ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަދި ފާޠިމަތު މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސެކްރެޓަރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލް، ފާޠިމަތު މުހައްމަދު ޞާލިހުގެ މާލީ ބަޔާން އާންމުކުރުމުގައި، އެކަމަނާގެ އެކައުންޓުގައި 700،000 ހުރިކަމަށް ލިޔެވުނީ އޮޅުމަކުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފޯމް އެންޓަރ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން، އެ ފޯރމުގައި ބަޔާންކޮށްފައިވާ އާމްދަނީއާ، މުދަލާއި، ފައިސާ އަދި ލޯނުގެ ބައިގައި، އެކަމަނާގެ މައުލޫމާތު ބަދަލުގައި ފިރިކަލުން އަލްމަރުހޫމް އިސްމާއީލް ފިރާގުގެ މައުލޫމާތު ހިމެނިފައިވާ ކަމަށެވެ. އެގޮތުން، އިސްމާއީލް ފިރާގުގެ އެކައުންޓްގައި ހުރި 700،000 ރުފިޔާ އަދި އޭނާގެ މިލްކިއްޔާތުގައި ހުރި އިމާރާތުގެ އަގުގެ ގޮތުގައި 20 މިލިއަން ރުފިޔާ އޮޅުމަކުން ފާޠިމަތު މުހައްމަދު ޞާލިހުގެ މާލީ ބަޔާނުގައި ހިމެނުނުކަން ފާހަގަކުރެވި، އެކަން ރަނގަޅުކޮށް މިދިޔަ ބުރާސްފަތި ދުވަހު އަލުން މާލީ ބަޔާން އަޕްލޯޑް ކުރެވިފައިވާނެކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން އަލުން އަޕްލޯޑް ކޮށްފައިވާ މާލީ ބަޔާނުގައި ވާގޮތުން، ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ފާޠިމަތު މުހައްމަދު ޞާލިހުއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މުސާރައިގެ ގޮތުގައި ލިބުނު 250،407 ރުފިޔާއެވެ. އޭނާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނުވަތަ ވިޔަފާރި މުދަލެއް ނެތެވެ. ފާޠިމަތު މުހައްމަދު ޞާލިހުގެ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ބޭންކް އެކައުންޓްގައި 116،384.62 ރުފިޔާ ހުރިއިރު، ބީ.އެމް.އެލް އެކައުންޓްގައި ހުރީ 10،185.41 ރުފިޔާއެވެ.

12 މިލިއަން ރުފިޔާގެ ޖޮއިންޓް ލޯނެއްވެސް ނަގާފައިވާކަމަށް މާލީ ބަޔާނުން ދައްކައެވެ. ފިރިމީހާއަށް ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި 370،080 ރުފިޔާ އަދި ވިޔަފާރި ފައިދާގެ ގޮތުގައި 208،000 ރުފިޔާ ލިބިފައިވެއެވެ.

ފާޠިމަތު މުހައްމަދު ޞާލިހު ވަނީ ކުރީގެ ރައީސް މައުމޫން އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސެކްރެޓަރީކަން ކުރައްވާފައެވެ. އެކަމަނާއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކޮއްކޯފުޅެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *