ރިޕޯޓްއިޤްތިޞާދު

އެސްޓީއޯގެެ މިސްރާބު ރާއްޖޭގެ އަސް ދަނޑިން ބޭރަށް!

ސަރުކާރުގެ މައި ވިޔަފާރި ކުންފުނީގެ ގޮތުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދައުރު އެކި ސަރުކާރުތަކުގައި ފެނުނީ ތަފާތުކޮށެވެ. އެކި ސަރުކާރުތަކުގައި އެސްޓީއޯ ބޭނުންކުރަމުންގެންދިޔައީ އެކިި މަޤްސަދުތައް ހާސިލްކުރުމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެސްޓީއޯ ފެނުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ވާދަކުރާ ވިޔަފާރި ކުންފުންޏެއްގެ ގޮތުގަ އެވެ.

ސަރުކާރާއި، އާންމު ރައްޔިތުންގެ ހިއްސާ އޮންނަ މާސިންގާ ބޮޑު ކުންފުންޏަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ވަދާކުރުންވެގެންގޮސްފައި އޮތީ ކުދި އަދި މެދު ފަންތީގެ ވިޔަފަރިތަކަށް އޮތް ބޮޑު ހުރަހަކަށެވެ. އެހެނީ އެސްޓީއަކީ ވަސީލަތާއި، މާލީ ތަނަވަސްކަމުގެ ގޮތުން ބެލިނަމަވެސް، ރާާއްޖޭގެ އެއް ވަނަ ކުންފުންޏަށްވެފައިވުމެވެ.

ކަން އެ ގޮތުގައި އޮތުމުން، ރިޔާސީ އިންތިހާބަށް ނިކުންނެވި އެއް ކެނޑިޑޭޓެއްގެ ވައުދަކަށްވީ އެސްޓީއޯއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވާދަކުރާނެ ވިޔަފާރިއެއްގެ ގޮތުގައި އޮތް އުތުމަށް ނިމުން ގެނުވާނެކަމުގެ ވައުދު އެވެ. އެ ކެނޑިޑޭޓަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. ރިޔާސީ އެ ވައުދާއެކު ވެރިކަމަށް ވަޑައިގެން އެސްޓީއޯގެ މިސްރާބު ބަދަލުކުރެއްވުމަށް މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވީ ހުސެއިްނ އަމްރު އެވެ.

އަމްރުއާއި އެކު ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވާއިރު، އަމްރުގެވެސް އެންމެ ބޮޑު އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިިޔަފާރިތަކާއި ވާދަކުރުން ނިމުމަކަށް ގެނައުމެވެ. "ޖަޒީރާ" އާއި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އަމިއްލަ ވިޔަފާރިތަކުން ނުކުރާ، ނުވަތަ އަމިއްލަ ވިޔަފާރިތަކަށް ވަނުމަށް ހުރަަސްތައް ހުރި ވިޔަފާރިތަކުގެ ތެރެއަށް އެސްޓީއޯއިން ވަނުންކަމަށެވެ. އަދި ވަކި ހިސާބަކުން އާންމުން އެކަންކަން ކުރަން ފެށުމުން އެ ވިޔަފާރިތަކުން ދުރަށް ދިއުންކަމަށް އަމްރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަޤްސަދަކީވެސް، އާންމު ކުދި ވިޔަފާރިތައް ފުޅާވެގެންދިއިން."

އަމްރު ވިދާޅުވީ ފިޔާގެނެސް ވިއްކުމަކީވެސް އެސްޓީއޯއިން ބެނުންވާކަމެއް ނޫންކަމަށެވެ. ބަދަލުގައި އެސްޓީއޯ އިން ބޭނުންވަނީ ގިނަ ބަޔަކަށް އެކަން ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށާއި، އޭރުން އަގު ކޮންޓްރޯލްވެގެންވާނެކަމަށް އަމްރު ގަބޫލުކުރައްވަ އެވެ. އަމްރު ވިދާޅުވީ މިހާރު ދޭތެރެއަކުން އަގު އަރައިގެންދަނީ ދެ ތިން ވިޔަފާރިއަކުން މާކެޓް ކޮންޓްރޯލްކުރާތީ ކަމަށެވެ.

އަމްރުގެ މޭސްތިރިކަމުގައި އެސްޓީޯ ވަނީ ސިޕިންގ އިންޑަސްޓްރީގެ ތެރެއަށް "މޯލްޑިވްސް ސްޓޭޓް ޝިޕްންގ" ކުންފުނީގެ ނަމުގައި ވަދެފަ އެވެ. އަމްރު ވިދާޅުވީ އައްޑޫއަށް ކުންފުނީގެ ބޯޓު ދަތުރުކުރާއިރު ބޮޑު އިންސައްތައަކީ އާންމުންްގެ މުދާކަމަށެވެ. މީގެކުރިން އައްޑޫގެ ވިޔަފާރިތަކުން މާލެއިން ތަރުކާރީ އާއި ބިހާ އެއްޗެހި ގެންދިޔަ ނަމަވެސް މިިހާރު ޑައިރެކްޓުކޮށް، އައްޑޫގެ ވިޔަފާރިވެރިން ރާއްޖެއިން ބޭރުން އެތަކެތި ގެނައުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ ސުޕްމާޓްއަކީ އާދައިގެ ގިނަ ރީޓެއިލް ވިޔަފާރިތަކަކާއި ވާދަކުރާ ވިޔަފާރިއެކެވެ. އެކަމުގައިވެސް އަމްރުގެ ވިސްނުމަކީ އޭގެތެރެއިންވެސް ކުދި ވިޔަފާރިތަކަށް ފުރުސަތު ދިނުމަށްފަހު، އެސްޓީއޯއިން ނިކުތުމެވެ. އެގޮތުން ބައެއް ހަރުގަނޑުތަކާއި، ބައެއް ފްރިޖުތައް ކުއްޔަށް ދޫކޮށްލުމުގެ މަސައްކަތް ފެށުމަށް އެސްޓޯ އޮތިީ ތައްޔާރަށެވެ. އޭރުން އެތަންތަނުގައި ތަކެތި ބަހައްޓައިގެން ވިއްކާނީ އެސްޓީއޯއަކުން ނޫނެވެ. ކުއްޔަށް ނަގާ ކުދި ވިޔަފާރިވެރިޔާ އެވެ.

އެކަމުގައި ކުދި ވިޔަފާރިތަކަށް އޮތް ފައިދާއަކީ ކޮބައިތޯ ސުވާލުކުރާ ފަރާތްތަކަށް އަމްރުގެ ޖަވާބަކީ އޭރުން ވިޔަފާރިވެރިޔާ ބޮޑު އަގު ދިނުމަށްފަހު، ބޮޑު ފިހާރައެއް ހުޅުވަން ނުޖެހޭނެކަމަށެވެ. މިސާލެއްގެ ގޮތުން އަމްރު ނެންގެވީ ޗޮކުލެޓް ގެންނަ މީހެކެވެ. އޭނާ ފިހާރައެއް ހަދަން ނުޖެހި އެސްޓީއޯ ސުޕަރމާޓްގައި ބެހެއްޓުމުން ކުއްލިއަކަށް ގިނަ ކަސްޓަމަރުންތަކެއް ލިބި، ގިނަ ވަސީލަތްތަކަށް އެކްސަސް ލިބި، ކުންފުނީގެ ކޭޝިއަރުން ލިބިގެންދާނެ އެވެ. އަދި އޭގެ ލިބޭ ހުރިހާ ފައިދާއެއްދާނީ ސީދާ އެ ވިޔަފާރިވެރިޔެއްގެ އެކައުންޓަށް ކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު ހުންނެވީ އެސްޓީއޯގެ މިސްރާބު ބަދަލުކޮށްލުމުގައި އަޒުމުގައި!

އަމްރު އާއި އަމްރު އެސްޓީއޯ ޓީމް އައު އަހަރާއި ކުރިމަތިލީ އެސްޓީއޯ މިސްރާބު ބަދަލުކޮށްލުމުގެ އަޒުމުގަ އެވެ. އެގޮތުން އަހަރުގެ ތެރޭގައި ހާސިލްކުރާނެ ބައެއް ލަނޑުދަނޑިތަކުގެ ވާހަކަތައް "ޖަޒީރާ" އާއި ހިއްސާކުރައްވަމުން އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކްއެއް ވުޖޫދުކުރައްވާނެ ކަމަށެވެ. އޭގެއިތުރުުން ދަނޑުވެރިން އުފައްދާ ތަކެއްޗަށް މާކެޓެއް ހުޅުވައިދިނުންވެސް އެއީ އަހަރުގެ ތެރޭގައި ކުރައްވާނެކަމެއްކަމަށް އަމްރު ވިދަޅުވި އެވެ.

އެކަންކަމުގެ އިތުރުން އަމްރު ވިދާޅުވީ ރާއްޖެއިން ބޭރުގައި އެސްޓީއޯ އިން ވިޔަފާރިއެއް ކުރުމަކީ އަހަރުގެ އެއް އަމާޒް ކަމަށެވެ.

"ރާއްޖެއަށް ބޭރު ފައިސާ އެތެރެމިވަނީ ހަމައެކަނި ޓޫރިޒަމް ދާއިރާއިން. ދެން ފިޝަރީޒްގެ ކޮންމެސް މިންވަރެއް އެބަ ހިއްސާކުރޭ. ބޮޑުބައެއް ރާއްޖެއަށް އަންނަ ފައިސާތެރޭގައި އަޅުގަނޑުމެންނަށް، ހުރިހާ ކުންފުންޏަކަށްވެސް އޮޕަރޭޓް މި ކުރެވެނީ. މުޅި ރާއްޖެ ކުރިއަރައިދާނީ ބޭރު ފައިސާވެސް ވަނީމަ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ އެބަ ބޭރުގަ މަސައްކަތެއް ކުރަން އެބަ."

އެސްޓީއޯގެ އެމްޑީ، ހުސެއިން އަމްރު -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

"އަޅުގަނޑު ގަބޫލުކުރަނީ އެސްޓީއޯވެސް ކުރިއަރައިގެންދާނީ ހަޤީޤަތުގައި މުޅި ރާއްޖޭގެ އިޤްތިސާދުވެސް ކުރިއަރައިގެންދިޔައީމައޭ. އެ ނޫން ގޮތަކަށް ހިޔެއްނުވޭ އެކަން ކުރެވޭނެ ހެންނެއް."

އަމްރު އާއި އަމްރުގެ ޓީމުގެ ވިސްނުމަކީ، އެސްޓީއޯގެ ވިޔަފާރި ރާއްޖޭގެ އަސްދަނޑިން ބޭރުކޮށް، ބައިނަލްއަޤުވާމީ ދުނިޔޭގައި އެސްޓީއޯއަކީ ވަރުގަދަ ކުންފުންޏަކަށް ހެދުމެވެ. އެ އަމާޒަށް ވާސިލްވެވިއްޖެނަމަ އެކަން ވެގެންދާނީ ދިވެހި އިޤްތިސާދަށް ބޮޑު މަންފާއެއް ކުރުވާނެ ކަމަކަށެވެ. ދިވެހި ކޮންމެ ގޭބިސީއަކަށްވެސް އެކަމުގެ ފައިސާ ސީދާގޮތުންނާއި، ނުސީދާގޮތުންވެސް ކުރުވާނެކަމަކަށެވެ.

އަމްރު އާއިއެކު ނިމިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާއެވެ. ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ ޓެކްސްއަށް ކެނޑުމުގެކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.

0
1
0
1
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %