އެއްކަމެއް އެކަކަށް، އެއްތަނެއްގައި، އެއްގޮތަކަށް ނުވަތަ އެއްވަގުތެއްގައި ހިނގުމަށް އިއްތިފާޤޭކިޔެއެވެ. އިންތިފާޤުން އަބަދު ދިމާވާނީ ރަގަޅު ނުވަތަ ނުރަގަޅު ކަންތަކެއްނޫނެވެ. ދެ ގޮތަށްވެސް ކަންހިނގައެވެ. ތިރީގައި މި ބަލާލަނީ މާޒީގައި ހިނގާފައި ހުރި، ގަބޫލުކުރަންދަތި ބައެއް އިއްތިފާޤްތަކަށެވެ.

1. ވަޔޮލެޓް ޖެސޮޕް ( 2 އޮކްޓޯބަރ 1887 – 5 މެއި 1971)

ވަޔޮލެޓް އަކީ މަނަވަރުތަކުގައި މަސައްކަތްކުރުމަށް ތަމްރީނުކުރެވިފައިވާނަރުހެއްގެ އިތުރުން، ފަސިންޖަރުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަޒީފާ އަދާކުރި، އައިރިޝްދަރިކޮޅަށް ނިސްބަތްވާ، އާޖެންޓީނާގެ އަންހެނެކެވެ. ވަޔޮލެޓްގެ ނަން ތާރީޚް ފޮތްތަކަށް އެރީ ވަޔޮލެޓް މަސައްކަތް ކުރި 3 މަނަވަރު، ތަފާތު 3 ހާދިސާގައި ހަލާކުވެ ނުވަތަ އަޑިއަށް ދިޔަ އިރު ކޮންމެ ފަހަރަކުވެސް ވަޔޮލެޓް ސަލާމަތްވެފައި ވުމުންނެވެ. އެންމެ ފުރަތަމަ ހާދިސާ ހިނގީ 1911 ވަނައަހަރުއެވެ. ވަޔޮލެޓް މަސައްކަތްކުރި "އޮލިމްޕިކް"، އިނގިރޭސި ހަނގުރާމަތީމަނަވަރެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވީއިރު ވަޔޮލެޓް އެ މަނަވަރުގައި ހުއްޓެވެ. 1912 ވަނަ އަހަރު، މަޝްހޫރު "ޓައިޓޭނިކް" އަޑިޔަށް ދިޔަދަތުރުގައި ވަޔޮލެޓް ހުރީ، އިނގިރޭސިބަސް ރަގަޅަށް ދޭހަނުވާމީހުންނަށް ސަލާމަތީ އިރުޝާދު ދޭށެވެ. މި ހާދިސާއިން ވަޔޮލެޓް ސަލާމަތްވީ ކުޑަ ކުއްޖަކުގޮވައިގެން ލައިފްބޯޓަށް އެރުމުންނެވެ. ތިންވަނަ ހާދިސާއަކީ 1916ވަނަ އަހަރު "ބްރިޓެނިކް" ގައި ގޮތްނޭނގޭ އެއްޗެއްގޮވާ، މި މަނަވަރު އަޑިޔަށް ދިޔަ ހާދިސާއެވެ. މި ހާދިސާގައި 30 މީހުންމަރުވިއިރު ވަޔޮލެޓް ސަލާމަތްވިއެވެ. މިހުރިހާ މަނަވަރު ތަކަކީ އެއް ކުންފުންޏަކަށް ނިސްބަތްވާ މަނަވަރުތަކަށްވުން އެއީވެސް ކުޑަ އިއްތިފާޤެއްނޫނެވެ.

2. މާރޓިން ޔަންހް

2014 ވަނަ އަހަރަކީ މެލޭޝިއަން އެއަރ އަށް ވަރަށް ބަދުނަސީބު އަހަރެކެވެ. މި އެއަރލައިންގެ އެއް ބޯޓަށް ޔޫކްރެއިން އިން ހަމަލާދީ ވައްޓާލިއެވެ. އަނެއް ހާދިސާގައި ގެއްލުނުބޯޓާއި ބެހޭ ސާފު އެއްވެސް މައުލޫމާތެއް ނުލިބެއެވެ. ބޮޑަށް ބެލެވެނީ އިންޑިޔާކަނޑަށް ވެއްޓުނީ ކަމަށެވެ.މި ދައްކަނީ މަޝްހޫރު އެމް.އެޗް 370 ގެ ވާހަކައެވެ. މިއީ އޭވިޝަންގެ ތާރީޚުގައި ހިނގަދިޔާ އެންމެ އަޖައިބު ކުރުވަނިވި ހާދިސާއެވެ. ނެދަރލެންޑްގެ ބައިސްކަލު ދުއްވުންތެރިޔާ މާރޓިން ޔަންހް ހާމަކުރާ ގޮތުގައި، އޭނާވަނީ މި ދެ ފްލައިޓުން ދަތުރުކުރުމަށްވެސް ޓިކެޓްނަގާފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެހެންތާރީޚަކަށް ބަދަލުކުރީ، އެއަށްވުރެ އަގުހެޔޮކޮށް ޓިކެޓްލިބޭތީއެވެ.

3. ސުޓޮމޯ ޔަމަގުޗީ (16 މާރޗް 1916 – 4 ޖެނުއަރީ 2020)

ޖަޕާނުގެ ސުޓޮމޯ ޔަމަގޫޗީއަކީ ވަރަށް އާދަޔާ ޚިލާފްގޮތަކަށް، އެޓޮމިކް ބޮމުގެ ދެޙަމަލާއަކުން ސަލާމަތްވެފައިވާ މީހެކެވެ. ނަގަސާކީގައި ރަށްވެހިކަން އޮންނަ ސުޓޮމޯ ހިރޯޝިމާއަށް ގޮސްހުރީ އޮފީސް ދަތުރެއްގައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެތަނުގައި ހުއްޓާ 1945 ވަނަ އަހަރު އޮގަސްޓް 6 ވަނަ ދުވަހު ގޮއްވާލި އެޓަމިކް ބޮމުގެ ހަމަލާގައި އޭނާ ޒަޚަމްވިއެވެ. ޖެހިގެން އައި ދުވަހު ސުޓޮމޯ އެނބުރި ހިރޯޝިމާއަށް ދިޔައެވެ. އަދި ލިބިފައިވާ ޒަޚަމްތަކާއި އެކުވެސް އޮގަސްޓް 9 ވަނަ ދުވަހު އޮފީހަށް ނިކުތެވެ. ހަމަ އެދުވަހު ދެވަނަ އެޓަމިކް ބޮން ގޮއްވާލީ ނަގަސާކީގައެވެ. މި ދެ ޙަމަލާގެ އަސަރު 70 މީހަކަށް ކުރިއެވެ. ނަމަވެސް ދެ ހަމަލާއިންވެސް ސަލާމަތްވެފައިވާ ކަމަށް ރެކޯޑްތަކުން ފެންނަންހުރި ހަމަ އެކަނި މީހަކީ ސުޓޮމޯއެވެ. މިއަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ސުޓޮމޯ މަރުވީ ބަނޑުގެ ކެންސަރުގައި އުޅުމަށްފަހުއެވެ.

4. ރޯއީ ސުވިލަން (7 ފެބްރުއަރީ 1912 – 28 ސެޕްޓެމްބަރ 1983)

މީހެއްގެ ގަޔަށްހޮނުއެޅުމަށްފަހު ސަލާމަތްވުމުގެ ފުރުސަތުވަރަށްކުޑަވާނެއެވެ. އެހެންކަމަށްވަންޏާ އެއްވެސް މީހެއްގެ ގަޔަށް ދެފަހަރު ހޮނުއެޅުންވާނީ ވަރަށް ނާދިރު ކަމަކަށެވެ. ވިސްނާލާށެވެ. ހަތްފަހަރު ހޮނުއެޅުމަށްފަހު ސަލާމަތްވެއްޖެނަމަ އެއީ އިއްތިފާޤުގެ އިންތިހާހެއްޔެވެ؟ އެމެރިކާގެ ރޯއީ ސުވިލަންއަކީ މިކަން ތަޖުރިބާކޮށް ދުނިޔޭގެ ރެކޯޑްފޮތުން ޖާގަލިބިފައިވާ ހަމައެކަނި މީހާއެވެ. ރޯއީ ގަޔަށް އެންމެ ފުރަތަމަ ހޮނުއެޅީ 1942 ގައެވެ. ހޮނުގެ އަސަރުބޮޑަށްކުރީ ފަޔަށްކަމުން ފައިގެ ބޮޑުވައި އިނގިލީގެ ނިޔަފަތި ނެއްޓިގެންދިޔައެވެ. 1969 ގައި ދެވަނަފަހަރަށް ހޮނުއެޅިއިރު އޭނާ ދިޔައީ ފަރުބަދަމަތީ މަގެއްގައި ދުއްވަމުންނެވެ. އެފަހަރު ރޯއީގެ ބުމަ އަނދާ، ހޭނެތުނެވެ. ތިންވަނަ ހާދިސާ ހިނގީ 1970 ވަނަ އަހަރު އޭނާގެ ގޭގެ ދޮރުމަތީގައި ހުއްޓައެވެ. މިފަހަރު ފިހުނީ އޭނާގެ ކޮނޑެވެ. ހަތަރުވަނަ ހާދިސާހިނގީ 1972 ވަނަ އަހަރު އޭނާ މަސައްކަތްކުރާތަނުގައި ހުއްޓައެވެ. އެފަހަރު ބޮލަށް ހޮނުއަޅާ އިސްތަށިގަނޑުގައި ރޯވިފަހުން ރޯއީ ދާތާކަށް ވިއްޔާ ފެން ޖަގެއް ގެންދެއެވެ. 1973 ގައި ހޮނުއެޅިއިރު ރޯއީ އިނީމަގުމަތީގައި އޭނާގެ ކާރުގައެވެ. ހޮނުއެޅުމުން ވިއްސައިގެންގޮސް ކާރުން ބޭރަށް ރޯއީ ވެއްޓި، އެފަހަރުވެސް އިސްތަށިގަނޑުގައި އަލިފާން ރޯވިއެވެ. ހަވަނަ ފަހަރު ހޮނުއެޅީ ކުޅިވަރު ކުޅޭ މައިދާނެއްގައި ހުއްޓައެވެ. 1974 ގައި ހިނގި މިހާދިސާގައި އަނިޔާވީ އޭނާގެ ކުޑަހުޅަށެވެ. ހަތްވަނަފަހަރު ހޮނުއެޅީ 1977 ވަނަ އަހަރު އޭނާ މަސްބާނަން އުޅެނިކޮށެވެ. އެފަހަރު ބަނޑު އަދި މޭ ފިހިގެން ލިބުން ޒަޚަމްތަކަށް ފަރުވާދޭން ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހުނެވެ. 1983 ގައި ރޯއީ މަރުވީއަމިއްލައަށް ބޮލަށް ބަޑިޖަހައިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.