މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ފަތުރުވެރީން ތަކަކަށް ތޫނުހަތިޔާރުން ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށް ތަޚްޤީޤް ކުރެވެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުން ހުޅުމާލޭގެ މަގުމަތިން ފަތުރުވެރިންނަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ މޫނުނިވާވާގޮތަށް ހެލްމެޓް އަޅައިގެންތިބި ބައެއްކަމަށާއި، އަދި އެމައްސަލައިގެ ތުުހުމަތުގައި ދެމީހަކު ހައްޔަރުކުރެވިފައި ވާކަމަށްވެސް ވިދާޅުވިއެވެ. ހަރުކަށި އިސްލާމީ ފިކުރަށް ތާޢީދުކުރާ ބަޔަކު ފަތުރުވެރިކަމަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްކަމަށް ޝައްކުކުރެވޭ، މިހަމަލާ އަމާޒުވެފައިވަނީ ޗައިނާގެ ދެފަތުރުވެރިއަކާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ.
ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަބަރުތައް ގެނެސްދޭ ޓެލެގްރާމް ޗެނަލަކުން އެހަމަލާގެ ޒިންމާ އެޖަމާޢަތުން ނަގާކަމަށް ބުނެ، ބަޔަކު ވާހަކަ ދައްކާ ވީޑިއޯއެއް ރޭގައިވަނީ އާންމުކޮށްފަ އެވެ.
ރޭ އާންމުވެފައިވާ މިދެންނެވި ވީޑިއޯގައި ފެންނަނީ، މޫނު ނިވާކޮށްގެންތިބި ތިންމީހުންގެ ތެރެއިން މެދުގައި ހުންނަމީހާ ވާހަކަ ދައްކަމުންދާ މަންޒަރު އެކަންޏެވެ. އޭނާގެ ވާހަކައިގައި ބުނެފައިވާގޮތުން، އެހަމަލާ ދިނުމުގެ މަޤުސަދުގެ ތެރޭގައި ހިމެނެނީ، ރާއްޖެއަކީ ކާފަރުންނަށް ސުވަރުގެއެއް ކަމަށް ހީވެފައި އޮންނަ ހީވުން ބަދަލުކޮށްލުން ކަމަށާއި އަދި މިފަދަ ހަމަލާތަށް ކުރިއަށްއޮތް ތަނުގައިވެސް ދެމުންގެންދާނޭ ކަމުގައެވެ. ދިވެހި ބަހާއި، އަރަބި، އަދި އިނގިރޭސި ބަހުން ވާހަކަ ދައްކަމުން އޭނާ ވަނީ، ޖިހާދު ކުރުމާ ގުޅޭގޮތުންވެސް ވާހަކަދައްކައި އިންޒާރުތަކެއް ދީފައެވެ.
މިވީޑިއޯގެ ޞައްހަކަން ފުލުހުން ކަށަވަރުކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.