ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތަކީ މުހިއްމު އެއްޗެކެވެ. މިކަމާއި މެދު ދެވަނަ ވިސްނުމެއް ނެތެވެ. ބަރުދަން އިތުރުވުން، ހިތުގެ ބަލި ހަކުރުބަލި ފަދަ ބަލިތަކުގެ މީހުނަށް ޑޮކްޓަރުންވެސް ހަރުކަށިބަހުން ދޭ އިރުޝާދަކީ މިއެވެ. ނަމަވެސް ކަސްރަތެއް ކޮށްލަން ކޮންމެހެން ޖިމަށް ދާންޖެހޭ ހެއްޔެވެ؟ މިއީ މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. އަދި ޖިމަށް ދިއުމުގެ ފައިދާ އަށް ވުރެ ގެއްލުން ބޮޑުކަމަށްވެސް ބައެއް މީހުން ގަބޫލު ކުރެއެވެ. އެހެން ކަމުން މިއަދުގެ މި ލިޔުމުގައި ބަލާލާނީ ޖިމަށް ދާން ނުޖެހޭ ބައެއް ސަބަބުތަކަށެވެ.
1. މަސްގުޅަކެއުން
ކިތަންމެ މުހިއްމު ތަނެއްކަމުގައި ދެކިގެން ދިޔަ ނަމަވެސް ޖިމަށްދާ ފުރަތަމަ ނޫނީ ދެވަނަ ދުވަހު ގައިގެ އެކި ތަންތަނުގައި މަސްގުޅަކައިގެން 3 ވަނަ ދުވަހު ގޭގައި ހުންނަންޖެހުން މިއީ ވަރަށް އާއްމު ކަމެކެވެ. މިކަމަކީ ގިނަ ބަޔަކު ޖިމަށް ދާން ޖެހިލުންވާ އެއް ސަބަބެވެ.
2. ހަށިގަނޑުގެ ހަމަ ގެއްލިދާނެކަމުގެ ބިރު
ޤަވާޢިދުން ޖިމަށް ދާ މީހުންގެ ހަށިގަނޑުގެ ބައްޓަމަށް އަންނަ އެންމެ ބޮޑު ބަދަލަކީ، އުނަގަނޑުން މަތި ބިޔަވެފައި، އެއާ އަޅާކިޔާއިރު އުނަގަނޑުން ތިރި އަނަރޫފަ ވުމެވެ. ފިރިހެނަކަށް މިހެން ވުމަށްވުރެ އަންހެނުންގެ ހަށިގަނޑު މިގޮތަށް ބަދަލުވުމަކީ، އެކަކުވެސް ބޭނުންވާނޭ ކަމެއް ނޫނެވެ.
3. ކުރަންޖެހޭ ޚަރަދު
ޖިމެއްގެ މެމްބަރުކަން ހޯދުމަކީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. ވަކިން ތަމްރީން ދޭ މީހަކު ހޯދުމަކީ މަދު މީހަކަށް ނޫނީ ނު އުފުލޭވަރުގެ ބުރައެކެވެ. ކޮންމެ ޖިންސެއްގެ މީހެއް ވިޔަސް ޖިމަށް ދިއުމަށްޓަކައި ވަކި ޚާއްސަ ބޫޓާއި ހެދުން ހޯދަން ޖެހެއެވެ. އެންމެ ޖޯޑެއް ދެ ޖޯދެއް ނޫނެވެ.
4. މެދުކަނޑާލުމުން ވާ ގޮތް
ޖިމަށް ގޮސްގޮސް ހުރެފައި އެއްވެސް ސަބަބަކާއި ހުރެ ޖިމް މެދު ކަނޑާލާން ޖެހިއްޖެނަމަ، ހާސްވުމާއި، ހިތް ނުތަނަވަސް ވުމުގެ އިތުރުން ކާ ހިތް ނުވުމާއި، ބޮލުގައި ރިހުމާއި ނިދަން އުނދަގޫވުމާއި ކުރިމަތިލާން ޖެހުމަކީ، ޖިމަށް ނުދިއުމަށް އޮތް ވަރަށް ބޮޑު އުޒުރެކެވެ.
5. ދެވިހިފުން
ގަވާއިދުން ޖިމަށް ދިއުމަކީ އެކަމަށް ދެވިހިފާ ކަމެކެވެ. އެއްވެސް ސަބަބެއް މެދުވެރިވެގެން ޖިމަށް ނުގޮސް ހުރުމަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުރުހެލިވުން ފަދަ އުނދަގޫކަމަކަށް ވެއެވެ.
6. އަނިޔާވުން
ޖިމަށްގޮސް ކަސްރަތު ކުރުމުގައި ހެދޭ ކުޑަ ގޯހަކުން ބޮޑު އަނިޔާލިބުމަކީ ވަރަށް އާއްމު ކަމެކެވެ. ޚާއްސަކޮށް މައިބަދަ އަދި ހުޅުތަކަށް ވާ އަނިޔާ ފާހަގަ ކޮށްލެވެއެވެ.
7. ގިނައިން ކާހިތްވުން އަދި ކެވުން
ޖިމަށް ދާން ފެށުމާއި އެކު ބަނޑުހައިކަން އުފައްދާ ހޯމޯން ވެސް އިތުރުވެއެވެ. އެހެންކަމުން ކުރިއަށް ވުރެ އަވަހަށް އަދި ބޮޑަށް ބަނޑުހައި ވާކަން އިޙުސާސް ކުރެވި، ގިނައިން ކެވޭނެއެވެ.
8. ހިތުގެ މަސްތަކަށް ލިބޭ ގެއްލުން
ގަވާއިދުން ބަރު އުފުލުމާއި ގިނަ ވަގުތަށް ކުރެވޭ "ކާޑިއޯ" ކަސްރަތުގެ ސަބަބުން ނުރައްކާތެރި ހިތުގެ މައްސަލަތައް ދިމާވެއެވެ. ޖިމަށް ދާނަމަ ގަވާއިދުން "ހެލްތު ޗެކަޕް" ވެސް ހަދަންވާނެއެވެ.
9. ހަށިގަނޑު ބަދަލުކޮށްލުމަށް ބޭނުންވުން
ޖިމަށް ދާ ގިނަ މީހުންނަކީ ކަސްރަތެއް ކޮށްލުމުގެ ބަދަލުގައި ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޢަޒުމު ކަނޑައަޅައިން ޖިމަށް ދާ މީހުންނެވެ. މިކަން ޙާޞިލުކުރުމަށްޓަކައި، "ސްޓެރޮއިޑް" ފަދަ ވަގުތީ ހައްލު ހޯދުމަކީ ވަރަށް އާއްމުކޮށް ފެންނަ މަންޒަރެކެވެ. ނަމަވެސް މިއީ ސިއްޙީގޮތުން ބޮޑު ގެއްލުމެއް ލިބިދާނޭ ކަމެކެވެ.
10. ޖިމްގެ ތާވަލާއި އެއްގޮތަށް ކުރިއަށް ނުދެވުން
ކޮންމެ ޖިމެއްގައިވެސް ހެދިފައި ހުންނަ ޕްރޮގްރާމްތަކެއް ހުރެއެވެ. ވަކިން ކްލާސް ނެގިނަމަވެސް އެފަދަ އެވެ. މި ޕްރޮގްރާމްތަކާއި އެއްގޮތަށް ކުރިއަށް ނުދެވުން ނުވަތަ ދާން އުނދަގޫވުން މިއީ ޖިމް މަތިން ފޫހިވާން ދިމާވާ ސަބަބެކެވެ.
11. ވަކި ވަގުތެއް ހުސްކުރަން ޖެހުން
ޖިމަކީ އެކަމަށް ޚާއްސަ އާލާތްތަކެއް ހިމިނޭ ތަނެއްކަމުން، އެތަނަށް ދިއުމަށް ވަކި ގަޑިތަކެއް ކަނޑައެޅިފައި ހުރެއެވެ. ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް އަންނަ ބަދަލާއި ގުޅިގެން ވެސް ސީދާ ވަކި ގަޑިއަކަށް ދާންޖެހުން މިއީ ގިނަ ޙާލަތްތަކުގައި އުނދަގޫ ކަމެކެވެ.
12. ވަރުބަލިވުން
ޖިމަށް ގޮސް ކަސްރަތުކޮށްފައި އައުމުން އެވާ ވަރުބަލީގައި، ދުވަހުގެ އެހެން ކަންކަމަށް ވަގުތު ދޭން އުނދަގޫވެއެވެ. އާއްމުކޮށް މިހެންވަނީ އަލަށް ޖިމަށް ދާންފަށާ މީހުންނަށެވެ. ބައެއް މީހުން ވަރުބަލި ވެގެން ހުރެވެސް އެހެން ކަންކަމުގައި މަސްޣޫލުވާ އިރު އަނެއް ބަޔަކު ބޭނުންވާނީ ޖިމަށް ގޮސް އަންނަ ގޮތަށް ނިދަލާށެވެ.
13. ސާފު ތާހިރުކަން
ޖިމަކީ ގިނަ ބަޔަކު ބޭނުން ކުރާތަނަކަށް ވެފައި، ޚާއްސަކޮށް ދާހިއްލުން އިތުރު ތަނަކަށް ވުމުން، ތުވާލި ގެންގުޅުން ކަމުގައި ވިޔަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލިތައް ވާޞިލުވާން ވަރަށް ފަސޭހަ ވާނެއެވެ.
14. ޖިންސީ އެދުންވެރިކަން ދަށްވުން
ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ބަރު ކަސްރަތު ކުރުމަކީ ޖިންސީ އެދުންވެރިކަން ދަށްވުމަށް މެދުވެރިވާ ސަބަބެކެވެ. މިއީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި އާއިލާ ރޫޅެން މެދުވެރިވެދާނެ ކަމެކެވެ.
15. އުމުރުން ދުވަސް ވުމުން ލިބޭ ގެއްލުން
ބަރުދަން ލުއިކުރުމަށް ޖިމަށް ގޮސް ބަރު ކަސްރަތުކޮށްގެން ވަރަށް ފަސޭހައިން ބައްޓަން ރީތިކޮށް ބަރުދަން ލުއި ކުރެވިދާނެއެވެ. ނަމަވެސް އުމުރުން ދުވަސް ވުމުން ހުޅުތަކުގައި ރިއްސުމާއި މަސްތަކުގެ ބާރުދަށްވުމަކީ ޖިމަށް ނުދިއުމަށް އޮތް އެންމެ ބޮޑު ހުއްޖަތެވެ.
ދެން އޮތް ސުވާލަކީ އެހެންވިއްޔާ ގަވާއިދުން ކަސްރަތު ކުރާނީ ކިހިނެތް ހެއްޔެވެ؟ ހަފްތާއަކު 3 ދުވަހު 30 މިނިޓަށް ހިނގާލުމުންވެސް ހިތުގެ ބަލިތަކުން ދުރުވެ، ފައިގެ ބައްޓަން ރީތިވެ މަސްތައް ވަރުގަދަވެ، ހަޖަމްކުރުމުގެ ނިޒާމް ރަގަޅަށް ހިނގާ، ދިފާޢީ ނިޒާމް އިތުރަށް ފުރިހަމަވެ، ހުޅުތައް ރައްކާތެރިވެ، ނިދަން ފަސޭހަވެ، މަޑުމަޑުން ބަރުދަން ލުއިވާނެއެވެ. އަދި ކޮންމެ ދުވަހަކު ހިނގާލެވޭނަމަ ހަކުރު އަދި ކޮލެސްޓްރޯލް ވެސް ކޮންޓްރޯލް ގައި ބެހެއްޓޭނެއެވެ.
ހަމަ މިގޮތަށް ޖިމަށް ދިއުމުގެ ބަދަލުގައި ފެތުން އަދި ބައިސްކަލް ދުއްވުމަކީ ވެސް ހައްޓަށް ބުރަނުވެ ކުރެވިދާނެ ފައިދާ ހުރި ކަސްރަތު ތަކެވެ.