ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އެއްބައި ވަންތަކަމުގެ ދުވަހުގެ ގޮތުގައި ފެބްރުއަރީ 5 ވަނަ ދުވަސް ފާހަގަ ކުރުމަށް ކުރާ މަސައްކަތަށް ގުދުރަތީ ގޮތުން ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް މީޑިއާ ޚަބަރުތައް ބުނެއެވެ. ޕާކިސްތާނުން އެއްބައި ވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ޕާކިސްތާނުން ކޮންޓްރޯލު ކުރާ ކަޝްމީރު ސަރަހައްދުގެ ގުދުރަތީ ކާރިސާތަކަށް ޕާކިސްތާނު ސަރުކާރުން އެހީތެރިވެ ދިނުމުގައި ފަރުވާ ކުޑަ ކޮށްފައިވާކަމަށް ކުރެވޭ ތުހުމަތު ތަކާ ގުޅިގެންނެވެ. 

ކަޝްމީރާއި ބަލޫޗިސްތާންގައި އެތައް ސަތޭކަ މީހުން ވަނީ ގަދަ ފިންޏާއި ބޯކޮށް ވާރޭ ވެހުމުންނާއި ގަނޑުފެނާއި ބޯކޮށް ސުނޯ ފޭބުމުގެ ސަބަބުން މަރުވެފައެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ލިބުން ވަލީ ލަސްވެފައެވެ. އަދި ލިބޭ އެހީއަކީވެސް ފުދޭ މިންވަރެއް ނޫންކަމުގައެވެ. 

ކަޝްމީރުގެ ވެރިރަށް މުޒައްފަރުއާބާދުގައި ޕާކިސްތާން ސަރުކާރުން ވަނީ އެހީގެ މަސައްކަތަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އެއްބައިވަންތަކަމުގެ ހިނގާލުމާއި އެއްވުންތައް ރޭވުމަށް މަސައްކަތް ފަށާފައެވެ. 

މުޒައްފަރުއާބާދުގައި ޑިޒާސްޓަރ ރިލީފްގެ މަސައްކަތުގަ އުޅޭ ފަރާތްތަކުން ބުނާ ގޮތުގައި 62 މީހުން ވަނީ މަރުވެފައެވެ. އަދި 53 މީހުނަށް ވަނީ ހާނިއްކަވެފައެވެ. އަދި މީގެ އިތުރަށްވެސް މީހުން މަރުވެ، އަނިޔާވެފައި ހުރެދާނެކަމަށް ލަފާ ކުރެވެއެވެ. 

ހާލުގައި ޖެހިފައިވާ މީހުނަށް އެހީތެރިކަން ދެވޭތޯ ސުއާލުކުރުމުން މަސްއޫލު ފަރާތްތަކުން ބުނެފައިވަނީ ކަމާބެހޭ މެޝީންތައް މިހާރު އެސަރަހައްދަށް ފޮނުވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮހިނެއްވާ ކަމެއްތޯ ސުއާލު ކުރުމުން އެއަށް ޖަވާބެއް ނުލިބެއެވެ. 

ހާލުގައި ޖެހުނު ސަރަހައްދުގައި ވާނުވާ އެނގެނީވެސް ހަމައެކަނި ބައިބޯކޮށް މީހުން އުޅޭ ހިސާބުތަކުންނެވެ. ނަމަވެސް އަވަށްތަކުގެ ހާލަތެއް ނޭނގެއެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވާ ނީލަމް ވެލީގެ އެއްވެސް ހިލަމެއް އަދިހަމަ ނުވެއެވެ. ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީވެސް މި ސަރަހައްދުންނެވެ. 

ޕާކިސްތާންގެ ދަށުގައި އޮންނަ ކަޝްމީރުގެ ހާލަތު މި ގޮތަށް އޮތްނަމަވެސް އެހީދިނުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރުން ދަނީ ކަޝްމީރުގެ ސަރަހައްދީ ސަރުކާރަށް ފިއްތަމުން، އެއްބައިވަން ކަމުގެ ދުވަސްފާހަގަ ކުރުމުގެ އިހުތިފާލަށް ތައްޔާރުވުމަށް ބާރުއަޅަމުންނެވެ. 

މިކަމާ ގުޅިގެން އުފެދިފައިވާ ނުތަނަސްކަން ދަނީ ކަޝްމީރުގެ މަސްއޫލުވެރިންގެ ފަރާތުންވެސް ފެންނަމުންނެވެ. ޕާކިސްތާންގެ ދަށުގައި އޮންނަ ކަޝްމީރުގެ ބޮޑުވަޒީރު ރާޖާ ފާރޫގް ހައިދަރު އާންމުންނާ މުޚާތަބު ކުރައްވައި ތަގްރީރު ކުރައްވަމުން ވިދާޅުވެފައި ވަނީ އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް ކަޝްމީރުން މިނިވަންކަމަށް މަސައްކަތް ކުރާނެ ކަމަށެވެ. މިކަންތައްތަކާ ހެދި ބޮޑު ވަޒީރު އިމްރާން ޚާންވެސް ވަނީ ޕާކިސްތާންގެ ދަށުގައި އޮންނަ ކަޝްމީރަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ހަސްފަތާލަށް ޒިޔާރަތް ކުރައްވައި މީހުންނާ ބައްދަލުކުރައްވައި ފޮޓޯ ނަންގަވާފައެވެ. 

ކަޝްމިރުގައި ގެތައް ވަނީ ހަލާކުވެފައެވެ. ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ. މަގުތައް ވަނީ ދޮވެވިގެން ގޮސްފައެވެ. ކާނާއާއި އެހެނިހެން އަސާސީ ތަކެތި ސަޕްލައި ކުރުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. ކަޝްމީރުގައި ތަރައްގީ ނުވާ ރަށްފުށުގެ ސަރަހައްދުތަކަކީ އާދަވެގެން މޫސުމީ ކާރިސާތަކުގައި އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް އަބަދުވެސް ހާލުގައި ޖެހޭ ތަންތަނެވެ. 

އިމްރާން ޚާންގެ ކަޝްމިރު ދަތުރުފުޅަށްފަހު އިސްލާމްއާބާދަށް ވަޑައިގެން މަސައްކަތް ކުރެއްވީ އެހީ ފޯރުކޮށްދެއްވުން އަވަސްކޮށްދެއްވައި މީހުނަށް ލުއިފަސޭހަކޮށްދެއްވާކަށެއް ނޫނެނެވެ. ނަމަވެސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަ ކުރުމަށް ތައްޔާރީތައް ރޭއްވެވުމުގެ މަސައްކަތް ކުރެއްވުމުގައެވެ. އިމްރާން ޚާން ދެއްވި އިރުޝާދުތަކަށް ކަޝްމީރުގައި ވަނީ ބީރުކަންފަތެއް ދީފައެވެ. 

މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހަކީ ޕާކިސްތާނަށް ވަރަށް މުހިންމު ދުވަހެކެވެ. މިއީ އިންޑިއާއިން ކަޝްމީރަށް ދީފައި އޮންނަ ޚާއްސަ ހާލަތު އޮގަސްޓް މަހު އުވާލުމަށްފަހު ބާއްވާ ފުރަތަމަ އެއްބައިވަންތަކމުގެ އިހުތިފާލެވެ. އިންޑިއާއިން ކަޝްމީރުގެ ޚާއްސަ ހާލަތު އުވާލައި އިންޑިއާގެ އެހެން ރައްޔިތުންނަށްވެސް އޮންނަ އިނާޔަތްތައް ކަޝްމީރުގެ މީހުންނަށް އިންޑިއާގައި ލިބި ދިނުމަށް ފާސްކުރި ގާނޫނަށްފަހު ޕާކިސްތާނާއި އިންޑިއާގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އަދި އިންޑިއާގެ ވެރިންނަށް ޕާކިސްތާނުން ހުތުރު ނަމުން ނަންދީފައި ވެއެވެ.  

1990 ވަނަ އަހަރުން ފެށިގެން ކަޝްމީރުގެ ދުވަހަކީ ޚާއްސަ މުނާސަބާއަކަށް ހަދައިގެން އިހުތިފާލް ކުރާ ދުވަހެކެވެ. އަދި މިއީ ރަސްމީ ބަންދު ދުވަހެއްވެސް މެއެވެ. މި މުނާސަބާއާ ދިމާކޮށް އިންޑިއާއަށް ޕާކިސްތާނާ ވީފަޅީން ހަނގުރާމަވެރިން ވަނުމަކީ އާންމު ކަމެކެވެ. 

މިދިޔަ ފަސްމަހެއްހާ ދުވަހުގެ ތެރޭގައި ހަނގުރާމަވެރިންގެ ހަރަކާތްތަކަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. އިމްރާން ޚާންގެ އިތުރުން ޕާކިސްތާންގެ ސިފައިންގެ ވެރިޔާ ޖެނަރަލް ގަމަރު ޖާވިދް ބާޖްވާއާއި އަދި މަތީފެންވަރުގެ އެތައް މަސްއޫލުވެރިންނެއް ވަނީ އެތައް ފަހަރެއްގެ މަތިން ކަޝްމީރަށް ޒިޔާރަތް ކުރައްވާފައެވެ. މިފަރާތްތަކުން ވަނީ މީހުންނަށް ހަރުކަށިކަމަށް ހިތްވަރު ދެއްވާފައެވެ. 

ކަޝްމީރުގެ ހަނގުރާމަވެރިންނާއި ބޭރުގައި ތިބޭ ޖަމާއަތްތަކުންނާއި ޕާކިސްތާންގެ އެތެރޭގައިވެސް އިދިކޮޅު ފަރާތްތަކާއި ޚާންއަށް ތާއިދުކުރާ ފަރާތްތަކުން ވަނީ މިފާއިތުވެގެން ދިޔަ ހަތްދިހަ އަހަރުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ގޮތަށް، ނަތީޖާ ދެއްކެވުމަށް ޚާނަށް ބާރުއަޅުއްވާފައެވެ. 

އިމްރާން ޚާންއާއި އޭނާގެ ޚާރިޖީ ވަޒީރު ޝާހް މަހުމޫދު ޤުރަޝީ ވަނީ އެތެރޭގެ ފިއްތުންތަކާ ހެދި ބައިނަލްއަގްވާމީ މުޖުތަމައަށް ފާޑު ވިދާޅުވެފައެވެ. މި ބޭފުޅުން އިންޑިއާއަށް ތުހުމަތު ކުރައްވާކަންކަމުގައި ދުނިޔޭގެ މުޖުތަމައިން އެދެވޭ ފިޔަވަޅުތައް ނާޅާކަމަށް ވިދާޅުވެ މި ބޭފުޅުން ގެންދަވަނީ ނުތަނަވަސްކަން ފާޅު ކުރައްވަމުންނެވެ. މި ފާޑު ކިޔުމުގައި އިސްލާމީ ގައުމުތައްވެސް ސަލާމަތެއް ނުވެއެވެ. ޕާކިސްތާނުން ބުނަނީ އިންޑިއާގެ ބާޒާރުގައި މުދާ ވިއްކުމުގެ ބޭނުމުގައްޔާއި އިންޑިއާއާއެކު ވިޔަފާރު ކުރުމުގެ ބޭނުމުގައި އިސްލާމީ ގައުމުތަކުން ޕާކިސްތާން ދޫކޮށްލާފައިވާ ކަމުގައެވެ. ޕާކިސްތާންވެސް ކުރިމަތިލާފައިވަނީ އިގްތިސާދީ ހީނަރުކަމަކާއެވެ. އަދި އިގްތިސާދަށް ފައިސާ ހޯދުމަށް ޕާކިސްތާނުން ދަނީ އެކި ފަރާތްތަކުން އެދެމުންނެވެ. 

ޕާކިސްތާންގެ ރެއިލްވޭ މިނިސްޓަރ ޝެއިޚް ރަޝީދުވެސް ވަނީ ފާޅުގައި އިމްރާން ޚާނަށް ފާޑު ވިދާޅުވެފައެވެ. އޭނާވެސް ތުހުމަތު ކުރައްވާ ގޮތުގައި އިމްރާން ޚާން ކަޝްމީރުގެ މީހުނަށް އެދެވޭވަރަކަށް މަސައްކަތެއް ކޮށެއް ނުދެއްވައެވެ. 

ޕާކިސްތާން ސަރުކާރުން ބުނަނީ އިންޑިއާ ދެކޮޅަށް ޕާކިސްތާނުން ހިންގާ ކެމްޕޭން ކާމިޔާބު ކަމަށެވެ. އަދި ކަޝްމީރުގެ މައްސަލަ ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އިމްރާން ޚާނަށް ފާޑު ވިދާޅުވަމުން ރަޝީދު ތުހުމަތު ކުރައްވަނީ ޚާން އިންޑިއާއަށް ދޫދެއްވަނީ ކަމުގައެވެ. އަދި ޚާންއަކީ ސިޔާސީ ގޮތުން ބަލިކަށި ބޭފުޅެއްކަމުގައެވެ. ޑޯން ނޫހާ ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވަނީ މި މައްސަލާގައި އޭނާ ވާނީ ކެބިނެޓްގެ ބައްދަލުވުންތަކުގައިވެސް ސަރީހަކޮށް ވާހަކަ ދައްކަވާފައި ކަމުގައެވެ. 

ކަޝްމީރުގެ މައްސަލާގައި އަޑުގަދަ ކުރުމަށް ބޭރުގައި ތިބެގެން އެހީދޭ ފަރާތްތަކުން ބޭނުންވާ މިންވަރަށް ޚާންގެ ސަރުކާރަށް ކަންތައްތައް  ކޮށް ނުދެއްކުމުން ދެކޮޅުވެރިންވެސް ދަނީ އިތުރުވަމުންނެވެ. 

ފެބްރުއަރީ 5 ވެގެންދާނީ އަނެއްކާވެސް އަނެއް މުޒާހަރާ ދުވަހަށެވެ. މި ހިނދު ހަރުކަށިކަމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައިން ދަނީ ބާރުއަޅަމުންނެވެ. 

އަދިވެސް ހަމަ ކުރަން ޖެހޭ އެންމެ އަސާސީ ސުއާލަކީ އެއްބައިވަންތަކަމުގެ ނަމުގައި ބޮޑު މުޒާހަރާއެއް ބާއްވައިގެން ކަޝްމީރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދެވޭނީ ކޮން އެހީއެއް ހެއްޔެވެ؟ 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *