އާއްމު ގޮތެއްގައި ގުޅުމެއް ނިމިގެންދަނީ ކުއްލިއަކަށް ޖެހޭ ކަމެއްގެ ސަބަބުންނެވެ. އެކަކު އަނެކަކަށް ބޭވަފާތެރިވުން، ދޮގުހެދުން އަދި އާއިލާގެ މެމްބަރުންނާއި ޖެހޭ މައްސަލަތައް ފަދަ ކަންކަން ފެންމަތިވެ، ހިނދުކޮޅެއްގެ ތެރޭގައި އެތައް ދުވަހެއްގެ ގުޅުން ނިމިގެންދާ ކަމީ ކޮންމެ ދުވަހަކު ފެންނަ ކަންތަކެވެ. ނަމަވެސް ކުޑަ ކަމެއް ވަރަށް ގިނަ ފަހަރަށް ތަކުރާރުވުމުގެ ސަބަބުން ވެސް ކައިވެނީގެ ގުޅުމަށް ބުރޫ އަރާފާނެއެވެ. ތިރީގައި މިވާ ކަންތައް ފެންނަ ނަމަ އެއީ ތިޔަ ގުޅުން އެހާ ވަރުގަދަ ނޫންކަމުގެ އަލާމާތެކެވެ. އަވަހަށް ހައްލެއް ނުހޯދައިފިނަމަ، ކައިވެނި ނިމުމަކަށް އައުން ގާތެވެ.

1. އަމިއްލައަށް ފެނިގެން ގޮތްދޫކުރުން

އެއްވެސް ކަމެއްގައި ޚިޔާލު ތަފާތުވުމެއް އައިސްފިނަމަ، ދެމީހުންވެސް ގޮތް ދޫކޮށް ބައިވެރިޔާގެ ބަހަށް އިޙްތިރާމް ކުރަން އިސްނެގުމަކީ، ޒަވާޖީހަޔާތުގެ އަގު ބޮޑަށް ވަޒަން ކުރާ މީހާ ކުރާނޭ ކަމެކެވެ. ނަމަވެސް އަބަދު އެކަކު ގޮތް ދޫކުރަން ޖެހުމަކީ ވެސް، ދެން ހުންނަ މީހާއާއި މެދު ހިތްހަމަ ނުޖެހުން އުފެދި ފޫހިވާން ދިމާވާ ސަބަބަކަށް ވެދާނެއެވެ. ކުދި ކަންކަމުގައި ވެސް ގޮތް ދޫކޮށް ދެފަރާތުގެ ބަސް މުހިއްމު ކަމުގައި އެކަކު އަނެކަކު ދެކޭ ނަމަ، ދަރިންގެ މައްސަލަ، ދިރިއުޅުމުގެ ޙާލަތު އަދި މާލީ ކަންކަން ފަދަ ބޮޑެތި ކަންކަމުގައި ވެސް އެކަކު އަނެކަކުގެ ބަހަށް އިޙްތިރާމް ކުރާނެއެވެ. މިހެން ނުދާ ނަމަ ކައިވެނީގެ އެންމެ މުހިއްމު އެއް ތަނބު ވީރާނާވަނީއެވެ.

2. ތަކުރާރުކޮށް އެއްކަމާއި މެދު ދެބަސްވުން

މާޒީގައި ހިނގާފައިވާ ކަމަކާއި ގުޅިގެން ތަކުރާރުކޮށް އެއްކަމެއްގައި ދެބަސްވާން ޖެހުން އެއީ ޒަވާޖީ ހަޔާތުގައި ބުރަކި ޖެހުން ފަދަ ކަމެކެވެ. ނިމުނު ކަމެއް ފަހަތަށް ދޫކޮށްލާފައި ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ ވިސްނުން ނުގެންގުޅޭނަމަ، އިސާހިތަކު އެ ގުޅުމެއް ނިމިގެން ހިނގައިދާނެއެވެ.

3. ޖިސްމާނީ ގުޅުން މަދުވުން

ޒަވާޖީ ހަޔާތެއްގައި ދެމަފިރިންގެ މެދުގައި ޖިސްމާނީ ގޮތުން ހިނގަންޖެހޭނީ ހަމަ އެކަނި އަނބިފިރ ކަމުގެ ގުޅުމެއް ނޫނެވެ. ބޮސްދީ، ބައްދާލާ، ގަޔާ ކާރިކޮށްލާ އަދި އަތުގައި ހިފާ އުޅުން މިއީ ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ބޭއިޚްތިޔާރުގައި ވެސް ހިނގާ ކަންކަމެވެ. ނަމަވެސް މިފަދަ ކަންކަން މަދުވެ ހަމަ އެކަނި ނިދާ ކޮޓަރީގައި "ދެމަފިރިންނަށް" ވުމަކީ ކައިވެނީގެ ގުޅުމުގައި ޖެހޭ ވަރަށް ނުރައްކާތެރި ރަގަބީލެކެވެ.

4. އާއިލާއާއި ރައްޓެހިންނާއި އެކު ގިނަ ވަގުތު ހޭދަކުރުން

ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި، އާއިލާ، ރައްޓެހިން، ވަޒީފާ އަދި ބައިވެރިޔާ އިސްކުރަން ޖެހޭ ހާލަތްތައް އާދެއެވެ. ނަމަވެސް އާއިލާ އާއި ރައްޓެހިން "މުހިއްމު" ލިސްޓުގެ ކުރިއަށް ތަކުރާރުކޮށް އަންނަ ނަމަ އެއީ ބައިވެރިޔާއާއި އެކު ހޭދަ ކުރާ ވަގުތު އެންމެ ހިތްހަމަ ޖެހޭވަގުތަށް ނުވާކަމުގެ ހެއްކެކެވެ. މިކަން މިހެން ތަކުރާރުވެ ލިސްޓުގެ އެންމެ ފަހަތަށް އަބަދު ދިއުން އެއީ ބަދަހި ގުޅުމެއްގައި ފެންނާނޭ ކަމެއް ނޫނެވެ.

5. ބައިވެރިޔާގެ ކުދިކުދި ކަންކަމަށް އިހުމާލުވުން

ހަޔާތުގެ ބައިވެރިއަކަށް މީހަކު ގެނެސް ޒަވާޖީ ހަޔާތެއް ފަށާއިރު ދެމީހުންނަށް ވެސް ދެމީހުންގެ ކަންކަން ވަރަށް ރަގަޅަށް އެނގިފައި އޮންނަން ވާނެއެވެ. ހަޔާތުގެ ކުރީކޮޅުގައި މިކަންތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވެގެން އުޅެމުން އައިސް ފަހުން އެކަންކަން އެއީ އެހާ މުހިއްމު ނޫން ކަންތައް ކަމުގައި ބެލެވެން ފެށުން އެއީ ޝައުގުވެރިކަން ކުޑަވެއްޖެކަން ދައްކައިދޭ ދަލީލެކެވެ. މިސާލަކަށް ފިރިމީހާއަށް ކާން ތައްޔާރުކުރުމުގައި، ހޫނުކޮށް ހުންނަ ކާއެއްޗެހި ބޭނުންވާކަން އެނގޭ އިރުވެސް އެއީ އެހާ ބޮޑު ކަމެއް ނޫންކަމަށް ދެކި، ކާ އެއްޗެއް ހޫނުކުރުން އެއީ ބުރައެއް ކަމުގައި ހީވެގެން އެކަން ނުކުރުން ނުވަތަ އަނބިމީހާ އޮފީހުން ބަލާދާން ޖެހޭ ގަޑިއަށް ފަރުވާތެރިކަން ކުޑަވެ ގިނަ އިރު މަޑުކުރަން ޖެއްސުން ފަދަ ކަންތައް މިއީ މަޑުމަޑުން ނަމަވެސް ގުޅުން ހީނަރުވަމުން ދާކަމުގެ ހެއްކެކެވެ.

6. ހުސްކަމެއް އިޙުސާސް ކުރެވުން

ބައިވެރިޔާއާއި އެކުގައި ހޭދަ ކުރާ ވަގުތު ތަކުގައިވެސް، ފޯން، ޓީވީ ނުވަތަ ގޭމް ފަދަ ތަކެއްޗަށް ގެއްލިފައި އިނުމަކީ، ނޭނގި ނަމަވެސް ބައިވެރިޔާއާއި ދެމެދު ހުސްކަމެއް އުފެދޭކަމުގެ އަލާމާތެކެވެ. ގަސްތުގައި ނޫނަސް މިހެންވަނީ ޝައުގުވެރިކަން ކުޑަވަމުން ދާތީއެވެ. ސޯޝަލް މީޑިޔާ އަދި ޓެކްނޮލޮޖީއަކީ ގުޅުންތައް ކެނޑިގެން ދިއުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއްޗެއްސެވެ.

7. ގިނަދުވަހު ނުފެނިހުރެފައި ފެނުމުން އުފާވެރިކަން އިޙްސާސް ނުކުރެވުން

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން ކޮންމެ ދެމަފިރިއަކީ އަބަދު އެކުގައި އެއް ފަސްގަނޑެއްގައި އުޅުމުގެ ފުރުސަތު ފަހި ވެފައި އޮންނަ ދެމަފިރިއަކަށް ނުވެދާނެއެވެ. ނަމަވެސް ކޮންމެވެސް ގަވާއިދަކުން ބައްދަލުވެ އުޅޭނެކަން އެއީ ޔަގީން ކަމެކެމެވެ. މިހެން ބައްދަލުވާ އިރު އެލިބޭ އުފާ ކުޑަވަމުން ދިއުމަކީ، ގުޅުން އެންމެ ސިއްހަތު ރަގަޅު ނޫންކަމުގެ މިސާލެކެވެ.

8. ޝައްކު ކުރުން

ބައިވެރިޔާ ތިމާއަށް ބޭވަފަތެރިވާކަމަށް ހީވުމަކީ، ޒަވާޖީ ހަޔާތެއް އޭގެ އެންމެ ނުރައްކަތެރި ފައްތަރަށް އެރީމާ ނޫނީ ނުވާނޭ ކަމެކެވެ. މިގޮތަށް ޝައްކުކޮށްގެން ފާރަލާ ހަދަން ފަށައިފިނަމަ، ހަގީގަތެއް ނެތްކަމެއް ގައި ވެސް ކައިވެނި ނިމުމަކަށް ހިނގައިދާނެއެވެ. ރީތިކޮށް ވާހަކަ ދައްކައިގެން މިކަމަށް އަވަސް ހައްލެއް ހޯދަން ޖެހެއެވެ.

9. އެކުގައި ހީ ސަމާސާކުރުން ހުއްޓުން

އެކުގައި އުޅޭ ދެމަފިރިންގެ ކޮންމެ ދުވަހަކީ އެތައް ބައިވަރު ކަންތައް ހިއްސާކުރެވި ބައެއް ކަންތަކާއި މެދު ޚިޔާލު ބަދަލުކުރަމުން ގޮސް ސަމާސާކުރުމާއި ހަމައިން ނިމޭ ދުވަސްތަކަށް ވާންވާނެއެވެ. ނަމަވެސް އެކުގައި ހީ އުޅުން ހުއްޓިއްޖެނަމަ ތިޔަ ގުޅުން ދެމިއޮތީ ދެމީހުންގެ މެދުގައި އޮތް ލޯބީގެ ބަދަލުގައި ދަރިންނަށްޓަކައި ވެވޭ ގުރުބާނީ އެއް ނުވަތަ ދެ ފަރާތުގެ އާއިލާ އަށް ކުރެވޭ އިޙްތިރާމެއްގެ ގޮތުގައި ނުވަތަ އެހެން ކޮންމެވެސް ސަބަބަކަށް ޓަކައެވެ. ދެމީހުންގެ މެދުގައި އޮންނަންވީ ލޯބި އަދި ޝައުގުވެރިކަން ތިއޮތީ ފަނޑުވެފައެވެ.

10. ޒަވާޖީ ޙަޔާތް ނިންމާލަން ބޭނުންވުން

އެކި އެކި ކަންކަމުގެ ސަބަބުން، ދެމަފިރިން ކުރެ އެއްވެސް މީހަކު މިގުޅުން ނިންމާލަން ބޭނުންވުމަކީ، އަމަލީގޮތުން ކަމެއް ނުކުރި ނަމަވެސް މައުނަވީ ގޮތުން ގުޅުން ކެނޑިއްޖަކަން ދައްކައިދޭ އެންމެ ވަރުގަދަ ހެއްކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *