މުދަލެއް ވިއްކާ ނުވަތަ ޚިދުމަތެއް ދޭ އިރު އެ ގަނެ ނުވަތަ ލިބިގަންނަ ފަރާތުން އެ މުދަލެއް ނުވަތަ ޚިދުމަތަކާއި މެދު ދެކޭގޮތް އެއީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ދެކިގެން އަޑުއަހަން ޖެހޭ ވާހަކައެކެވެ. ގިނަ ފަހަރު އެއީ އެ މުދަލެއް ނޫނީ ޚިދުމަތެއްގެ ފެންވަރު ރަގަޅު ކުރުމަށް އެހީތެރިވުން ކަމުގައި ނޫނީ ނުވާނެއެވެ. ޚިދުމަތް ލިބިގަންނަ ފަރާތުގެ ވާހަކަ އަޑު ނާހާ އެކަން ބޮލާލާ ޖެހުމަކީ ވިޔަފާރިތައް ހަލާކުވެގެން ދާންޖެހޭ މައިގަނޑު އެއް ސަބަބެވެ. މިކަން އެންމެ ރަގަޅަށް އެނގޭނެ އެކަކީ ފަރާރީ ކާރު ކުންފުނީގެ ވެރިޔާ އެންޒޯ ފަރާރީ އެވެ. ސަބަބަކީ ޚިދުމަތް ހޯދާ މީހުންގެ އަގު ދަށްކޮށްލުމުން އެންމެ ހިތި ތަޖުރިބާ އެއްކުރި އަދި އެންމެ ބޮޑު ގެއްލުމެއްވީ މީހަކަށް ތާރީޚުގައި އޭނާގެ ނަން ލިޔެވޭނެއެވެ.

މި ހާދިސާ ފެށިގެން އަންނަނީ 1950 ގެ އަހަރު ތަކުގެ ތެރެއިންނެވެ. ފެރުއްޗޯ ލަންބޮރގިނީ އަކީ ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޓްރެކްޓަރު އުފައްދާ މީހެކެވެ. އެންޒޯ ފަރާރީ އަކީ ރޭސްކާރު އުފައްދާ މީހެކެވެ. ދެމީހުންވެސް ނިސްބަތްވަނީ އިޓަލީވިލާތަށެވެ. އެންޒޯގެ ކާރު ތަކަކީ ރޭސް ޖެހުމަށް ޚާއްސަކޮށްފައިވާ އުޅަނދު ތަކެއް ނަމަވެސް ބައެއް ކާރު އާއްމުކޮށް ވިއްކަން ފެށިއެވެ. ފެރުއްޗޯއަކީ ވެސް ޓްރެކްޓަރ އުފެއްދުމުގެ ވިޔަފާރީގައި ގިނަ މަންފާތަކެއް ހޯދައިފައިވާ މީހެއް ކަމުން އޭރުގެ އެންމެ ހައިބަތުބޮޑު ކާރުތައް ކަމަށްވާ އަލްފާ ރޯމިއޯސް، ޖެގުއަރ، މަޒެރާޓީގެ އިތުރުން ފަރާރީ އެއްވެސް ގަތުމުގެ ތަނަވަސްކަން ހުއްޓެވެ.

މިހުރިހާ ކާރެއްވެސް ދުއްވާލަން ހަމަ ކަމުދެއެވެ. ނަމަވެސް ފަރާރީގެ އެތެރެ ޑިޒައިން ކުރެވިފައިވާ ގޮތާއި، އަބަދު މަރާމާތު ކުރަން ޖެހުމާއި ދުއްވުމުގެ ފެންވަރު، ފެރުއްޗޯއަކަށް ކަމަކު ނުދިޔައެވެ. އެންމެ ބޮޑު ޝަކުވާ އަކީ ކާރުގެ ކްލަޗްގެ ފެންވަރު ދަށްކަމާއި އަބަދު އެބަދަލު ކުރުމަށް ފަރާރީގެ އުފައްދާ ކާރުޚާނާއަށް ދާންޖެހުމެވެ. ފެރުއްޗޯއަކީ ވެސް ޓްރެކްޓަރ އުފައްދާ ފަރާތެއް ކަމުން ކްލަޗްގެ މައުލޫމާތު ރަގަޅަށް އެނގިފައި ހުރުމާއި އެ ރަގަޅު ކުރެވިދާނެ ޚިޔާލެއް ދިނުމަށް އެންޒޯ އާއި ބައްދަލު ކުރުމަށް ދިޔައެވެ. ނަމަވެސް އެންޒޯ މިކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ފެރުއްޗޯ ދައްކަން އައި ވާހަކަ ނިންމާނެ ފުރުސަތު ނުދީ ވަރަށް ކުޑައިމީސްކޮށްފައި އޭނާ ފޮނުވާލިއެވެ. އެންޒޯ ގަބޫލުކުރި ގޮތުގައި އޭނާގެ ކާރުތައް ވިކެނީ ލިބިފައިވާ މަޝްހޫރު ނަމުގެ ސަބަބުންނެވެ. އެހެންކަމުން އޭގެ ފެންވަރު ރަގަޅު ކުރުމަށް މީހަކު ދޭ ޚިޔާލެއް ގަބޫލު ކުރާ ވަރަށް ވުރެ އޭނާގެ ކުންފުނި އަދި ޚުދު އޭނާ ބޮޑެވެ.

ފެރުއްޗޯއަކީ ވަރަށް ފަގީރުކޮށް ފަށައިގަނެގެން އަމިއްލަ މަސައްކަތުން، ދެފައި މައްޗަށް ތެދުވެ އިއްތިފާގުން ކްލަޗާއި އިންޖީން ހުރި އުޅަނދެއް އުފައްދައިގެން އުޅޭ މީހަކަށް ވުމުން އެންޒޯ ކަންތައް ކުރި ގޮތުން ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. އަދި އައި ރުޅީގައި އޭނާ 1958 ގައި ގަނެފައި އޮތް 250 ޖީޓީ ފަރާރީ އަކަށް ބައެއް ބަދަލުތައް ގެންނަން ފެށިއެވެ. އެ ބަދަލުތައް ގެނެވުނުލެއް މޮޅުކަމުން އައި ޚިޔާލަކީ އޭނާއަށް ވެސް ފެންވަރު ރަގަޅު ކާރު އުފެއްދި ދާނެކަމުގެ ޚިޔާލެވެ. އަދި އޭނާގެ ޓްރެކްޓަރގައި ބޭނުންކުރާ ބައެއް ސާމާނުބޭނުންކޮށްގެށް ވަރަށް ފަސޭހައިން ކުޑަ އަގެއްގައި މޮޅު ކާރެއް އުފެއްދިދާނެކަމާއި އަދި އެއިން ބޮޑު މަންފާ އެއްވެސް ހޯދިދާނެކަން އޭނާ ޔަގީން ކުރިއެވެ.

ފެރުއްޗޯ ގަބޫލު ކުރި ގޮތުގައި އޭނާގެ ކާރު ވާންޖެހޭނީ، ފަރާރީގައި މަދުވާ ހުރިހާކަމެއް ފުރިހަމަ ވެގެން އުފެއްދޭ ކާރަކަށެވެ. އެގޮތުން ތެލުގެ ޚަރަދު ކުޑަވުމާއި، ސްޕީޑް ބާރުވުމާއި، އެތެރޭގެ ފަރުމާ ރީތިވުމާއި ޚާއްސަކޮށް އަބަދު މަރާމާތުކުރަން ނުޖެހޭ ކާރަކަށް މިކާރު ހެދުމަށް އޭނާ ޢަޒުމް ކަނޑައެޅިއެވެ. ކުންފުންޏެއްގެ ގޮތުގައި ފަށައިގަނެ ކާރު އުފައްދަން ފެށީ 1963 ގައި، 5 ލައްކަ އަކަފޫޓުގެ ބިމެއްގައެވެ. އިއްތިފާގުން މިބިމަކީ ފަރާރީ ކުންފުނީގެ ފުރަގަހެވެ. ފެރުއްޗޯގެ ފުރަތަމަ ކާރު "ލަމްބޮރގިނީ 350 ގީޓީ" ޑިޒައިން ކުރަން ނެގީ އެންމެ 4 މަހެވެ. ކާރުގެ އިންޖީނު ފަރުމާ ކުރުވީ ފަރާރީގެ އިންޖީން ވެސް ފަރުމާ ކުރި ޖޮއްޓޯ ބިއްޒާރިނީ ލައްވައެވެ. ޗެސިސް ފަރުމާ ކުރުވި ގިއަން ޕައޮލޯ ދައްލާރާ އަކީ ވެސް ފަރާރީއަށް މަސައްކަތް ކޮށްދޭ މީހެކެވެ. ޖޮއްޓޯ ބިއްޒާރިނީ ފަރުމާކުރި އިންޖީނަކީ ފަރާރީ ގެ އިންޖީނާއި ވަރަށް އެއްގޮތް އިޖީނަކަށް ވުމުން، ޖޮއްޓޯ މި މަސައްކަތުން ބޭރުކުރިއެވެ. ފެރުއްޗޯ ބޭނުންވާނީ ރޭސްކާރުގެ ބަދަލުގައި މަގުމައްޗަށް ރަގަޅު އިންޖީނެއްކަމުން އެއަށް ވަގުތު ދިނުމުގެ ގޮތުން، 1963 ވަނަ އަހަރު އޮތް ޓިއުރިން މޮޓޯ ޝޯ ގައި ލަންބޯރގިނީ ދައްކާލީ އިންޖީނާއި ނުލައެވެ. ނަމަވެސް ކާރު އުފެއްދުމުގެ މަސައްކަތް ފެށީ، ޖޮއްޓޯ ފަރުމާކުރި އިންޖީނަށް އިތުރަ ބަދަލުތައް ގެނެސްގެންނެވެ. އަދި ކާރު ތަޢާރަފް ކުރުން އޮތީ 1964 ގައި ޖެނީވާގައި އޮތް މޮޓޯ ޝޯގެ ތެރެއިންނެވެ. ކާރަށް މި ޝޯގައި ގިނަ ތަޢުރީފް ލިބުން ނަމަވެސް، މިއަހަރު އުފެއްދި 13 ކާރު ޝޯގެ ތެރޭގައި ވިއްކާލީ ނުއަގުގައެވެ.

ޖެހިގެން އައި ދެ އަހަރުގެ ތެރޭގައި 350 ޖީޓ ގެ 130 ކާރު ވިކުން ވީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. އޭގެ ފަހުން 400 ޖީޓީ ގެ އިތުރުން 400 ޖީޓީ 2+2 ވެސް އެހާ ކާމިޔާބު ކަމާއެކު ހިނގިއެވެ. ނަމަވެސް ލަމްބޮރގިނީގެ ނަން ވިދުވާލީ، 1966 ގެ ޖެނީވާ އޮޓޯ ޝޯގެ ތެރެއިން "ލަމްބޮރގިނީ މިއުރާ" އެވެ. ކާރުގެ ފުރިހަމަކަން ފެނިފަ އެންޒޯ ވެސް ހަމަ އާޝޯހު ވިއެވެ. މިއަދު ލަމްބޮރގިނީ އަކީ އެންމެ މޮޅެތި އަދި ރަގަޅު ކާރު ލިސްޓްްގެ އެންމެ ކުރިން ޖާގާ ހޯދާ ކާރެވެ.

2015 ގައި ފަރާރީ ކުންފުނީގެ އަގަކީ 1.3 ބިލިއަން ޑޮލަރެވެ. ނަމަވެސް ލަމްބޮރގިނީ ކުންފުނީގެ އަގަކީ 11 ބިލިއަން ޑޮލަރެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް މި ވާހަކައިގާ ޢިބުރަތެއް ވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *