MDP Jalsa
އެމްޑީޕީއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: އަހުމަދު ޝުރާއު | ޖަޒީރާ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ކެމްޕޭން ރީ ލޯންޗްކުރުމަށް ބާއްވާ ޖަލްސާ މި މަހުގެ 25 ވަނަ ދުވަހު އޮންނާނެކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން، އަހްމަދު ޝާހިދު (ސާބެ) ވިދާޅުވީ، ކެމްޕޭން ކުރިއަށް ގެންދާނީ "ރަށްވެހި ފަތިސް" ސްލޯގަންގެ ދަށުންކަމަށެވެ. އޮންލައިންކޮށް މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ބާއްވާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ކެމްޕޭން ޖަލްސާގެ އިތުރުން، އެމް.ޑީ.ޕީގެ ކެމްޕޭނިންގ ކުރިއަށް ގެންދާނެ ގޮތުގެވެސް މުހިންމު ބައެއް ތަފްސީލްތައް ސާބެ ހިއްސާކުރިއެވެ. އެގޮތުން، ކޮންމެ އާދީއްތަ އަދި އަންގާރަ ދުވަހު ހާއްސަ ބައްދުލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް ބާއްވާ މި ބައްދަލުވުމުގައި ރައީސް ޞާލިހު، ރައީސް ނަޝީދު އަދި ޕާޓީއާއި ސަރުކާރުގެ އިސް ބައެއް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި އަތޮޅު ނުވަތަ ސިޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނާއި ކެމްޕޭން ޓީމްގެ ބޭފުޅުންނާއި ބައްދަލުކުރާނެއެވެ. ސާބެ ވިދާޅުވީ، މި ބައްދަލުވުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް މާދަމާ ހިއްސާކޮށްދެއްވާނެކަމަށެވެ.

ކޮރޯނާ ވައިރަސްގެ ޕެންޑެމިކްއާ ގުޅިގެން އެމް.ޑީ.ޕީ ކެމްޕޭން ވަރަށް ބޮޑަށް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އިސްކަން ދޭނެކަމަށްވެސް ސާބެ ވިދާޅުވިއެވެ. އެގޮތުން، ދޮރުން ދޮރަށް ހިނގުން މަދުކޮށް ފޯން އަދި އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ހަނި ފުރުސަތު ތަކަކާއެކު، އިންތިހާބުގެ ހަރަދު ދެގުނަ ބޮޑުވާގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި ގައިޑްލައިންގެ ސަބަބުން އިންތިހާބު ބޭއްވުމަށް ހުރަސްތައް ކުރިމަތިވެ އިލެކްޝަންސް ކޮމިޝަނުން، އިންތިހާބު ފަސްކުރުމަށް މަޖިލީހަށް ހުށައަޅާނެ ކަަމަށް ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ކެމްޕޭން ޖަލްސާތަކާއި، ރަސްމިއްޔާތުތައް ބެއްވުމުގައި ބަދަލުގައި، އެކަންކަން ކުރިއަށްގެންދިއުމަށް ބާރު އަޅާފައިވަނީ އޮންލައިންކޮށެވެ. އަދި އޮންލައިންކޮށް ނޫންގޮތަކަށް ކުރިއަށްގެންދާނަމަ ، ކުރިއަށްގެންދަން ޖެހެނީ ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި، އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދިޔުމަކީ މަނާކަމެކެވެ. އެހެންކަމުން އެޗްޕީއޭއިން އަލަށް އެކުލަވާލި އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި އެއްވެސް ކެމްޕޭން ޖަލްސާއެއް އަދިި ރަސްމިއްޔާތެއްވެސް މިވަގުތަށް ނުބޭއްވޭނެ އެވެ.

1
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *