ހުޅުމާލޭގައި 3 ބިދޭސީންނަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި 3 ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ބުނީ، އެމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި ތިންވަނަ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ފަތުރުވެރިންނަށް އަމާޒުކޮށް އެހަމަލާތައް ދީފައިވަނީ ހަރުކަށި ދީނީ ފިކުރުގެ ބައެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މިހާތަނަށް 3 މީހުން ހައްޔަރުކޮށްފައި ވާއިރު އެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ. މިހަމަލާއަކީ އައި.އެސްގެ ރާއްޖޭގެގޮފިން ދިން ހަމަލާއެއްކަމަށް ދައުވާކުރާ ބަޔަކު ނެރުނު ވީޑިއޯއެއް އިއްޔެއިންފެށިގެން މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ވަނީ ތޫނު އެއްޗަކުން ހަމަލާދީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ މީހަކާއި އޮސްޓްރޭލިއާ މީހަކު ޒަޚަމްކޮށްލާފައެވެ.