އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ކޮންމެ ދުވަހަކުވެސް މޭކަޕްގެ ކޮންމެވެސް މިންވަރެއް ބޭނުންކުރާ ބޭފުޅުންނެވެ. މިކަމުގައި ފިރިހެން ބޭފުޅުންނަށް ވުރެ އިސް ރޯލެއް އަންހެން ބޭފުޅުން އަދާކުރެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ތަފާތު އެކި ޙަފްލާ ތަކަށާއި ޙާއްސަކޮށް ޕާޓީތަކަށް ދިޔުމަށް ޒީނަތްތެރިވުމަކީ އަޅުގަނޑުމެންގެ ތެރޭގައި، ޚާއްސަކޮށް އަންހެން ކަނބަލުންގެ މެދުގައި ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. ފަރި ހެދުންތަކާއި ގުޅޭގޮތަަށް އެންމެ އެކަށީގެންވާ މޭކަޕެއް ކުރެވޭތޯ އަޅުގަނޑުމެން އަބަދުވެސް ބަލަމެވެ. ނަމަވެސް މޭކަޕް ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކަކީ ކޮބައިކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށް ތޯއެވެ؟ މޭކަޕް ކުރުމަށް ބޭނުންކުރާ ސާމާނު އެއީ ކިހާ ދުވަހެއްވީ ތަކެތިތޯ ބަލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުން ތޯއެވެ؟
ލިޔުމުގެ މިހިސާބުން މިގެނެސްދެނީ އާންމު ގޮތެއްގައި ރީތިވުމަށް ބޭނުންކުރާތަކެތި ބޭނުންކުރުމަށް އެންމެ ރަނގަޅު މުއްދަތު ތަކާއި، މި ތަކެއްޗާއި ބެހޭގޮތުން ކޮށްފައިވާ ބައެއް ދިރާސާ ތަކުގެ މައުލޫމާތެވެ.
މަސްކަރާ
ލޮލަކީ އިންސާނާގެ ހަށިިިގަނޑުގައިވާ އެންމެ ނާޒުކު އެއްގުނަވަނެވެ. ނަމަވެސް ލޮލުގައި އެޅުމަށް ބޭނުންކުރާ މަސްކަރާއާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް އެނގެނީ ކިހާ މަޢުލޫމާތެއްތޯއެވެ. މަސްކަރާއެއް ބޭނުންކުރަން ފެށުމަށްފަހު ތިން މަސްވުމުން އެ ބަދަލުކުރަމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މަސްކަރާއަކީ ލޮލުގެ އިންފެކްޝަން އަށް މަގުފަހިކޮށްދޭ ވަރަށް ގިނަ ޖަރާސީމު ތަކެއް އޭގައި ހިމެނޭ އެއްޗަކަށް ވުމުންނެވެ. މަސްކަރާއެއް ބޭނުން ކުރުމަށް މަތިނެގޭ ކޮންމެ ފަހަރަކު މި ޖަރާސީމުތައް އޭގެ ތެރެއަށް ވަދެއެވެ.
އައިލައިނަރ
އައިލައިނަރ އަކީ މަދުވެގެން 6 މަހުން ބަދަލުކުރަންޖެހޭ އެއްޗެކެވެ. ނަމަވެސް މިއާއި ޚިލާފަށް އަނދުން އެޅުމަށް ބޭނުންކުރާ ފަންސުރު 2 އަހަރު ދުވަހަށް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ބޭނުންކުރާ ކޮންމެ ފަހަރަކު ކުޑަކޮށް ތުނޑު ޖަހާލުމުން އެންމެ ފުރިހަމައަށް އަނދުން އެޅުމުގެ އިތުރުން ލޮލަށް ލިބޭ ގެއްލުންވެސް ކުޑަވެގެންދެއެވެ.
ލިކުއިޑް ފައުންޑޭޝަން
ހާއްސަ ޙަފްލާތަކަށް ނޫންކަމުގައި ވިޔަސް ގިނަ އަންހެންކުދިންނަކީ އާންމު ދިރިއުޅުމުގައިވެސް ފައުންޑޭޝަން ބޭނުންކުރާ ބޭފުޅުންނެވެ. ފައުންޑޭޝަންއެއް އެންމެ ދިގު މުއްތަކަށް ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ މުއްދަތަކީ ގިނަވެގެން އަހަރު ދުވަހެވެ. ނަމަވެސް ފައުންޑޭޝަންގެ ކުލަޔަށް ނުވަތަ ވަހަށް ނަމަވެސް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، ވީއެންމެ އަވަހަކަށް އެ ބަދަލު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ލިޕް ގްލޮސް/ލިޕް ބާމް
ލިޕް ގްލޮސް / ލިޕް ބާމް އަކީ އެއާއި ދާދި އެއް ރޯލެއް ކުޅޭ ލިޕްސްޓިކްއަށްވުރެ އަވަސް އަވަހަށް ބަދަލު ކުރަންޖެހޭ އެއްޗެކެވެ. ލިޕް ގްލޮސް / ލިޕް ބާމް އެއް ގެންގުޅުމަށް އެންމެ ރަނގަޅު މުއްދަތަކީ ގިނަވެގެން 12 މަސްދުވަހެވެ.
މޭކަޕް ބްރަޝް
ސެލޫން ތަކަށް މޭކަޕް ކުރަންދާ ބޭފުޅުން ވިސްނާލަންވީ އެންމެ މުހިންމު ކަމަކީ މޭކްއަޕް ކުރަން ބޭނުންކުރާ ފިހި ތަކަކީ ކޮންމެ ކަސްޓަމަރަކު ބޭނުންކުރުމަށްފަހު ރަނގަޅަށް ދޮވެފައިވާ ތަކެތިތޯ ބެލުމެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް މި ސުވާލުކޮށްލުން ވެސް ވެފައިވަނީ ލަދުވެތި ނުވަތަ ހަޑި ކަމަކަށެވެ. ނަމަވެސް އެކަކު ބޭނުންކޮށްފައި އަނެކަކު ބޭނުންކުރާ މިފަދަ ތަކެތި މީ އެންމެ ސާފްތާހިރު ތަކެތިތޯ ބެލުމަކީ އަޅުގަނޑުމެންގެ ނާޒުކު ހަންގަނޑަށް ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުންވެސް ގޭގައި ބޭނުންކުރާ މިފަދަ ފިހިތައް ދުވަސް ދުވަސްކޮޅުން ދޮވެލުމަށް ހަނދާންކޮށްލާށެވެ.
ކިތަންމެ ކުޑަހެން ހީވިކަމުގައި ވިޔަސް މި ބަޔާންކޮށްލެވުނު ކަންތަކަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ވިސްނާލަން ވަރަށް މުހިންމު ކަމެކެވެ.