އެވޭލާ ޒަމާނުގެ ތެރެއަށް، ތަޙުލީލީ ދުރުމީއެއް އަޅުވައިލުމުން.... އާދެ! ދިވެހި ބަހަކީ، މުއްސަނދި ބަހެއްކަން ސާބިތުވާ ސުބޫތުތައް (ހެކިތައް) ނުހަނު ގިނައިން ފެންނަން އެބަހުއްޓެވެ. އަދި ކީއްތޯއެވެ؟ ކޮންމެ ޒަމާނަކަށް ބެލިޔަސް، ދިވެހިބަހުގައި ހުރި ފައްކާކަން، ދިވެހިބަހުގައި ހުރި
ބަލާޣާތްތެރިކަން ހާސާ(ހާމަ) ވެއެވެ. މިހެން ދަންނަވަންޖެހެނީ ސަބަބުތަކެއް ނެތިއެއްނޫނެވެ.
މި ގޮތުން ބަލާއިރު، އެއް މާނައެއް ދޭހަކުރެވޭ ގިނަ ލަފުޒުތަކެއް ހުރިކަމީ، ބަސް މުއްސަނދިވުމުގެ އެއް ސަބަބެވެ. އިހުގެ ލިޔެކިޔުންތަކަށް ބަލައިލުމުން، އެ ފަދަ ގިނަ ލަފުޒުތައް ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި އެހެނިހެން ބަސްތަކުގެ ތެރެއިން، ދިވެހިބަހުގެ ތެރެއަށް ވަދެފައިވާ ލަފުޒުތައް ވެސް އެބަހުއްޓެވެ.
ތިޔައިގެތެރެއިން ބޭފުޅަކު ހިތްޕުޅަށް އެރުން އެކަށީގެންވެއެވެ.  ދިވެހިބަހަކީ މުއްސަނދި ބަހަކަށްވާއިރު، އެހެނިހެން ބަސްބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަދެ، ދިވެހި ލަފުޒުތަކަކަށް ވާންޖެހޭ ސަބަބެއް އެބައޮތްތޯއެވެ؟ 
ޝައްކަކަށް ޖާގައެއްނެތެވެ. ދުނިޔޭގެ ކޮންމެ ބަހެއް ވެސް އުފެދިފައިވަނީ، އެހެނިހެން ބަސްބަހުގެތެރެއިންނެވެ. އަދި ކީއްތޯއެވެ. އެހެނިހެން ބަހެއްގެ އެހީތެރިކަމާއިނުލައި، އެއްވެސް ބަހެއް މުއްސަނދިވެފައެއް ވެސްނެތެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިނގިރޭސިބަހަށް ނަޒަރެއް ހިންގަވައިލެއްވިޔަސް، އިސްވެ ދެންނެވި ވާހަކަތަކުގެ ހެކިތައް ފެނިވަޑައިގަންނަވާނެއެވެ. އިނގިރޭސިބަހުގައިވާ "ޕްރޮޖްނީ"(progeny)، މި ލަފުޒަށް ކަޅިއެއް އެއްލަވަން ހިންގަވާށެވެ. މި ލަފުޒު އިނގިރޭސިބަހުގެ ތެރެއަށް އައިސްފައިވަނީ ، ފަރަންސޭސިބަހުގެ ލަފުޒެއްކަމުގައިވާ "projenie" އިންނެވެ. ފަރަންސޭސިބަހުގެ ތެރެއަށް، މި ލަފުޒު އައިސްފައިވަނީ ލެޓިންބަހުގެ "progenies" އިންނެވެ. އަސްލަކީ ލެޓިންބަހުގެ ލަފުޒެއްކަމަށްވާ "progignere" އެވެ. 
ހަމަ އެހެންމެ އިނގިރޭސިބަހުގައިވާ "ޓްރައިބް" (tribe) އަށް ބައްލަވާށެވެ. މި ލަފުޒު އިނގިރޭސިބަހުގެ ތެރެއަށް އައިސްފައިިވަނީ، ފަރަންސޭސިބަހުގެ ލަފުޒެއްކަމުގައިވާ "ޓްރިބިއު" (tribu) ނުވަތަ ލެޓިންބަހުގެ "ޓްރިބިއުސް" (tribus) އިންނެވެ. ހަމަ މި ބީދައިން ބަލާއިރު އިނގިރޭސިބަހުގައިވާ "ލިނިއަޖް" (lineage) އަކީ، ފަރަންސޭސި ލަފުޒެއްކަމަށްވާ "linage" އިން އުފެދިފައިވާ ލަފުޒެކެވެ. "linage" އުފެދިފައިވަނީ "ligne" އިންނެވެ. ފަރަންސޭސިބަހުގެ ތެރެއަށް، މި ލަފުޒުވަދެފައިވަނީ ލެޓިންބަހުގެ "linea" އިންނެވެ.
އާދެ! މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވައިލާނީ، ދިވެހިބަހުގައި "ދަރިކޮޅު" ގެ މާނަ ދޭހަކުރެވޭ ލަފުޒުތަކަކަށެވެ. "ދަރިކޮޅު" އުފެދިފައިމިވަނީ "ދަރި" އާއި "ކޮޅު" މި ދެ ލަފުޒު ލާމެހިގެންނެވެ. "ދަރި" މި ލަފުޒު  އައިސްފައިމިވަނީ ސިންހަޅަ ބަހުގެ "ދަރު"(daru) އިން ކަމުގައި ލަފާކުރެވެއެވެ.
މި ގޮތުން އެންމެ ފުރަތަމަ ލަފުޒަކަށް، މި ފާހަގަކޮށްލަނީ "ވަންޝަ" އެވެ. ދަނބިދޫ ލޯމާފާނުގެ އެއްވަނަ ލޯފޮތީގެ ފުރަތަމަ ފުށުގައި، "ސުވަސްތީސްރީ ޝޯމަވަންޝަ އާދިފަތި" މި ފަދައިން ބަޔާންވެފައިވެއެވެ. މާނައަކީ "ހަނދުވަންހައިގެ އެންމެ އިސް މަނިކުފާނަށް ހެޔޮ ނަސީބު ޢިއްޒަތާ ބާއްޖަވެރިކަން ހުއްޓެވެ."(އަލްމަރުޙޫމް ޢަލީ ނަޖީބުގެ ތަރުޖަމާއިން ނަގައިފައި)
ފަޟީލަތުއްޝައިޙު އަލްމަރުޙޫމު ޙުސެއިން ޞަލާޙުއްދީން ވިދާޅުވެފައިވާ ގޮތުގައި، "ސެންސިކިރްތާ، ޕާލިޔާ، ތަމަޅަ ސިންހަޅަ ފެނެޔޭ ނިކަން، ފެންނަހެން ޢަރަބީގެ ބަސްތައް ފާރިސީޔާ ޕުޝްތުވާ" ފަދަ ބަސްބަހުން، ދިވެހިބަހުގެ ތެރެއަށް އައިސްފައިވާ ލަފުޒުތައް އެބަހުއްޓެވެ. ސާންސްކުރިތު ބަހުގައި "ދަރިކޮޅު" ގެ މާނަކުރެވޭ ލަފުޒުތަކުގެތެރޭގައި ވަމްޝަ(vamsha)، ވަމްޒަ (vamza) ހިމެނެއެވެ. ޕާލީ ބަހުގައި ވަމްސަ (vaṃsa) ހިމެނެއެވެ. ގުޖްރާތީއާއި މަރާޓީ ބަހުގައި ވަންޝަ (Vanśa) ހިމެނެއެވެ. ޕަންޖާބީ ބަހުގައި ވާޝާ (Vaśa) ހިމެނެއެވެ. ޓެލުގޫ ބަހުގައި ވަންޝަމް (Vanśaṁ) ހިމެނެއެވެ. މަލަޔާޅަމް ބަހުގައި ވަންޝަޕަރަމްޕަރާ (vanśaparampara) ހިމެނެއެވެ. ހިންދީބަހުގައި ވަންޝާވަލީ (vanshaavalee)  ހިމެނެއެވެ. ބަނގުލާ ބަހުގައި ބަންޝަ(Banśa) ހިމެނެއެވެ. 
އާދެ! އިސްވެ މި ބަޔާންކުރި އެކިއެކި ބަސްބަހުގެ ލަފުތަކަށް ނަޒަރެއް ހިންގައިލުމުން ވެސް، އެ ބަސްބަހުގައި ހުރި "ތިމާގެކަން" ހާމަ ވެގެންދެއެވެ. ހަމަ އެހެންމެ އެ ބަސްބަހާއި ދިވެހިބަހާއި ގުޅުންހުރި މިންވަރު އެނގިގެންދެއެވެ. މި ދެންނެވި އެއްގޮތްކަން ހުރި ނަމަވެސް، ދިވެހިބަހުގެތެރެއަށް އައިސްފައިވާ "ވަންޝަ" އިގެ އަސްލަކީ ސާންސްކުރިތު ލަފުޒެއްކަމަށްވާ "ވަމްޝަ"(vamsha) އެވެ. 
އަލްއުސްތާޛުލް މަރުޙޫމު އިބްރާހިމް ޝިހާބު ވިދާޅުވިފަދައިން، އަބަދުވެސް ބަސް ދާނީ ފުރޮޅެމުން ބަދަލުވަމުން އާބަސްތަށް އުފެދެމުންނެވެ. ދިވެހި ބަސްފޮތަށް ނަޒަރެއް ހިންގައިލާއިރު، ވަންސަ، ވަންހަ، ވަންގަ މި ތިން ލަފުޒަކީ ވެސް "ދަރިކޮޅު"ގެ މާނަކުރެވޭ ލަފުޒުތަކެކެވެ. ޒަމާންތައް ދައުރު ވަމުންދިޔަހެން، "ވަންޝަ" މި ލަފުޒު ފުރޮޅެމުން އައިސް ވަންސައަށް ބަދަލުވީކަމުގައި ލަފާކުރެވެއެވެ. "ވަންސަ" މި ލަފުޒު، ވަންހައަށް ބަދަލުވީކަމުގައި ލަފާކުރެވެއެވެ. ފާހަގަލަންޖެހޭ މުހިއްމު ނުކުތާއަކީ، އެވޭލާ ޒަމާނުގައި ބޭނުންކުރި ޝީނުން(ޝ) ފެށޭ ނުވަތަ ސީނުން(ސ) ފެށިފައިވާ ބައެއް ލަފުޒުތައް، މިހާރު ކިޔަމުން އަންނަނީ ހާގެ(ހ) އަޑުން ކަމުގައެވެ. މި ގޮތުން ބަލާއިރު، "ވަންސަ" އިގައި އޮތް ސީނު(ސ)، ހާ(ހ)އަކަށް ބަދަލުވެ "ވަންހަ" އަށް ބަދަލުވީކަމުގައި ފެނެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *