ދިވެހިރާއްޖޭގެ ޤާނޫނާއި، އިސްލާމީ ޝަރީއަތާއި ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މައްޗަން ގޯޅީ އުތުރު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝައްފާން ޝައްމޫން ވިދާޅުވެއްޖެއެވެ.
ޝައްފާން މިހެން ވިދާޅުވީ، އޭނާގެ އަނބުރަށް އުނިކަން އަންނަ ގޮތައް އޮންލައިން ނޫސް "ދަ އެޑިޝަން"ގައި މިއަދު ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.
އެ ހަބަރުގައި ބުނެފައިވަނީ ޝައްފާން ކުރިން އަދާކުރި ވަޒީފާއިން ވަކިކޮށްފައިވަނީ އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ފުރައްސާރަކުރި މައްސަލައިގައި ކަމަށެވެ.
އެ ހަބަރާއި ގުޅިގެން ޝައްފާން އޭނާގެ ސާފު ޕޮލިސް ރިޕޯޓާއި އެކު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޭނާއަކީ ޝަރީއަތާއި ހިލާފު ކަމެއް ކޮށްފައިވާނެ މީހެއް ނޫން ކަމަށާއި، "ދަ އެޑިޝަން"ގެ އެ ހަބަރަކީ ބަޔަކު ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ހިންގި ފިނޑި އަދި ނާތަހުޒީބު އަމަލެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ޕްރައިމަރީގައި އޭނާއަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކުން ސާބިތުކަންމަތީ ތިބުމަށް ޝައްފާން ވަނީ އިލްތިމާސްކޮށްފައެވެ.