ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މެދު ޖަލުގައި ކަންތައް ކުރަމުން ގެންދަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ފައްޓަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 57 ދުވަސް ވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ހއ. ބާރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމަކީ ލިބޭ ހިތްދަތިކަމެއް ކަމަށާއި، އެމަނިކުފާނާމެދު ޖަލުގައި ކަންތައް ކުރަމުން ގެންދަވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ،
އަދުރޭ ވިދާލުވީ ޖަލަށް ލުމުނ ރައީސް ޔާމީންގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު މިހާރު ސިފަކުރެވެނީ "ޖަލު މީހެއް'ގެ ގޮތުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ވިދާޅުވި ފެންވެރުމުގެ ކަންތައް ވަރަށް އުދަނގުލޭ. ވަރަށް ދަތިގޮތަކަށޭ ހުރީ. ތުނބުޅި ބޭލޭނެ ގޮތެއް ނެތޭ. ކާން ގެންނަ އެއްޗެހީގެ ރޮލެއް ނުފިލުވައޭ. ސާޅީސް ފަސް ދުވަސް ވެގެންދިޔައިރު ކާން ދެނީ އެކައްޗެކޭ. ނިދާކަށް ފަސޭހައެއް ނޫނޭ. ގަސްދުގަ އަޑުގަދަކުރަނީއޭ. އެހާހިސާބަށް ދިޔައީމަ އަޅުގަނޑަކަށް އެވާހަކަ އަޑުއަހާކަށް ކެތެއް ނުވި." އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ރައީސްކަން ކުރެއްވި ބޭފުޅުން ޖަލުގައި ތިއްބެވި ކަމަށައި ނަމަވެސް އެބޭފުޅުން ތިއްބެވީ ވަރަށް އަރާމުގައި ވަރަށް އިއްޒަތުގައި ކަމަށެވެ.