ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ޑިރެކްޓަރުގެ މަޤާމަށް ގުލްނާޒް މާހިރު އައްޔަން ކޮށްފިއެވެ. މިކަން އާންމު ކުރަމުން ބޭންކުން ނެރުނު ބަޔާނުގައި، ބޭންކްގެ ސީ. އީ. އޯ އަދި މެނޭޖިންގ ޑިރެކްޓަރ ހާމަކުރިގޮތުގައި، ބޭންކުން ކުރަމުންދާ މަސައްކަތްތަކާއި ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތް ފުޅާކޮށް ފެންވަރު ރަގަޅު ކުރުމަށް ޓަކައި އަލަށް އުފެއްދި މި މަޤާމާއި ގުލްނާޒް ހަވާލުވީ، މި ދާއިރާއިން ލިބިފައިވާ 13 އަހަރުގެ ތަޖުރިބާ އާއި އެކުގައެވެ.

އިނގިރޭސި ވިލާތުގެ ބްރިސްލް ޔުނިވަރސިޓީ އިން އިކޮނޮމިކްސް އަދި ފައިނޭންސުން މަސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވާ ގުލްނާޒް، އެންމެ ފަހުން ވަޒީފާ އަދާ ކުރީ އުރީދޫ މޯލްޑިވްސްގައެވެ. ގުލްނާޒް ގެ ތަޢުލީމާއި ތަޖުރިބާގެ އެހީގައި، ބޭންކުން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެކަން ޔަޤީން ކުރާކަމަށް ވެސް މި ބަޔާނުގައި ވެއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކެވެ. އެއްތަނެއްގައި އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ މި ތަނުގެ 99 އިންސައްތަ އަކީ ދިވެހިންނެވެ. ބޭންކް އޮފް މޯލްޑިވްސް ފާހަގަ ކުރެފައިވަނީ، މުވައްޒަފުން ތަމްރީންކޮށް ފެންވަރު މަތިކުރުމަށް، ސިޔާސަތު އެކުލަވާލާ އެކަމަށް ބޮޑު ހޭދައެއް ކުރަމުންދާ އަދި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގައި ވެސް ނަމޫނާ ތަނެއްގެ ގޮތުގައެވެ.

މިފުރުސަތުގައި ޖަޒީރާ ޓީމްގެ ފަރާތުންވެސް ގުލްނާޒަށް މަރުޙަބާ ކިޔަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.