އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވުމާއި، ބެލެހެއްޓުމަށް ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންނަށް ވުރެ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކާތެރިކަން ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އެގައުމުގެ ސިފައިންނާއި ޓެކްނިކަލް ފަރާތްތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް އިންޑިއާގެ 50 އެއްހާ މީހުން އެބަތިއްބެވެ.

ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ޤައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވައިފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ބޭރު ޤައުމެއްގެ އަސްކަރީ ބޭސް އެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ދެ ހެލިކޮޕްޓަރު ބޭނުން ކުރަނީ ރައްޔިތުންނަށް ހިދުމަތް ފޯރިކޮށްދިނުމަށް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވައި އޮޕަރޭޓްކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ މީހުން ތިބެނީ ދިވެހިންގެ ގެތައް ކުއްޔަށް ހިފައިގެން ރައްޔިތުން ކައިރީގައި ކަމަށާއި، އެހެންކަމުން އެފަރާތްތަކަށް ވުރެ ރާއްޖޭގައި ޤަވައިދާއި ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންގެ ސަބަބުން ޤައުމުގެސަލާމަތައް އޮތް ނުރައްކާ ބޮޑު ކަމަށެވެ.

"ހަމަ ސިއްސައިގެން ދާހާ ގިނަ މީހުން އެބަ އުޅޭ ކަންބޮޑުވާން ޖެހޭ ކަހަލަ. ސެކިއުރިޓީ ގޮތުން ވިސްނައިފިއްޔާ ވެސް، އެމްއެންޑީއެފް އާ ސެކިއުރިޓީ ސެކްޓާގައި އުޅުއްވާ ބޭފުޅުން، އެވެސް ސެކިއުރިޓީ ރިސްކެއް ކަމަށް ބެލިދާނެ ކަމަށް ވިދާޅުވާ ކިތަންމެ ވައްތަރެއްގެ ބިދޭސީން އެބައުޅޭ ރާއްޖެގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ޤަވައިދާއި ހިލާފަށް ބިދޭސީން އުޅޭ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ބައިލައްކައަށް ވުރެ ގިނަ ބިދޭސީން ނުގަވައިދުން އުޅެއެވެ. އަދި އެ ފަރާތްތަކުގެ ސަބަބުން ތަފާތު ކުށްތަކަށް އަރައިގަންނަ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *