ޝައްކަކަށް ޖާގައެއްނެތެވެ. ތަނެއްގައިހުރި ފުރިހަމަކަމަކާއި، އެއްޗެއްގައިހުރި ރީތިކަން ސިފަކޮށްދިނުމަކީ ކޮންމެ ދުލަކަށް، ކޮންމެ ގަލަމަކަށް ނުވަތަ ކޮންމެ އަތަކަށް ކުރެވޭނެ ކަމެއްނޫނެވެ. އަޅުގަނޑުގެ މި ލިޔުމުގައި ބަލައިލާނީ ކަމުގެ ހުނަރުހުރި، ޝަޚުޞިއްޔަތެއްގެ މައްޗަށެވެ. ކޮންކަމެއްގެ ހުނަރެއްތޯއެވެ.
އާދެ! މުޖުތަމަޢުތެރެއަށް ނަޒަރު ހިންގައިލުމުން... އަޅުގަނޑުގެ ނަޒަރު ހުއްޓުނީ، ފޮޓޯގެ ޒަރީޢާއިން އެކިއެކި މަންޒަރުތައް އަނެކުންނާއި ހަމައަށް ފޯރުކޮށްދެމުންދާ ކުޅަދާނަ ފޮޓޯގުރާފަރެއްގެ މައްޗަށެވެ. އަޅުގަނޑަށް ޝަރަފެއްދެވުނީ، ވަރުބަލިވެލެއްވުމެއްނެތި މަސައްކަތްކުރައްވަމުން ގެންދަވާ ހީވާގި "ދެ އަތުގެ" މައްޗަށެވެ.
ކޮން ޝަޚުޞިއްޔަތެއްކަމަށްތޯއެވެ! އާދެ! މި ދަންނަވާ ޝަޚުޞިއްޔަތަކީ، 21 މާޗް 1988ގައި ފ.ދަރަނބޫދުއަށް އުފަންވި ކުޅަދާނަ ފޮޓޯގުރާފަރު ޢަބްދުﷲ އަބީދެވެ. ޢުމުރުން އެއްތިރީސް އަހަރުގެ އަބީދު ތަޢުލީމު ހާސިލުކުރެއްވީ ފ.ދަރަނބޫދޫ ސުކޫލުންނާއި، ފ.މަގޫދޫ ސުކޫލުންނާއި، އެމް.އީ.އެސްއިންނެވެ. 

އެއްވެސް ވަހުމެއްނެތެވެ. ޙަޤީޤީމާނައިގާ މޮޅު މީހަކަށް ނުވަތަ ބޮޑު މީހަކަށްވަނީ، ހަމައެކަނި އެ މީހަކަށް ލިބިފައިވާ ޢިލްމެއްގެ ސަބަބަކުންނޫނެވެ. ހަމައެކަނި ނަސަބާއި ހަސަބުގެގޮތުން މަތިވެރިވުމަކުންނޫނެވެ. ހަމަ އެހެންމެ ސަނަދުތަކަކާއި އެވޯޑުތަކެއް ވެސް ލިބުމަކުންނެއްނޫނެވެ. އަދި ކިއެއްތަ! އިންސާނާ އިންސާނަކަށްވަނީ، އެ އިންސާނާގެގައިގައި ޙިލްމެއް ވެސް ހުރެގެންނެވެ. ޢަޒުމެއް ވެސް ހުރެގެންނެވެ. ހިތްވަރެއް ވެސް ހުރެގެންނެވެ. ކެތްތެރިކަމެއް ވެސް ހުރެގެންނެވެ. ހިތްތިރިވެގެން ވެސް މެއެވެ.

އިސްވެ މި ދެންނެވި ސިފަތަށް އަބީދުގެ ކިބައިގައި ހުންނެވިކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަމެވެ. އަބީދުގެ ތަޢުލީމީ ފެންވަރަކީ ޖީ.ސީއީ އޯލެވެލްކަމުގައިވީ ނަމަވެސް، އޭނާއަކީ ފަންވަރު ހުންނެވި ޒުވާނެކެވެ. ސަނަދެއް، އެވޯޑެއްލިބިލައްވައިފައިނެތަސް، އޭނާއަކީ ހިންމަންތެރި ދިވެހި ދަރިއެއްމެއެވެ.

ޢުމުރުން ސަތާރައަހަރުގައި ވިލިމާލޭގެ ސައިހޮޓަލެއްގެ ސޭޓުކަންކުރެއްވި އަބީދަކީ، މިއަދު މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ފޮޓޯގުރާފަރެއްގެ ވަޒީފާއަދާކުރައްވަމުން އަންނަ ހުނަރުވެރި ފޮޓޯގުރާފަރެކެވެ. ޢުމުރުން އަށާރައަހަރުގައި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވި އަބީދު ސާބިތުކަމާއެކު އަދިވެސް އެ ހުންނެވީ، އެ ވަޒީފާގައެވެ.

މިހާ ހިސާބުން، އަޅުގަނޑުގެ ގަލަން ފިރުކައިލާނީ، ފޮޓޯނެންގެވުމަށް އަބީދުގެ ޝައުޤުވެރިކަން އުފެދިގެންއައި ގޮތުގެ މައްޗަށް ބަލައިލުމަށް ފަހުގައެވެ. "އަބަދުވެސް ފުޓުބޯޅައަށް ޝައުޤުވެރިވޭ. ފުޓުބޯޅައާއިގުޅޭ ޕޯސްޓުތައް ލިޔެފައިހުންނަތަން ވެސް، ފޭސްބުކުން ފެންނާނެ. އެހެން އުޅުމުގެތެރޭގައި "soccer.com.mv" އިން ދައުވަތުދިނީ، އެމީހުންގެ ސޯޝަލް މީޑިއާއާއި، ވެބްސައިޓު ހިންގަން އުޅެދިނުމަށް. އެ ސައިޓަށް ބޭނުންވާ މަޢުލޫމާތާއި ފޮޓޯ ހޯދުމަށް ދަތިވުމުން، ސިމްޑީއިން ކެމެރާއެއް ގަތީ. އޭރު ވެސް ޝައުޤުވެރިކަންހުރޭ. ދެން އެ ފެށިގޮތަށް ފޮޓޯނެގުމުގެ ދާއިރާއަށް ވަދެވުނީ."

އާދޭހެވެ! އަބީދަކީ ރާއްޖޭގެ މަޝްހޫރު ނޫސްތަކަށް ވެސް، ފޮޓޯ ނަންގަވައިދެއްވައިފައިވާ ފޮޓޯގުރާފަރެކެވެ. އޭގެތެރޭގައި ހަވީރު، ސަން، ވަގުތު ހިމެނެއެވެ. ހަމަ އެހެންމެ، އަބީދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ފޮޓޯނަންގަވަމުންދާ ފޮޓޯގުރާފަރެކެވެ. 

އާދެ! އަޅުގަނޑުގެ ގަލަން މި ބާއްވަނީ، އަބީދަށް ކާމިޔާބު މިންވަރުކުރެއްވުން އެދޭ ޙާލުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *