ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލަންޑަނަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި ކޮމަވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާނެ ކަމަށެވެ. ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ގައުމުގެ ގޮތުގައި ރާއްޖެ އަލުން އެޖަމިއްޔާއަށް ވަނުމާ ގުޅިގެން ލަންޑަނުގެ މަލްބަރޯ ހައުސްގައި ރާއްޖޭގެ ދިދަ ނެގުން އޮންނާނީ 6 ފެބްރުއަރީގައެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު މިނިސްޓަރު ޝާހިދު ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލުކޮށްދެއްވާނެއެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެމްބަރު އެހެން ގައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައި ކޮމިޝަންތަކަށް ބަދަލުވެގެންދާނެއެވެ.
ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.