1. އެޗް. އައި. ވީ / އެއިޑްސް (2005 -2012 އެންމެ ބޮޑަށް ފެތުރުނު)

މަރުވި މީހުންގެ ޢަދަދު: 36 މިލިއަން

ސަބަބު: އެޗް. އައި. ވީ / އެއިޑްސް

އެއިޑްސް އެންމެ ފުރަތަމަ ފެނުނީ، 1976 ގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ. އެއިޑްސް މުޅި ދުނިޔެއަށް ފެތުރި، 1981 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް 36 މިލިއަން މީހުން މަރުވެ، 31-35 މިލިއަން މީހުން މިބަލި ތަހައްމަލު ކުރަމުން އެބަދެއެވެ. މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އެފްރިކާގެ ފަސް އިންސައްތަ (21 މިލިއަން ) އާބާދީ އަކީ އެޗް. އައި. ވީ ވައިރަސް އަށް ޕޮސިޓިވް މީހުންނެވެ. މިހާރު މީހުންގެ ހޭލުން ތެރިކަމާއި ބޭސްފަރުވާގެ ވަޞީލަތްތަކަށް އައިސްފައިވާ ތަރައްޤީގެ ސަބަބުން، 2005 – 2012 އަށް އަހަރަކު 2.2 މިލިއަން މީހުން މަރުވި މި ބަލީގައި މިހާރު މީހުން މަރުވާ ރޭޓްވަނީ 1.6 މިލިއަނަށް ދަށް ކުރެވިފައެވެ. އަދި މި ބަލި ޖެހިފައިވާ މީހުންވެސް ކުރިއަށް ވުރެ ފާގަތި ދިރިއުޅުމެއް އުޅެމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

2. ފުލޫ (1968)

މަރުވި މީހުންގެ ޢަދަދު: 1 މިލިއަން

ސަބަބު: އިންފުލުއެންޒާ

"ހޮންގް ކޮންގ ފުލޫ" ގެ ނަމުގައި ވެސް މަޝްހޫރުވި މި ރޯގާއަކީ، އިންފުލުއެންޒާ A، ގެތެރެއިން ފުރޭނިގެން އައި H3N2 ގެ ވައްތަރެކެވެ. މި ރޯގާ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ، 13 ޖުލައި 1968 ގައި ހޮންގ ކޮންގ އިންނެވެ. އަދި މީގެ 17 ދުވަސް ފަހުން މި ރޯގާ، ސިންގަޕޯރ އަދި ވިއެޓްނާމް އިން ވަނީ ފެނިފައެވެ. 3 މަސް ވި އިރު ފިލިޕީންސް، އިންޑިޔާ، އޮސްޓްރޭލިޔާ، ޔޫރަޕް އަދި އެމެރިކާއަށް އަށް މި ރޯގާވަނީ ފެތުރިފައެވެ. މިބަލީގައި މަރުވި މީހުންގެ އިންސައްތައަކީ 5 ނަމަވެސް މިއީ މިލިއަނަކަށް ވުރެ ގިނަ އަދަދެކެވެ. މީގެ ތެރޭގައި ހޮންގ ކޮންގ ގެ 5 ލައްކަ މީހުން ހިމެނުން އިރު، މިއީ އޭރުގެ ހޮންގ ކޮންގ އާބާދީގެ ފަނަރަ އިންސައްތަ އެވެ.

3. އޭޝިއަން ފުލޫ (1956-1958)

މަރުވި މީހުންގެ ޢަދަދު: 2 މިލިއަން

ސަބަބު: އިންފުލުއެންޒާ

އޭޝިއަން ފުލޫ އަކީ، އިންފުލުއެންޒާ A، ގެ H2N2 ވައްތަރެކެވެ. މި ރޯގާ އަކީ 1956 އިން ފެށިގެން 1958 އަށް ފެތުރުނު ރޯގާއެކެވެ. މިރޯގާ އެންމެ ފުރަތަމަ ޗައިނާއިން ފެނުނު ނަމަވެސް ސިންގަޕޯރ އަދި އެމެރިކާގައި ވެސް ފެތުރުނު މި ރޯގާގައި 2 މިލިއަން މީހުން މަރުވި ކަމަށް، ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާގެ ރެކޯޑްތަކުން ފެންނަން އެބަހުއްޓެވެ. މީގެ ތެރެއިން 69،800 މީހުންނަކީ އެމެރިކާ މީހުންނެވެ.

4. ފުލޫ (1918)

މަރުވި މީހުންގެ ޢަދަދު: 20-50 މިލިއަން

ސަބަބު: އިންފުލުއެންޒާ

1918 އިން 1920 އަށް ފެތުރުނު މި ރޯގާ މުޅި ދުނިޔޭގެ އާބާދީގެ 3 ބައިކުޅަ އެއްބައި މީހުނަށް ޖެހި، 20-50 މިލިއަން މީހުން މަރުވިއެވެ. މި ރޯގާ ފެތުރެން ފެށިތާ ފުރަތަމަ ފަންސަވީސް ހަފްތާ ތެރޭގައި 25 މިލިއަން މީހުން މަރުވިއެވެ. މި ރޯގާ އާއި އެހެނިހެން އިންފުލުއެންޒާ އާއި ހުރި އެންމެ ބޮޑު ތަފާތަކީ، މިބަލީގައި އެންމެ ފުރަތަމަ މަރުވެގެން ދިޔައީ ސިއްޙީގޮތުން ދުޅަހެޔޮ ޒުވާނުންނެވެ. އެހެން ރޯގާތަކުގެ އަސަރު އެންމެ ކުރިން ކުރަނީ، ކުޑަކުދިންނާއި މުސްކުޅިންގެ އިތުރުން ކުރިންވެސް ކޮންމެސް ބައްޔަކަށް ފަރުވާ ހޯދާ ނުވަތަ އެބައްޔެއްގައި އުޅޭ މީހުނަށެވެ.

5. ކޮލެރާ – ހަ ވަނަ (1910-1911)

މަރުވި މީހުންގެ ޢަދަދު: 800،000 އަށް ވުރެ ގިނަ

ސަބަބު: ކޮލެރާ

އިންޑިޔާއިން ފެތުރެން ފެށި މި ރޯގާ، މެދު އިރުމަތި، އުތުރު އެފްރިކާ، އުތުރު ޔޫރަޕް އަދި ރަޝިޔާއަށް ފެތުރުމުގެ ކުރިން އިންޑިޔާއިން 800،000 މީހުން މަރުވިއެވެ. މީގެ ކުރީގެ ކޮލެރާ ފެތުރިފައިވާ ހާދިސާތަކުން ތަމްރީން ލިބިފައި ތިބުމުން، ބަލިޖެހިފައި ތިބި މީހުން އެކަހެރި ކޮށްގެން ފަރުވާ ދިނުމުގެ ނަތީޖާއެއްގެ ގޮތުން، މިބަލީގައި އެމެރިކާއިން މަރުވި މީހުންގެ ޢަދަދަކީ އެގާރައެވެ. 1923 އާއި ހަމައިން މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް އަދިވެސް އިންޑިޔާއިން ކޮލެރާ ފެންނަމުން ދެއެވެ.

6. ފުލޫ (1889-1890)

މަރުވި މީހުންގެ ޢަދަދު: 1 މިލިއަން

ސަބަބު: އިންފުލުއެންޒާ

1889 ގައި މި ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށި ތިން ތަނަކީ، ތުރުކިސްތާން، ކެނެޑާ އަދި ގްރީންލޭންޑެވެ. 19 ވަނަ ޤަރުނުގައި ހަލުވި ސްޕީޑްގައި އާބާދީ އިތުރުވުމުގެ ސަބަބުން، މިރޯގާވެސް އެހާމެ އަވަހަށް ފެތުރިގެން ދިޔައެވެ. ތަރައްޤީ ނުވާ ރަށްފުށު ހިސާބުތަކުގައި، އެހެން ހިސާބުތަކަށް ވުރެ އަވަހަށް ފެތުރިގެން ދިޔައެވެ. މިއީ މިގޮތަށް ބެކްޓީރިޔާއެއްގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިގެން ދިޔަކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރުނަމަވެސް، މިކަމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ދަސްވިއެވެ.

7. ކޮލެރާ – 3 ވަނަ (1852-1860)

މަރުވި މީހުންގެ ޢަދަދު: 1 މިލިއަން

ސަބަބު: ކޮލެރާ

ކޮލެރާ ފެތުރުނު ހަތް ފަހަރުގެ ތެރެއިން، އެންމެ ނުރައްކާތެރި ކަމަށް ބެލެވުނީ 3 ވަނަ ކޮލެރާ އެވެ. 1 ވަނަ އަދި 2 ވަނަ ކޮލެރާ ފަދައިން މި ރޯގާވެސް ފެށުނީ އިންޑިޔާއިންނެވެ. އޭޝިޔާ، ޔޫރަޕް، ނޯތް އެމެރިކާ އަދި އެފްރިކާއަށް ފެތުރި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ފުރާނަ ދިޔައެވެ. 1854 ގައި ލަންޑަންގެ ރަށްފުށު ހިސާބު ތަކުގައި، މަސައްކަތްކުރި ޑޮކްޓަރ ޖޯން ސްނޯ ވަނީ، މި ރޯގާ އަކީ ނަޖިހުން ތަޣައްޔަރުވެފައިވާ ފެނުން ފެތުރޭ ރޯގާއެއްކަން ހޯދާފައެވެ. ނަމަވެސް ނަސީބު ދެރަކަމުން، އިނގިރޭސި ވިލާތުން އެކަނިވެސް 23،000 މީހުން މިބަލީގައި މަރުވިއެވެ.

8. ކަޅު މަރު (1346–1353)

މަރުވި މީހުންގެ ޢަދަދު: 75-200 މިލިއަން

ސަބަބު: ބުނިކް ޕްލޭގް (ތާއޫން)

1346 އިން ފެށިގެން 1353 އަށް ފެތުރުނު މިބޮޑު ވަބާގައި، ޔޫރަޕް، އެފްރިކާ އަދި އޭޝިޔާއިން 75-200 މިލިއަން މީހުން މަރުވި އިރު މި ބަލި ފެތުރެން ފެށީ އޭޝިޔާއިންނެވެ. އެހެން ޤައުމު ތަކަށް މިބަލި ފެތުރެން ދިމާވީ، މުދާ އުފުލާ ބޯޓުފަހަރަށް، ޖަރާސީމުގެ އަސަރުކޮށްފައިވާ މީދާ އަރައިގެން، އެހެން ގައުމުތަކަށް ގޮސް، އެ މީދަލުގެ ޒަރިއްޔާއިން ކަމަށް ބެލެއެވެ. އެ ދުވަސްވަރު ބަނދަރުތައް ހެދިފައި ހުންނަނީ ތަރައްޤީ ނުވާ ހިސާބުތަކުގައި ކަމުން މީދާ ފަދަ ޖަނަވާރުތައް އާލާވެ، ބަނދަރުކުރާ ބޯޓުފަހަރުތަކަށް އަރާ އުޅުމަކީ ވަރަށް އާންމު ކަމެކެވެ.

9. ޖަސްޓީނިއަން ޕްލޭގް ( 541-542)

މަރުވި މީހުންގެ ޢަދަދު: 25 މިލިއަން

ސަބަބު: ބުނިކް ޕްލޭގް (ތާއޫން)

ޔޫރަޕުގެ ދެބައިކުޅަ އެއްބައި އާބާދީ ގެއްލިގެން ދިޔަ މި ބޮޑު ވަބާއަކީ، އެންމެ ފުރަތަމަ ތާއޫން ބަލި ފެތުރުނު ކަމަށް ރެކޯޑްތަކުން ފެންނަން އޮތް ވަބާއެވެ. މި ބަލީގައި އުތުރު މެޑިޓެރޭނިއަންގެ އާބާދީގެ 4 ބައިކުޅަ 1 ބައި މަރުވެގެން ދިޔަ އިރު، މީގެ އަސަރު އެންމެ ބޮޑަށް ކުރި ސިޓީ ކަމަށްވާ ކޮންސްޓެންޓިނޯޕްލް އިން ދުވާލަކު 5000 މީހުން ގެ ރޭޓުން، އެސިޓީގެ އާބާދީގެ ސާޅިސް އިންސައްތަ މީހުން މަރުވިއެވެ.

10. އެންޓޮނީ ޕްލޭގް (ޢިސާގެ ފާނު އުފަންވެ ވަޑައިގެންތާ 165 އަހަރު ފަހުން)

މަރުވި މީހުންގެ ޢަދަދު: 5 މިލިއަން

ސަބަބު: ކަށަވަރު ނުވޭ

މިއީ އޭޝިޔާ، މިސްރު، ގްރީސް އަދި އިޓަލީގައި ފެތުރު ވަބާއެކެވެ. ހިމަ ބިހި ފާޑުގެ ބައްޔެއް ކަމަށް ބެލެވުނު މި ބަލި، ރޯމަށް ފެތުރުނީ، މެސޮޕޮޓޭމިޔާގައި ތިބި ސިފައިން އެނބުރި ގައުމަށް އައުމުން އެމީހުންގެ ފަރާތުން ކަމަށް ބެލެއެވެ. މި ވަބާގެ ސަބަބުން 5 މިލިއަން މީހުން މަރުވި އިރު، ރޯމް ގެ އަސްކަރިއްޔާ އެއްކޮށް ނެތިގެން ދިޔައެވެ.

ނޯޓް: ތަނެއްގައި ބަލިމަޑުކަމެއް އާންމުވެ، އެހެންގައުމު ތަކަށް ފެތުރިއްޖެނަމަ އެއީ "ޕެންޑަމިކް" ކަމަށް މާނަ ކުރެވެއެވެ. މިސާލަކަށް ކަށިވިދުރި، ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި، ފާއިތުވެ ދިޔަ 12،000 އަހަރުގެ ތެރޭގައި 300-500 މިލިއަން މީހުން މަރުވެފައިވާކަމަށް ބެލެވެއެވެ. ނަމަވެސް ދާދި ފަހުން ފެތުރިގެން އުޅޭ އެބޯލާ ވައިރަސް އަކީ ހުޅަނގު އެފްރިކާގައި ފެތުރެނު ބައްޔެއް ކަމުން އެބަލި އަދި އިނީ "އެޕިޑަމިކް" ގެ ގޮތުގައެވެ. މާނައަކީ އެހެން ގައުމުތަކުގައި ބާރު ސްޕީޑްގައި ފެތުރޭ ބައްޔަކަށް އަދި ނުވަނީއެވެ. އެހެންކަމުން މި ލިސްޓްގައި އެބޯލާ ހިމަނާފަ އެއް ނުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *