއްޖެހިދާނެކަމަށް، ކުއްލިހާލަތުގައި ބޭނުންކުރާ "ވައިޕް" ފަދަ އެއްޗެއް ދަބަހަށް ލައިގެންއުޅުމަކީވެސް ބުއްދިވެރިކަމެކެވެ. މިހިސާބުން ތަފާތު ލަށް ފިލުވުމަށްޓަކައި ކަންތައްކުރާނެގޮތަށް ބަލާލާމާ ހިނގާށެވެ.

1. ކުލަ: ކުލަހެދުމަކާއި އެކު ދޮންނަ ހުދުހެދުމުގައި ޖެހޭލަށް އެއީ ފިލުވާލަން އުނގަދޫ އެއްޗެކެވެ. ސަބަބަކީ ކުލަ އެއީ ފޮއްޗަށް ޚާއްސަކުރެވިފައިވާ އެއްޗެކެވެ. މިގޮތަށް ކުލަ ޖެހިއްޖެނަމަ، ހެދުން ފިނިފެން އެއްޗެއްގެ ތެރެއަށްލުމަށްފަހު ކްލޯރިން ނުހުންނަ ބްލީޗެއް (މިސާލަކަށް އޮކްސި-ކްލީން) އަޅާފައި 8 ގަޑިއިރުވަންދެން ބަހައްޓާށެވެ.. ކުލަ ފަނޑުވާވަރަކަށް، ތަކުރާރު ކުރަމުންގޮސް އެކޮށް ފިލުމުން ދޮވެފައި ހިއްކާށެވެ.

2. ހަށިގަނޑުން ނިކުންނަ ދިޔަ (ދާ، ހޮޑު ފަދަ) : ހަށިގަނޑުން ނިކުންނަ ދާ އަދި ހޮޑުފަދަ އެއްޗެހިން ޖެހޭލަށް ފިލުވުމަށް ބޭނުންވަނީ، "އެންޒައިމެޓިކް ޑިޓަރޖެންޓް" އެކެވެ. އޭގެ ސަބަބުން މިފަދަ ދިޔައިގައި ހުންނަ ޕްރޮޓީންގެ ބައި ދުއްވާލާނެއެވެ. ހެދުން އުފައްދާފައިވާ ފޭރާން، ދެނެގަނެ، އެ ފޭރާން ދޮވުމަށް އިރުޝާދުދޭ އެންމެމަތީ ހޫނުމިނެއްގައި ދޮންނާށެވެ. އެއްފަހަރު ދޮވުމަށްފަހުވެސް ވަސް ހުރިނަމަ، ވަސް ކަނޑުވާލުމަށް ޚާއްސަކުރެވިފައިވާ ޑިޓަރޖެންޓަކުން ދޮވެލާށެވެ. ކިހިލިފަތްދަށުން ހިއްލާ ދަލުގެ ސަބަބުން ހެދުމުގައި ޖެހޭލަށް ފިލުވުމަށް، ފެނާއި ލުނބޯހުތް އެއްވަރަށް އެއްކުރުމަށްފަހު، ލަށްޖެހިފައިވާ ތަނަށް ސްޕްރޭކުރުމަށްފަހު 10 ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު ދޮންނާށެވެ. ނުވަތަ 3 ޖޯޑުފެނުގެ ތެރެއަށް 1 ޖޯޑު ރާހުތްއެޅުމަށްފަހު، ލަށްޖެހުނު ހެދުން ލާފައި 2 ގަޑިއިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

3. ވިނަ އަދި ގަހުގެ ބައިތަކުން ޖެހޭލަށް : އެންމެފުރަތަމަ ޑިޓަރޖެންޓްލައިގެން އެހެން އަންނައުނު ދޮންނަގޮތަށް ދޮވެލާށެވެ. ލަށްނުފިލިނަމަ، ރާހުތްފޮދެއް އަޅާ ތެންމާލުމަށްފަހު 15 މިނިޓް ބަހައްޓާށެވެ. އެއަށްފަހު ފިނިފެނުން ދޮވެ ހިއްކާލާށެވެ. ނުވަތަ 3 ސަމުސާ ބޭކިންގސޮޑާ ދެސަމުސާ ފެނުގެ ތެރޭގައި އެއްކޮށް "ޕޭސްޓެއް" ހަދާށެވެ. ލަށްޖެހިފައިވާ ތަނުގައި ބޯކޮށް އުނގުޅުމަށްފަހު ހިކެންދެން ބަހައްޓާށެވެ. މިގޮތަށްވެސް ނުފިލިނަމަ، ތައްޔާރުކުރި ޕޭސްޓްގެ ތެރެއަށް ބައިޖޯޑު ރާހުތް، އެއް ޖޯޑުފެން އަދި އެއް ސަމުސާ ޑިޓަރޖެންޓް އެއްކުރުމަށްފަހުން ހެދުން އޭގެ ތެރެއަށް ލާށެވެ. 1-2 ގަޑިއިރުފަހުން އާދައިގެ ފެނުން ދޮވެލާށެވެ.

4. ސައި، ކޮފީ، ތެޔޮ، ކެޗަޕް : ހޫނުފެންޖަގެއް ކެއްކުމަށްފަހު، ލަށްޖެހިފައިވާ ހެދުން ތިރީގައި ބޭއްވުމަށްފަހު ވީއެންމެ މައްޗަކުން ހޫނުފެން އޮއްސާލާށެވެ. ގޮނޑިއެއްގެ މައްޗަށްވެސް އެރިދާނެއެވެ. އެންމެ މަދުވެގެން 2 ފޫޓުގެ އުސްމިން ހުންނަންވާނެއެވެ. ނުވަތަ ދަތްއުނގުޅާބޭސް ކޮޅެއް ޖެއްސުމަށްފަހު، ނަރުތައް މަޑު، ދަތްއުނގުޅާ ބުރުހަކުން މަޑުންމަޑުން އުނގުޅާށެވެ. ނުވަތަ ލަށްޖެހިފައިވާ ތަނުގައި ހުދުޗޯކު އުނގުޅާލުމަށްފަހު 30 މިނިޓް ބަހައްޓާފައި، ދޮވެލާށެވެ.

5. ލޭ : ފިނިފެނުގައި ހެދުން ބައްވާށެވެ. އަވަހަށް ލަށް ފިލަމުންނުދާނަމަ އައިސްކިއުބް އަޅާށެވެ. އެއްޖޯޑު ފެނުގެ ތެރެއަށް 2 ސަމުސާ ލޮނު އެޅުމަށްފަހު، ލޭ އުނގުޅިފައިވާ ހެދުން އޭގެ ތެރޭގައި 1 ގަޑިއިރު ބައްވާށެވެ. ލަށްޖެހިފައިވާ ތަނަށް ލުނބޯހުތް ޖެހުމަށްފަހު ހިކުމުން ދޮންނާށެވެ. ބޭކިންސޮޑާ ނުވަތަ އެސްޕްރިން، ކުޑަ ފެންފޮދެއްގައި އެއްކޮށް "ޕޭސްޓް" ހެދުމަށްފަހު ލަށްޖެހިފައިވާ ތަނުގައި އުނގުޅާފައި ހިކެންދެން ބަހައްޓާށެވެ. ހިކުމުން މެޝިނަށްލައިގެން ދޮވެ ހިއްކާށެވެ.

6. ދަބަރު: ލަށްޖެހިފައިވާ ހެދުން ބާ ތުވާއްޔެއްގެ މަތީގައި ބޭއްވުމަށްފަހު، ލަށްޖެހިފައިވާ ހިސާބަށް ރާހުތް އަޅާށެވެ. ދެން ލުނބޯކިބައަކުން މަޑުމަޑުން 1 މިނިޓްވަންދެން އުނގުޅާލާށެވެ. ހިކެންދެން އަވިގައި ބަހައްޓާށެވެ. ހިކެމުންދާވަރަކަށް ލަށްވެސް ފިލަމުންދާނެއެވެ. ނުވަތަ ލޮނާއި ލުނބޯހުތް އެއްކުރުމަށްފަހު ލަށްޖެހިފައިވާތަނުގައި ބޯކޮށް އުނގުޅާށެވެ، ހިކުމުން މެޝިނަށްލައިގެން ދޮވެ ހިއްކާލާށެވެ.

ނޯޓް: ލަށްފިލުވަން އެންމެފަސޭހަގޮތަކީ، ލަށްޖެހުމުން ވީ އެންމެ އަވަހަކަށް ފިލުވަން އުޅުން.

އެންމެފުރަތަމަ ބަލަންވާނީ ރީތިފެނުން ދޮވެ ސާފުކޮށްލެވޭތޯ.

ލަށްފިލުވަން ޚާއްސަ އެއްޗެސް ބޭނުންކުރުމުގެ ކުރިން އެއިން ހެދުމުގެ ކުލަގޮސްފާނެތޯ ބަލަންވާނެ.

އެކައްޗެއްބޭނުން ކޮށްގެން ލަށްނުފިލިނަމަ، އަނެކަތި ބޭނުން ކުރުމުގެ ކުރިން، ކުރިން ބޭނުންކޮށްފައިވާ އެއްޗެއް ރަގަޅަށް ދޮވެ ސާފުކޮށްލަންވާނެ

ފިހާރަތަކުން ގަންނަން ލިބެންހުންނަ ލަށްފިލުވާ އެއްޗެއްނަމަ، ބޭނުންކުރަންޖެހޭގޮތުގެ އިރުޝާދު ރަގަޅަށް ކިޔަންވާނެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *