ޗައިނާ އިން ސްރީލަންކާއަށް ދަތުރުކުރާ ފަތުރުވެރިންނަށް އޮންއެރައިވަލް ވިސާ ދިނުން މިއަދު ހެނދުނު 06:00 އިން ފެށިގެން ހުއްޓާލައިފިއެވެ.
ލަންކާގެ އިމިގްރޭޝަނުން ވިދާޅުވީ މިހާރު ލަންކާ އަށް ދަތުރުކުރާ ޗައިނާ ފަތުރުވެރިން ލަންކާ އަށް ދަތުރުފެށުމުގެ ކުރިން އޮންލައިންކޮށް ވިސާ އަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޗައިނާ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޫކުރުން ލަންކާ އިން ހުއްޓާލީ ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ޗައިނާގެ ހުބާއީ ޕްރޮވިންސުން ލަންކާ އަށް ދަތުރުކުރި އަންހެނަކު ކޮރޯނާވައިރަސް އަށް ރޭ ޕޮޒިޓިވް ވެފައިވުމުންނެވެ.
ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ޗައިނާގެ 46 އަހަރުގެ އަންހެން މީހާ ލަންކާ އަށް ދިޔައީ މީގެ ދެހަފްތާކުރިން އޭނާގެ އެކުވެރިންތަކަކާއި އެކުގައެވެ.
ސްރީލަންކާގެ ހެލްތް މިނިސްޓްރީން ބުނީ ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ އަންހެން މީހާއާއި ބައްދަލުވެފައިވާ މީހުން ދެނެގަނެ އެމީހުން ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓުގައިވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.