ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުން އޭނާގެ މައްޗަށް ކޮށްފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.
އެ ހުކުމް ހައިކޯޓުން ބާތިލް ކުރުމާއި އެކު އެމަނިކުފާނު މިވަނީ މިނިވަންވެފައެވެ.
ހައިކޯޓުން މިއަދު އިއްވި އެ މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އަބްދުﷲ ސައީދުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން އަބްދުﷲ ސައީދު ހައްޔަރުކޮށް ގިނަ އަދަދެއްގެ ދައުވާތަކެއް އޭނާގެ މައްޗަށް ކުރިއެވެ. އޭގެތެރެއިން ތިން ދައުވާއެއް ސާބިތުވިއެވެ. އަދި މިހާރު ވަނީ ދެ ދައުވާގެ ހުކުމް ތަންފީޒުކޮށްވެސް ނިންމާފައެވެ