ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި އެކު އެންމެބޮޑު ވާދަވެރިކަމެއް އައިސްފާވަނީ، އުމްރާނީ ތަރައްޤީއަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކުދި ރަށްތަކުގައި ވަކިވަކި ފަރުދުންގެ މެދުގައެވެ. ބޮޑެތި ގައުމުތަކުގައި ކުންފުނިތަކުގެ މެދުގައެވެ. ދޭދޭ ގައުމުތަކުގެ މެދުގައި މި ވާދަވެރިކަން އޮތީ މުޅިން ތަފާތުގޮތަކަށެވެ. ކޮންމެބަޔަކުވެސް ބޭނުންވަނީ ކޮންމެވެސް ރެކޯޑް ފޮތަކުން ނުވަތަ ލިސްޓަކުން ޖާގަ ހޯދާށެވެ. އެގޮތުން މިއަދު މި ބަލާލަނީ އިންސާނުންކޮށްފައިވާ އެންމެބޮޑު 10 ބިނާއަށެވެ.

1. ނިއު ސެންޗަރީ ގްލޯބަލް ސެންޓަރ

ޗައިނާގެ ޗެންދޫގައި ހެދިފައިވާ މިބިނާގައި 1،760،000 އަކަމީޓަރު ހުރެއެވެ. މިއީ ކިހާބޮޑު ސައިޒެއްކަން އަންދާޒާކޮށްލަން ބޭނުންނަމަ، އެމެރިކާގެ ޕެންޓަގަން ހިތަށް ގެންނާށެވެ. ޕެންޓަގަންގެ ތިން ގުނައެވެ. މިތަނުން އަހަރެމެނަށް ފެންނާނީ ކޯޗެއްތޯ ސުވާލު ކުރުމުގެ ބަދަލުގައި، މިތަނުން ނުފެންނާނީ ކޯޗެއްތޯ އަހާށެވެ. މާނައަކީ ވަރަށް ގިނަ ކަންތައްތައް މިތަނުގެ ތެރޭގައި ކުރެވެން ހުންނާނެއެވެ. ފިހާރަތަކާއި، ތިއޭޓަރތަކާއި، ވޯޓަރޕާރކްގެ އިތުރުން ފައްޅިއާއި ބޮޑު ހޮޓަލެއް ހުރެއެވެ. އައިސް ސްކޭޓިން ރިންކް، އޮފީސްތައް، އިންޑޯރ ސްވިމިންގ ޕޫލްގެ އިތުރުންވެސް ވަރަށް ގިނަ ތަންތަން މިތަނުގައި ހުރެއެވެ. މިއީ އެންމެ ޢިމާރާތެއް ނޫނެވެ. މިއީ ހަތަރު ޢިމާރާތެވެ. މަޝްހޫރު ދަ ގްލޯބަލް މޯލް، ދަ އިންޓަރކޮންޓިނެންޓަލް ހޮޓެލްގެ އިތުރުން ދަ ޕެރެޑައިސް އައިލެންޑް ވޯޓާރޕާރކްވެސް ހުންނަނީ މިތަނުގައެވެ.

2. ދުބާއީ އިންޓަރނެޝަނަލް އެއަރޕޯޓް ޓަރމިނަލް 3

މި ޓަރމިނަލް، ނިއު ސެންޗަރީ ގްލޯބަލް ސެންޓަރަށް ވުރެ ކުޑައީ އެންމެ 47،000 އަކަމީޓަރެވެ. އެވަރުން ވެސް މިއީ ވަރަށް ބޮޑު ޓަރމިނަލެކެވެ. މިޓަރމިނަލްގެ އެންމެ ޝައުގުވެރިކަމަކީ މިއީ ހަމަ އެކަނި އެމިރޭޓްސް އެއަރލައިން ޚާއްސަކުރެވިފައިވާ ތަނެއްކަމެވެ. މިޓަރމިނަލުން އަހަރަކު 70 މިލިއަން ދަތުރުވެރިންނަށް ޚިދުމަތްދެވޭނެއެވެ. ފުރާމީހުނާއި އަންނަމީހުނަށް ޚާއްސަ ސަރަޙައްދުގެ އިތުރުން، ޗެކިން އޭރިޔާއާއި، ފިހާރަތަކާއި، ރެސްޓޯރެންޓް އަދި ސްޕާގެ އިތުރުން ހޮޓަލެއްވެސް ހުރެއެވެ. ޖުމްލަކޮށް ބުނާނަމަ މިތަނުގައި މީހަކަށް ދިރިއުޅެވިދާނެއެވެ.

3. އަބްރަޖް އަލްބައިތު އެންޑޯމެންޓް

ތިންވަނައަށް އޮތީ ސަޢުދީ ޢަރަބިއްޔާގެ އަބްރަޖް އަލްބައިތު އެންޑޯމެންޓެވެ. މިއީ މައްކާގެ ރޯޔަލް ކްލޮކް ޓަވަރު ހިމެނޭ އިމާރާތެވެ. މިއީ މިގައުމުގައި ހުރި އެންމެ އުސް އިމާރާތެވެ. އަދި މުޅި ދުނިޔެއިން ހަތަރުވަނަ އަށް އެންމެ އުސް އިމާރަތަކީ ވެސް މި އިމަރާތެވެ. މިތަނުގެ ބޮޑުމިނުގައި 1،575،820 އަކަމީޓަރު ހުރެއެވެ. ޗައިނާގެ ގްލޯބަލް ސެންޓަރ ފަދައިން މިތަނުގެ ތެރޭގައިވެސް ތަފާތު އެކި ޚިދުމަތް ދޭ ތަންތަން ހެދިފައެވެ. ހޮޓަލާއި، އެޕަރޓްމަންޓްތަކާއި، މިސްކިތާއި، ޕަރކިންގް އޭރިޔާއާއި، ބަސް ސްޓޭޝަނުގެ އިތުރުން ފިހާރަތައް ހުރެއެވެ. ދިރިއުޅެން އެންމެފަސޭހަ އެއްތަނަކަށް މިތަންވާނެއެވެ.

4. އާލްސްމީރު ފްލާވަރ އޮކްޝަން

ލިސްޓްގެ ހަތަރުވަނަ ޖާގަހޯދީ ހޮލެންޑުންނެވެ. މި މާ ބާޒާރުގައި 990،000 އަކަމީޓަރު ހުރެއެވެ. މިތަނަކީ ދުވާލަކު 20 މިލިއަން އަދި އަހަރަކު 12 ބިލިއަން މަލުގެ ވިޔަފާރިކުރެވޭ ތަނެކެވެ. ވަށިގަނޑާއި ގާޑިޔާތަކުގައި އެތުރިފައިވާ މަލުގެ އިތުރުން މާ ނީލަން ކިޔާ ބައެއްވެސް މިތަނުގައި ވެއެވެ. މިއީ ހޮލެންޑުގައި ޒިޔާރަތްކުރެވޭ އެންމެ މީރުވަސް ދުވާ ތަނަށް ވާނެއެވެ.

5. ދަ ވެޓިކަން މަކާއު

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް އަދި ރިޒޯޓް މިއަންނަނީ ލިސްޓްގެ ފަސްވަނައަށެވެ. ތަނުގެ ބޮޑުމިނަކީ 980،000 އަކަމީޓަރެވެ. މިތަނަށް އަންނަމީހުނަށް އެންމެފާހަގަކޮށްލެވޭނެ ކަމަކީ މިތަނުގެ ފުރާޅުތައް ހެދިފައިވާގޮތާއި، ދެމިގެންވާ ފެންކޯރުތަކާއި، ވެޓިކަންގެ ފާޑުވެރިކަން ދައްކައިދޭ ރީތިކަމާއި ހައިބަތުކަމެވެ. މިތަނުގައި ފިހާރަތަކާއި، ކެސީނޯއާއި، ރެސްޓޯރެންޓްތަކާއި، ތިއޭޓަރުތައް ހުރެއެވެ. މިތަނުގައި އެންމެ މަޝްހޫރުބަޔަކީ މިތަނުގެ ކެސީނޯއެވެ.

6. ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓް ޓަރމިނަލް 3

ޗައިނާގެ އެންމެ ކާރުބާރު ބޮޑު އެއަރޕޯޓް މިލިސްޓްގެ 6 ވަނަ ހޯދީ 968،000 އަކަމީޓަރާއި އެކުގައެވެ. އެހެން އެއަރޕޯޓްތަކެކޭ އެއްގޮތަށް މި ޓަރމިނަލްގައިވެސް ބޭންކްތަކާއި ލައުންޖްގެ އިތުރުން ޕާރކްކުރާނެ ޖާގަ ހެދިފައި ހުރެއެވެ. ނަމަވެސް އެންމެ ޝައުގުވެރިވާ ކަމަކީ، މިތަނުގައި ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި، ގާތުންދޭ ކޮޓަރިތަކާއި ޕޯސްޓް އޮފީހުގެ އިތުރުން ފެންއަރުވާވަޑާންތައް ހެދިފައިވެއެވެ. މިތަނަށް ގެއްލުނަސް ދެރަވާކަށް ނުޖެހޭނެއެވެ.

7. ސޭންޑްސް ކޮޓައި ސެންޓްރަލް

މިތަނުގެ ބޮޑުމިނުގައި 890،000 އަކަމީޓަރު ހުންނައިރު މިތަނުގައި އެޕަރޓްމަންޓްތަކާއި، ކެސީނޯއާއި، ހޮޓަލާއި ކޮންފަރެންސް ރޫމްތަކާއި، ރެސްޓޯރަންޓް އަދި ކުޅިވަރު ކުޅޭން ޚާއްސަތަންތަން ހެދިފައިވެއެވެ.

8. ސެންޓްރަލް ވޯރލްޑް

މިއީ އޭޝިޔާގެ ވިޔަފާރީގެ މަރުކަޒެއްކަމުގައިވާ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ މިޝޮޕިން މޯލްގައި 830،000 އަކަމީޓަރުހުރެއެވެ. މިތަން ފަރުމާކޮށްފައިވަނީ މަގުމަތީގައި ވިޔަފާރިކުރާހިސާބެއް ސިފަވާގޮތަށެވެ. މިތަނުގެ ފާރުތަކާއި ފުރާޅުގައިވާ ބިއްލޫރީގެ ސަބަބުން އިރުގެ އަލިން މުޅިތަންވަނީ އަލިވެފައެވެ. މިއީ އެއްދުވަހުން ބަލާލެވޭވަރަށްވުރެ ބޮޑުތަނެކެވެ.

9. ބަރޖާޔާ ޓައިމްސް ސްކޮޔަރ

މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ހުންނަ މިބިނާ މިލިސްޓްގެ ނުވަވަނައަށް އެރީ 700،000 އަކަމީޓަރުގެ ބޮޑުމިނާއިއެކުގައެވެ. މިއީ ދުނިޔޭގައިވާ 13 ވަނައަށް އެންމެ ބޮޑު ޝޮޕިންގ މޯލްއެވެ. މިތަނުގައި އެޕަރޓްމަންޓްގެ އިތުރުން، އޮފީސްތަކާއި، ހޮޓެލް އަދި އިންޑޯރ ތީމް ޕަރކެއްވެސް ހިމެނެއެވެ. މި ބިނާގައި 48 ފަންގިފިލާގެ 2 ޓަވަރު ހިމެނެއެވެ.

10. ސެންޓްރަލް ޕަރކް ޖަކާޓާ ކޮމްޕްލެކްސް

މިއީ އިންޑޮނޭޝީޔާގެ ޖަކާޓާގައި ހުންނަ 655،000 އަކަމީޓަރުގެ ޝޮޕިންގ މޯލްއެކެވެ. އެހެންތަންތަނާއި އެއްފަދައިން މިތަނުގައިވެސް ހޮޓެލް، އޮފީސް، އަދި ޕާރކިންގ އޭރިޔާތައް ހެދިފައިވެއެވެ. މިތަނުގެ އެންމެ ޚާއްސަކަމަކީ މިތަނުގެ ޕަރކިންގ އޭރިޔާގައި ހުންނަ މިއުޒިކަލް ފައުންޓަންތަކުގައި ކޮންމެ ދުވަހަކު ތަފާތު ޝޯތައް ބާއްވާކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *