ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކޮށްގެން މެލޭޝިއާގައި އުޅަނދުތައް ދުއްވުމުގެ ހުއްދަ ދޫ ނުކުރާ ކަމަށް ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް އަލީ ވިދާޅުވެއްޖެ އެވެ.
ވިސާމް މިހެން ވިދާޅުވީ، މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ގަބޫލުކުރަން ފަށާފައިވާ ކަމަށް ބުނެ މީސް މީޑިޔާގައި އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ވިސާމް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ލައިސަންސް މެލޭޝިއާއިން ބަލައިގަންނާނެ ގޮތަށް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެކަން ކާމިޔާބުވާ ގޮތް ވެފައި ނުވާ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ޑްރައިވިން ލައިސަންސް ކުރީން މެލޭޝިއާއިން ބަލައިގަނެއެވެ. އެހެންނަމަވެސް ބޭރު ގައުމުތަކުގެ ލައިސަންސް އަށް ހުއްދަ ދިނުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ވަނީ ރާއްޖޭގެ ލައިސަންސް ބަލައިގަތުން ހުއްޓާލާފަ އެވެ.