މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ބަންދުގައި ބަހައްޓާފައި ހުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ޖަލުގައި ބަންދުކޮށްފައި ބެހެއްޓި ތަނުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، މއ. ކާމިނީ ހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުކުމް ތަންފީޒު ކުރަމުން ގެންދަނީ ކުރީ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް "ނުހައްގުން" ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ. 

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނަށް ޖަލުގައި ނުރައްޤުން އަނިޔާދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ބުނީ ރައީސް ޔާމީން ޖަލުގައި އޮންނަނީ ވަރަށް އާދައިގެ ގޮޅިއެއް ކަމަށާއި އެކަނިކުފާނާއި މެދު ޖަލުގައި ކަންތައް ކުރަނީ ވަރަށް ލާއިންސާނީ ގޮތެއްގައި ކަމަށެވެ. އަދި އެތައް ހައްޤުތަކުން އެމަނިކުފާނު މަހްރޫމްވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. 

ރައީސް ޔާމީންގެ މައްސަލައިގައި ހޯމް މިނިސްޓްރީން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެގޮތުން އެބަޔާނުގައި ބުނީީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރު ކޮށްދޭންޖެހޭ އަސާސީ، އަދި އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައްރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

"މީޑިއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ދެންނެވުނު ގައިދީގެ ފަރާތުންވިޔަސް، އޭނާގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އޭނާގެ އާއިލާގެ ފަރާތުންވިޔަސް އުފުލާފައި ނުވާކަމުގައި ދަންނަވަމެވެ،" ހޯމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަނގަޅުކޮށް ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *