ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުގެ އިތުރުގަޑީގައި މުވައްޒަފުން ލައްވާ މަސައްކަތް ނުކުރުވުމަށް މިއަދު ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހުރިހާ އޮފީހަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ އަންގާފައެވެ. މިފިޔަވަޅުތައް އަޅަނީ ކޮރޯނާވައިރަސްގެ ސަބަބުން މިއަހަރު ރާއްޖޭގެ އިޤުތިޞާދު ދަށަށް ދާނެ ކަމަށް ލަފާކުރެވޭތީ ކަމަށް ވެސް ސާކިއުލާގައި ބުނެފައި ވެއެވެ.
އިތުރު ގަޑީގެ މަސައްކަތް ކުރުން މަނާ ކުރުމުގެ އިތުރުން، ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް މިހާރު ދޭން ފަށާފައި ނުވާ އާ އެއްވެސް އެލަވަންސެއް މި އަހަރުގެ ތެރޭގައި ދޭން ނުފެށުމަށް ވެސް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވަނީ އަންގަވާފައެވެ.
މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި ޕޭ-ރިވިއު ބޯޑުން ދިރާސާ ކުރުމަށް ފަހު ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގަވާފައެވެ.