މީސް މީޑިއާގައި ދައުރުވަމުންދާ ކުއްޖަކަށް ބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ކިޔައިދޭ އޯޑިއޯގެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މި މައްސަލަ ބަލަމުން އަންނަކަން ކަށަވަރުކޮށްދިން ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި އޯޑިއޯ ފޭސްބުކްގައި އާންމުވުމާއި އެކު، ފުލުހުން އިއްޔެ ވަނީ ބަޔާނެއްވެސް ނެރެފައެވެ.
އެގޮތުން އެ ބަޔާނުގައި ފުލުހުން ބުނީ އެކި ބާވަތުގެ އަނިޔާ ލިބޭ ކުދިންނާއި ސުވާލު ކުރުމުގައި ހާއްސަ ތަމްރީނު ލިބިފައިވާ މީހުން ނޫން އެހެން މީހުން އެ ކުދިންނާ އެފަދަ ސުވާލު ކުރާނަމަ ކުއްޖާއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ކުއްޖާގެ ވަނަވަރު ހާމަވާ ގޮތަށް މީސް މީޑިޔާގައި ފޮޓޯއާއި އެނޫންވެސް މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ފުލުހުން ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި އަނިޔާގެ މައްސަލަތަކަކީ އެ ސާވިސްއިން ހާއްސަ އިސްކަމެއް ދީގެން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނާނެ މައްސަލައެއްކަން ހާމަކޮށްފައެވެ.
ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ވީޑިއޯއެއް އާންމުވެފައިވާއިރު، މި ފަހަކަށް އައިސް ވަނީ ޖިންސީ އަނިޔާއާއި ގޯނާގެ މައްސަލަތައް ފެންމަތިވާލެއް އިތުރުވެފައެވެ.