ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ އަހްމަދު ހިޝާނަށް ގައުމީ އިނާމް ދިނީ ކުށުގެ ރެކޯޑެއް އޭރުގައި ނެތްކަން ކަށަވަރު ކުރުމަށް ފަހުކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާރ އަނީސާ އަހްމަދު ވިދާޅުވީ ގައުމީ އިނާމަށް އެދި ހުށަހަޅާ މީހަކަށް އިނާމު ދިނުމުގެ ކުރިން އެ މީހެއްގެ ކުށުގެ ރެކޯޑު އޮތްތޯ އަބަދުވެސް ކޮމިޓީން ބަލާ ކަމަށެވެ. އިނާމެއް ދޭން ނިންމަނީ ފުލުހުންނާއި ކޯޓުން އެ މައުލޫމާތެއް ސާފު ކުރުމުގެ ފަހުން ކަމަށެވެ.
އަނީސާ ވިދާޅުވީ، ގައުމީ އިނާމަށް އެދި ހުށަހަޅާއިރު ވެސް އެ ހުށަހަޅާ މީހަކު އޭނާގެ ޕޮލިސް ރެކޯޑް ހުށަހަޅަން ޖެހޭ ކަމަށެވެ. ޕޮލިސް ރެކޯޑަށް މީހަކު އެދުމުން ފުލުހުން ދޭނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ރެކޯޑް ކަމަށާއި އޭގެ އިތުރަށް އޭގެ ކުރިން ވެސް ކުށުގެ ރެކޯޑެއް އޮތްތޯ ކޮމިޓީން ބަލާ ސާފު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާާރު ވެސް ހިޝާންގެ މައްޗަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށާއި، ޝަރުއީ ކޯޓެއްގައި ކުށް ސާބިތުވެފައި ނުވާތީ، އަދި އޭނާގެ އަތުން އިނާމު އަތުލަން ކޮމިޓީއަށް ނުނިންމޭނެ ކަމަށްވެސް އަނީސާ ވިދާޅުވިއެވެ. ގައުމީ އިނާމު މީހަކަށް ދިނުމަށް ފަހު، އޭނާގެ އަތުން އެ އިނާމު އަތުލެވޭނެ ގޮތްތައް ގައުމީ އިނާމު ދިނުމާ ބެހޭ އުސޫލުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެއިން ހާލަތަކަށް އަދި ނުދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ދަނީ ހިޝާނާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އަދި އޭނާ ބޭރަށް ފުރައިގެން ދިޔަނުދީ ވަނީ ހިފަހައްޓައިފަ އެވެ. ސޯޝަލް މީޑިއާގައި ވެސް ހިޝާންގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.