ދެހާސް ބާރަ ވަނަ އަހަރު އެމްޑީޕީން ކުރި މުޒާހަރާ ހުއްޓުވި އިރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އޭރު ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ހަމަލާދިން މައްސަލަ އަލުން ބަލަން ނިންމައި ޝަރީއަތް ފަށައިފި އެވެ.
ރައީސް ނަޝީދުގެ، އެމްޑީޕީގެ ވެރިކަން ބަދަލުވީ 7 ފެބްރުއަރީ 2012 ގައެވެ. ޖެހިގެން އައި ދުވަހު އެމްޑީޕީން ވަނީ އެތައް ހާސް ބަޔަކާއެކު މަގުމައްޗަށް ނުކުމެ ވަރުގަދަ މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާ ރޫޅާލުމަށް ފުލުހުންނާއި ސިފައިން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްފައިވެއެވެ.
މޫސާ މަނިކަށް ހަމަލާދީފައި ވަނީ ގދ. ތިނަދޫ ރޯޒީވިލާއިރު މުހައްމަދު ވަހީދެވެ. އޭނާއަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެކެވެ.
.ހަތް އަހަރު ފަހުން އެ މައްސަލަ އަލުން ބަލަން ފަށާފައިވާއިރު އިއްޔެ އެ މައްސަލައިގެ ބައެއް ހެކިވެރިން ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
މި މައްސަލަ އަލުން ބަލަން ފަށާފައިމިވަނީ ކްރިމިނަލް ކޯޓްގައި ފުނި ޖެހިފައިވާ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ.