އުމުރުން ދެއަހަރުވެސް ނުވާ ތުއްތު އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ދިފާޢުގައި ވާހަކަދެއްކި އެމްޑީޕީގެ މެންބަރު މަދީހާ އަބްދުﷲ ގެ ކެންޑިޑެސީ ބާތިލް ކުރަން އެމްޑީޕީން ނިންމައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގއ.ކަނޑުހުޅުދޫ ކައުންސިލް މެމްބަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށަހަޅާފައިވާ މަދީހާ އަބްދުﷲ ގެ ކެނޑިޑޭސީ ބާތިިލްކުރަން އެމްޑީޕީން ނިންމާފައިވާކަން ވަނީ އިތުބާރު ހިފޭ މަސްދަރަކުން ކަށަވަރުވެފައެވެ. ނަމަވެސް އެކަން އެމްޑީޕީން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
މަދީހާ ވަނީ އޮންލައިން ނޫސް "ސަން"އަށް ދިން އިންޓަވިޔުއެއްގައި ބުނީ، ތިންބަފައިންވެގެން އެ ކުއްޖާ ރޭޕްކުރި ނަމަ ކުއްޖާ ދުނިޔޭގައި އޮންނާނެ ކަމާއި މެދު ސުވާލު އުފައްދައިފައެވެ. އަދި ކުއްޖާއަށް ފަރުވާ ދިނުމަށްފަހު އެހާ ފަސޭހައިން ދޫކޮށްލާނެތޯއާއި މެދުވެސް މަދީހާ ސުވާލު އުފެއްދިއެވެ.
"ދެއަހަރު ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހާ ހެޕީކޮށް، ދުވެ އުޅޭނެ ހެއްޔޭ އަހަރުމެންގެ ސުވާލަކީ. އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ. އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ" މަދީހާ ބުންޏެވެ.
މަދީހާގެ ވާހަކަތަކާއި ގުޅިގެން އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން އެތައް ފަރާތްތަކުން ދަނީ މީސްމީޑިޔާގައި ގޮވަމުންނެވެ.
މަދީހާއަކީ ދެ އަހަރުނުވާ ތުއްތު އަންހެން ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ކާފަގެ ކޮށްކޮއެވެ.