މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްއަށް ހައްލެއް ހޯދިފައިވާ ކަަމަށް ސްރީލަންކާގެ ސައިންޓިސްޓެއް ކަމަށްވާ މަންޖޫ ގުނަވާޑަނާ ބުނެފިއެވެ.
މަންޖޫ އޭނާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އާންމުކޮށްފައިވާ އިންޓަވިޔުއެއްގައި ބުނީ، ކޮރޯނާވައިރަސް އާއި އެނޫންވެސް ވައިގެ ޒަރީއާއިން ފެތުރޭ ބަލިތަކަށް ހައްލެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ވައިރަސް ފަތުރާ މާއްދާތައް ނެތިކޮށްލާ ބޮތްކެއް އުފައްދާފައިވާ ކަމަށް އޭނާ ބުނެއެވެ.
މަންޖޫ ބުނީ، އޭނާ އެ ބޮކި އުފެއްދުމަށް 7 އަހަރު ހޭދަކޮށްފައިވާ ކަމަށާއި، އެ ބޮތްކަކީ އިންފްލްއެންޒާއިން ރައްކާތެރިވުމަށްވެސް ބޭނުން ކުރި ބޮތްކެއް ކަމަށެވެ. އަދި އެ ބޮތްކަކީ އިންޑިއާގެ އެތަކެއް ޑޮކްޓަރުންނެއްވެސް ބޭނުން ކުރުމަށް ލަފާދޭ ބޮތްކެއް ކަމަށެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ޑޮކްޓަރ އޭ.އާރް. އަބްދުލް ކަލާމްވެސް އެ ބޮކި ބޭނުންކުރުމަށް ލަފާދީފައިވާ ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން އެ ބޮތްކަކީ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައިފައިވާ ޖަޕާނާއި، އިނގިރޭސިވިލާތުންވެސް އެޕްރޫވްކޮށްފައިވާ ބޮތްކެއް ކަމަށް މަންޖޫ ބުނެއެވެ.
މަންޖޫ ބުނެފައިވާ ގޮތުގައި މި ބޮކި ފާހާނައާއި، ކޮޓަރީގެ އިތުރުން ބަދިގެ ފަދަ ތަންތާގައި ހަރުކުރުމުން އެތަންތަނުން ވައިރަސް ފަތުރާ ބެކްޓީރިއާތައް ނެތިކޮށްލައެވެ. އަދި ފޮޓޯކެޓަލިސިސް(އަލި ބޭނުންކޮށްގެން ބެކްޓީރިއާއާއި ވައިރަސް ނައްތާލުން)ގެ ނިޒާމަކީ ވައިގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ މޮޅު ގޮތް ކަމަށް އޭނާ ބުނެއެވެ.
މަންޖޫއަކީ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުގައި މެދުކެނޑުމެއް ނެތި 25 އަހަރު ހޭދަކޮށްފައިވާ ފަރާތެކެވެ. އަދި އޭނާއަކީ ހައިބްރިޑް ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ ސީ.އީ.އޯވެސް މެއެވެ. މަންޖޫއަށް ވަނީ ޓެކްނޮލޮޖީ އާއި ސައިންސްގެ ރޮނގުން ޤައުމީ އެވޯޑްވެސް ލިބިފައެވެ.
ކޮރޯނާ ވައިރަސް ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީއިންނެވެ. އެސިޓީން އެތައް ބަޔަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު އެ ވައިރަސްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދުވަނީ 80 އަށް އަރައިފައެވެ.