ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި، އެޖަމާޢަތުގެ އެހެން ބައެއް އިސްވެރިންނާއިއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް އަނެއްކާވެސް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ދިވެހި ދިދަ ނެންގެވުމަށާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ދިދަ މަލްބަރޯ ހައުސްގެ ބަގީޗާގައި ނެންގެވުމަށްފަހު ކޮމަންވެލްތުގެ ބޯޑް އޮފް ގަވަރނަސް އާއި ބައްދަލުކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި، ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ސްކޮޓްލަންޑް ވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގެ ނަން އެމްބަސީއިން ހައިކޮމިޝަނަށް ބަދަލުވުމާއި ގުޅިގެން ނަންބޯޑު ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ކޮމަންވެލްތު ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލް އޭން ގަލަހާރްއާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކޮމަންވެލްތު ފައުންޑޭޝަނާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރޯޔަލް ކޮމަންވެލްތު ސޮސައިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއަރ ޑރ. ލިންޑާ ޔޫ އާއިވެސް މިނިސްޓަރ ޝާހިދު ލަންޑަންގައި ބައްދަލުކުރައްވައި، ކޮމަންވެލްތު ސޮސައިޓީއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ ސެކްރެޓަރީ ޖެނެރަލް ޖާވިސް މަތިއާ އާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގަތެވެ. ސީ.ޕީ.އޭ ގެ މެމްބަރަކަށް ރާއްޖެ ވުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާއިރު، ސީ.ޕީ.އޭ ގެ އެކްސްކޯއިން އަންނަ އެޕްރީލް މަހު ރާއްޖޭގެ މެމްބަރޝިޕްއަށް ރުހުން ދޭނެއެވެ.

ކޮމަންވެލްތުގެ އިސްވެރިންގެ އިތުރުން އިނގިރޭސި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިންޓަރނޭޝަނަލް އެންވާރަމަންޓް އެންޑް އެނިމަލް ވެލްފެއަރ ލޯޑް ޒެކް ގޯލްޑްސްމިތުއާއި ބައްދަލުކުރައްވައި، ކުރިއަށް އޮތް ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާއި، މޫސުމީ ބަދަލުތަކާއި ބެހޭ ބައިނަލްއަޤްވާމީ ސަމިޓް ނުވަތަ ކޮޕް-26 އާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރ ފޮރ ދަ ކޮމަންވެލްތު، ޔޫ.އެން އެންޑް ސައުތު އޭޝިއާ ލޯޑް އަހްމަދު އޮފް ވިމްބެލްޑަންއާއި ވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. ރާއްޖެ ކޮމަންވެލްތަށް ވަނުމަށް ކުރި ދަތުރުގައި މިނިސްޓަރ ޝާހިދު އެކި ފަހަރުމަތިން ލޯޑް އަހްމަދު އާއި ބައްދަލުކުރައްވާފައިވެއެވެ. މިފަހަރުގެ ބައްދަލުވުމުގައިވެސް ރާއްޖެ ކޮމަންވެލްތަށް އަލުން ވަނުމާއި ގުޅޭ ގޮތުންނާއި، އިނގިރޭސިވިލާތާ ދިވެހިރާއްޖެއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް އާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެމ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރަންދީން ބައިވެރިވެވަޑައިގަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *