މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 23:05 ހާއިރު އަމީނީ މަގުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި މީހެއްގެ ގައިގައި ޖެހުމުގެ ސަބަބުން ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެއެވެ.
ފުލުހުންގެ ތަރުޖަމާނު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ، ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި އެކްސިޑެންޓެއް ހިނގައިގެން ދެ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ އިތުރުން އުމުރުން ދުވަސްވީ މީހާއަށް އެކަނި ކަމަށެވެ. އަދި ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖާއަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އެކްސިޑެންްޓްގައި އުމުރުން ދުވަސްވީ މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.