ނޯޓް: މިއީ މިނޫހުގެ ކިޔުންތެރިއަކު ހިއްސާކޮށްފައިވާ ހަގީގީ ހާދިސާއެކެވެ. އާންމުންނާއި ހަމައަށް މިގެނެސްދެނީ ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައެވެ.

ސަނާ (އަސްލުނަމެއް ނޫން) އަކީ އަވަށްޓެރި ސްރީލަންކާގައި ވަޒަންވެރިވެގެން އުޅޭ، ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ. 2019 ވަނަ އަހަރު އޭޕްރިލް މަހު ލިބުނު ސްކޫލު ޗުއްޓީގައި ސަނާ ރާއްޖެ ދިޔައީ އާއިލާގެ މެމްބަރުންނާއި މައިންބަފައިން ގާތަށެވެ. މާލެ ދިޔަ ދުވަހު މާލެއިން ރައްޓެސަކާއި ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރެއިން، ދުވަސްކޮޅަކު މާލޭގައި ހުރުމަށްފަހު އުފަން ރަށަށް ދާން އުޅޭކަމާއި، ފްލައިޓުން ދާން ޓިކެޓް ނުލިބުމުން ދާންޖެހެނީ ކަނޑުބޯޓުންކަމަށް ބުންޏެވެ. ދެމީހުންނަކީ ވެސް ވަރަށް ގާތް ދެ ރަޙްމަތްތެރިން ކަމުން ވަރަށް ޒާތީ ކަންތައްވެސް ހިއްސާކުރެވުނެވެ. މިގޮތުން ސަނާ ރަށަށް ދާން ފުރަން ހަމަޖެހިފައިވާ ދުވަހު ސަނާ ޕީރިއަޑްވެފައި ހުރެދާނެ ކަމާއި، އެޙާލަތުގައި ދަތުރުކުރުމަށް އުނދަގޫވާނެތީ އެވާހަކަވެސް ދެކެވުނެވެ.

ކަންދިމާކުރިގޮތުން، މާލެއިން މި ދިމާވި ރަޙްމަތްތެރިޔާ އުމްރާއިން އައީ އޭގެ ކުޑަ ދުވަސްކޮޅެއްކުރިންނެވެ. އެހެންކަމުން އުމްރާގެ އަޅުކަމުގެ ދުވަސްވަރު ޕީރިއަޑް ލަސްކުރުމަށް ޑޮކްޓަރ ބޭހެއް ދިންކަމާއި، އެ ބޭސް ކެއުމަށް ބުންޏެވެ. އަދި ބޭހުގެ ފޮޓޯއެއް ފޮނުވާފައި ލިބެން ހުންނާނެ ބޭސް ފިހާރަ ވެސް ކިޔާދިނެވެ. މިއީ ގާތް ރަހްމަތްތެރިއެއްގެ ފަރާތުން ލިބުނު އިރުޝާދަކަށް ވެފައި، ދަތުރުކުރާ އިރު ފަސޭހަވާނެކަމަށް ގަބޫލުކުރެވިގެން ވަގުތުންގޮސް އެބޭސް ގަނެގެން ދުވާލަކު ގުޅައެއް ކާން ފަށައިފިއެވެ. އޭގެ 2 ހަފްތާފަހެވެ. ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ހިންގި ޓެރަރިސްޓް ހަމަލާތަކުގެ އެންމެފަހުގެ ޚަބަރުތައް ހޯދުމަށް ދުވާލު ހަތަރުދަމު ކަހަލަގޮތަކަށް ސަނާ އިންނަނީ، ފޯނާއި ލެޕްޓޮޕް ކައިރިއަށް ލައިގެން، އެވަރުން ނުފުދިގެން ޓީވީ ވެސް ހުޅުވައިގެންނެވެ. ސަނާވެސް ދަރިފުޅު ސްކޫލަށް ލައިގެން އުޅެމުންދާ ގައުމުކަމަށް ވުމުން ހާލަތު ބަދަލުވަމުން ދާގޮތް ކޮންމެހެން ބަލަން ބޭނުންވާނެތާއެވެ.

މިހެން އުޅެނިކޮށް ސަނާއަށް ފާހަގަވާން ފެށީ، ސަނާގެ ލޮލުގެ ފެނުން ފުސްވަމުންދާކަމެވެ. ކައިރިން އެއްވެސް އެއްޗެއް ބަލަން ވަރަށް އުނދަގޫ ވެއްޖެއެވެ. ފޯނުން ކަމެއްކުރަން ނާދިރު ޙާލަތަށް ގޮސްފިއެވެ. ފުރަތަމަ ހީކުރީ މާގިނައިން ސްކްރީނަށް ބެލޭތީ ވެގެން އުޅޭގޮތެއްކަމަށެވެ. ނަމަވެސް ދުވަހެއް ދުވަހެއް ގޯސްވަމުންދާތީ، އެންމެފަހުން ލޮލުގެ ޑޮކްޓަރަކަށް ދެއްކިއެވެ. ޑޮކްޓަރުބުނީ އައިނުއަޅަން ޖެހޭކަމަށެވެ. އައިނަކީ އެއްވެސް މީހަކަށް ފަސޭހަވެގެން އަޅާއެއްޗެއް ނޫންކަމުން މިކަންވީ ސަނާއަށް ވެސް ވަރަށް އުނދަގޫ ކަމަކަށެވެ. އަދި ޚާއްސަކޮށް 2 ހަފްތާއެއްހާ ދުވަސްތެރޭގައި ލޮލުގެ ފެނުމަށް މިހާ ބޮޑު ބަދަލެއް އައުމުން ސަނާހުރީ ވަރަށް ދެރަވެސްވެފައެވެ.

މަހެއްހާދުވަހު ރާއްޖޭގައި ހުރުމަށްފަހު ސަނާ އެނބުރި ލަންކާއަށް އަތުވެއްޖެއެވެ. އައިފަހުން ސަނާއަށް އަބަދު ރޮވެނީއެވެ. އެއްވެސް ކަމެއް ނުވެއެވެ. މީހަކު އެއްޗެއް ނުބުނެއެވެ. ބޭރުގައި އުޅުނަސް ހިފެހެއްޓުމެއްނެތި ރޮވެނީ އެވެ. ފުރަތަމަ ކޮޅު ސަނާ ހީކުރީ އާއިލާއާއި އެކުގައި އުޅެފައި އައުމުން އެމީހުން "މިސް"ވަނީ ކަމަށެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުން ގޮސް ދެދުވަސް ތިންދުވަސް ވަންދެން ނިދީގެ އެއްވެސް ކަމެއްނެތި އުޅެންޖެހުމުން، ސަނާ ގަސްތުކުރީ ނަފްސާނީބަލީގެ ޑޮކްޓަރަކަށް ދައްކައިގެން މިކަމަށް ހައްލެއްހޯދާށެވެ. ސަނާއަކީ، މީގެ އަށް އަހަރު ކުރިން، ފުރަތަމަ ދަރިފުޅު ލިބުމާއި އެކު " ޕޯސްޓް ޕާޓަމް ޑިޕްރެޝަން" ގައި އުޅެފައިހުރި ކުއްޖެއްކަމުން މިބާވަތުގެ ކަންކަމަށް ހޭލުންތެރިކަން ހުރެއެވެ.

ޑޮކްޓަރަށް ދައްކައިގެން ބޭސްކަމުން ކައުންސިލިންގ ވެސް ނަގަމުން ދަނިކޮށް ސަނާއަށް ފާހަގަވީ، އުރަމަތީގައި ވަރަށް ގަދަ ރިހުމެއް ހުންނަކަމެވެ. ޕީރިއަޑްދުވަސްވަރު ކާރިވުމުން ވެސް މިގޮތަށް ރިހުން ހުރިނަމަވެސް އެއަށްވުރެ ގަދަ ރިހުމެއް ހުންނާތީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކައިގެން، "މެމޮގްރާމް"ހެދިއެވެ. އޭގެ ނަތީޖާއިން ދެއްކީ ސަނާގެ އުރަމަތީގައި "ބެނައިން ޓިއުމަރ"ތަކެއް އުފެދިފައިވާ ކަމެވެ. މިއީ ކެންސަރަށް ބަދަލުވާ ޓިއުމަރެއް ނޫން ނަމަވެސް ގަވާއިދުން ސްކޭންކޮށް ބަލަންޖެހެއެވެ. 4 ވަރަކަށް ހަފްތާގެ ތެރޭގައި ސިއްޙީގޮތުން މިދިމާވި 3 ކަންތަކާއި އެކު ސަނާހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

މިހެން ހުއްޓާ ރޯދަމަސްފެށިގެން މެދަކާއި ހަމައަށް ގޮއްސިއެވެ. ކުއްލިއަކަށް ސަނާ ހަނދާންވީ , އެމަހުގެ ޕީރިއަޑް ދުވަސްވަރު ދިމާވަނީ ރޯދަމަހުގެ ފަހުދިހައިގެ ދުވަސްތަކާ ކަމެވެ. އެހެންކަމުން ގިނަވަގުތު އަޅުކަމުގައި ހޭދަކުރުމަށްޓަކައި ޕީރިއަޑް ލަސްކުރަން ކުރިންފަހަރު ކޭ ބޭސް ގަންނަން ހިތަށް އެރިއެވެ. އަދި ޖެހިގެން އައިދުވަހު ބޭސް ގަނެގެން އައިސް ބޭހާއި ބެހޭގޮތުން އޮތް މައުލޫމާތު ކަރުދާސް ކިޔާލިއެވެ. ކުރިން މާލެއިން ބޭސްގަތް އިރު އެއްވެސް ލިޔުމެއް ނުލިބެއެވެ. ލިބުނީ ވަކިން އިން ބޭސް ކާޑެކެވެ. ލަންކާއިން ބޭސް ގަތްއިރު އިނީ ކުޑަ ފޮއްޓެގައި، އެ ބޭހާއި ބެހޭ މައުލޫމާތު ހިމެނޭ ލިޔުމެއް އެތެރެއަށްލާފައެވެ. މިލިޔުން ކިޔާ ނިމުނު އިރު ސަނާއަށް އިނީ ރޮވިފައެވެ. ޑޮކްޓަރެއްގެ އިރުޝާދައި ނުލާ، މިބޭސް ބޭނުން ނުކުރުމަށް އެ ލިޔުމުގައި ވަރަށް ހަރުކަށި ޢިބާރާތުން އިންޒާރުދީފައި އޮތެވެ. ބޭސް ބޭނުން ކޮށްގެން ނުވާނޭ މީހުންގެ ލިސްޓްގައި، ކުރިން ޑިޕްރެޝަންއަށް ފަރުވާކޮށްފައިވާ މީހުންނާއި، "މައިގްރޭން" ގެ އުނދަގޫ ހުންނަ މީހުންގެ ތެރެއިން، މައިގެރޭން އެޓޭކް އަންނަ އިރު ލޮލުގެ ފެނުމަށް އުނދަގޫވާ މީހުންވެސް ހިމެނިފައިވެއެވެ. ސަނާގެ މައިގްރޭން އުނދަގޫވާއިރު ލޮލުގެ ފެނުން ފުސްވެއެވެ. ސަނާގެ ސިކުނޑިވެސް ގަނޑުވިކަހަލައެވެ.

ބޭސްސިޓީ އަކާ ނުލާ ފިހާރަތަކުން ލިބެންހުރި ބޭހެއް 2 ހަފްތާ ވަންދެން ކައިގެން، މިހާ ބޮޑެތި ސިއްޙީ މައްސަލަތަކެއް ޖެހިދާނެކަމަށް ގަބޫލުވެސް ނުކުރެވުނެވެ. ޖެހިގެން އަދި ދުވަހު ސަނާ ގޮސް ކުރިން ދެއްކި ދެ ޑޮކްޓަރުންނާއި ވާހަކަ ދައްކާ، ސަނާ އެބޭސް ބޭނުންކުރިކަމަށް އެއްބަސްވެއްޖެއެވެ. އަދި އެބޭހުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަތަކާއި ބެހޭގޮތުން ސުވާލު ކުރިއެވެ. ޑޮކްޓަރުންގެ ޖަވާބުތައް އިވިފައި ބުނާނެ އެއްޗެއް ނޭނގި ސަނާއަށް އިނދެވުނެވެ. ލޮލުގެ ފެނުންދަށްވުމާއި، ޑިޕްރެޝަންގެ އުނދަގޫ އަލުން ދިމާވުމާއި، އުރަމަތީގައި އުފެދުނު ޓިއުމަރުތަކަކީ އެ ބޭހުގެ "ސައިޑް އިފެކްޓްސް" ކަމުގައި ޔަގީނާއި ގާތަށް ބުނަން ކެރޭނެކަމަށް ހުރިހާ ޑޮކްޓަރުންވެސް ބުންޏެވެ. މިހުރިހާކަމެއްގެ ތެރެއިންވެސް ސަނާ އެންމެދެރަވީ ލޮލުގެ ފެނުމަށް ލިބުނުގެއްލުމުގެ ސަބަބުންނެވެ.

އެހެންކަމުން ކިތަންމެ އާދައިގެ ބޭހެއް ކަމަށް ހީވިޔަސް ޑޮކްޓަރުންގެ މަޝްވަރާ ނެތި އެއްވެސް ބޭހެއް ބޭނުންކޮށްގެން ނުވާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ދަތުރުފަތުރު ކުރުމުގައި މި ފަދަ ބޭސްބޭނުން ކުރާ އަންހެނުން އަންނަނީ ގިނަވަމުންނެވެ. ވިސްނަންވީ ކަމަކީ ވަގުތުކޮޅެއްގެ ފަސޭހައަށްޓަކައި ގިނަދުވަހަށް ދެމިގެންދާ ސިއްޙީ ގެއްލުމަކަށް ދަޢުވަތު ދިނުމަކީ ބުއްދިވެރިކަމެއްނޫނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *