ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން އިންޑިއާއިން ޓެސްޓް ކުރި ރާއްޖޭގެ 3 މީހުންގެ ތެރެއިން އެކަކުވެވެސް ވައިރަސް އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ، ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދަން ބޭރަށް ސާމްޕަލް ފޮނުވި ތިން ދިވެހިންގެ ޓެސްޓު ނަތީޖާ ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ހިޔަނި މުޅި ދުނިޔެއަށް އެޅެމުން އަންނަ ކަމަށާއި، ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް ކަމަށެވެ. އަދި ކޮރޯނާ ވައިރަސްގެ ނުރައްކަލަކީ އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ވައިގެ މަގުން ކުރެވޭ ބައިނަލްއަގްވާމީ ބައެއް ދަތުރުތައް މެދުކަނޑައިލީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުން މާ މުހިއްމު ވުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއިން ބައްޔަށް ޝައްކު ކުރެވުނު ތިން މީހުން ވެސް އެކަހެރި ކުރީ ކ. ފުނަދޫގައެވެ. އެ ތިން މީހުން އެކަހެރި ކުރި އިރު އެ ތިން މީހުންގެ ފަރާތުން ފެންނަ ހުރި އަލާމާތްތައް ފަހުން ނުފެންނަކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ހެލްތު މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.