ރާއްޖޭގައި ކުރިއަށް ބޭވުމަށް ތައްޔާރު ވަމުންދާ ލޯކަލް ކަައުންސިލް އިންތިހާބަށް ކުރިމަތި ލުމަށްޓަކައި ބޭނުންވާ ކުށުގެ ރިކޯޑް ސާފުކޮށްދޭ ވަގުތު އިތުރުކޮށްފިއެވެ. އެގޮތުން ހައިކޯޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކުށުގެރެކޯޑް ސާފުކުރުމުގައި ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން އެމައްސަކަތް ކުރާ ގަޑިތައް އިތުރުކޮށްފައި ވާކަމަށެވެ.
އެގޮތުން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހަވީރު 4:30 އާއި ހަމައަށް އަދި ރޭގަނޑު 7:00 އިން ފެށިގެން 10:00 އާއި ހަމައަށް ހައިކޯޓް ހުޅުވިފައި ހުންނާނެ ކަމަށް ކޯޓުން މައުލޫމާތު ދެއެވެ. އަދި މިީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 2:30 އިން އިރުއޮއްސި 6:30 އަށް ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ރެކޯޑް ސާފުކުރުމަށް ހުށަހެޅޭނެ ކަމަށްވެސް ކޯޓުން ކުރި ޓްވީޓްގައި ވަނީ ބަޔާން ކޮށްފައެެވެ. އަދި މީގެ އިތުރުން ކުށުގެ ރިކޯޑް ސާފުކުރުމަށް ހުށަހެޅޭ ފޯމްތައް ދުވަހުން ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް މިޓްވީޓްގައި ވަނީ ހާމަކޮށްފައެވެ.