ކުޑަކުދިންނަށް ރަހުމުނުކުރާ މީހުންނަކީ އިންސާނުންގެ ސިފައިގައި ތިބި ނުބައި މަޙްލޫޤުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
އެގޮތުން ހުތުބާގައި ބުނީ، ކުޑަކުދީންނަށް ރަހުމުނުކުރާ މީހުންނަކީ، އެބައެއްގެ ހިތްތަކުގައި ރަޙުމާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބައެެއް ކަމަށެެވެ.
ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަހަރެމެންގެ ތެރޭފައިވާ ކުޑަކުދީންނަށް ރަޙުމުނުކުރާ މީހުންނަކީ، އަހަރެމެންގެ އުންމަތުގެ މީހުންނެއް ނޫނެވެ"
ހުތުބާގައި ބުނީ، ހެޔޮލަފާ ޢާއިލާއަކާއި، ތަޤްވާވެރި ބައްޕައަކާއި، ޞާލިހު މަންމައެއް އެ ދަރީންނަށް ލިބިގެންދިޔުމަކީ އެ ދަރީންނަށްޓަކައި، އަދާކޮށްދޭންޖެހޭ ދީނީ އަދި ޤައުމީ ވާޖިބެކެވެ.
ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަަބައިމީހުން ނުތުފާތަކަށް އެބަހީ: ނަސްލުން އުފަންވާ ދަރީންނަށް ރަނގަޅު (ހެޔޮލަފާ، ކުފޫހަމަވެގެންވާ) ބަޔަކު އިޚްތިޔާރު ކުރާށެވެ"
ކުޑަކުދިންނާއި މެދު ހިންގޭ ބޮޑެތި ޖަރީމާތަކުގެ ސަބަބުން ހިތްތަކަށް ބިރުވެރިކަން ވެރިކުރުވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"ކުޑަކުދިންނާއި މެދު ހިންގޭ ބޮޑެތި ޖަރީމާތަކުގެ ސަބަބުން ހިތްތަކަށް ބިރުވެރިކަން ވެރިވެއެވެ. މައިންބަފައިންނާއި، ދަރީމް ވަކި ކުރަން ނޭނގޭ އިންސާނުން، އިންސާނީ މުޖުތަމަޢުގައި އުޅޭތީއެވެ. އިންސާނުންގެ ސިފައިގައި، އިންސާނީ ތަބީޢަތު ގެއްލިފައިވާ މީހުންވެސް ދިރިއުޅޭތީއެވެ." ހުތުބާގައިވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ، ޅަދަނީންނަށް ގޯނާއާއި ޖިންމާނީ އަނިޔާތައްދެނީ ކޮން ސަބަބަކާއި ހުރެގެންތޯ އެކުދީން ސުވާލު ކުރާނެ ވަގުތު ކުޑަތަންވަމުން އަންނަ ކަމަށެވެ.
"މަޢުސޫމު ޅަދަރީން ބެލެހެއްޓުމާއި އަޅާލުމުގެ ޒިންމާ އުފުލުމާއި މަތިވެގެންވާ ފަރާތްތަކުން އެ ޅަދަރީންނަށް ޖިންސީ ގޯނާއާއި ޖިސްމާނީ އަނިޔާތައްދޭ ހިނދު، އަހަރެމެންނަށް ތިޔަ ފަދަ އަނިޔާތަކާއި ގޯނާތައް ތިޔަކުރަނީ، އަހަރެމެން ކޮން ކޮށެެއް ކޮށްގެންތޯ އެ މަޢޫސޫމް ދަރީން ސުވާލުކުރާނެ ވަގުތު ކުޑަތަންވަމުން އެބަ އާދެއެވެ. އެ ސުވާލުތަކަށް އެ އަނިޔާވެރީން ދޭނީ ފަހެ ކޮން ޖަވާބެއް ހެއްޔެވެ؟" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާ ނިންމާލަމުން ބުނެފައިވަނީ ޤައުމެއް ފަސާދަވެ ހަލާކުވެގެން ދަނީ އެބައެއްގެ ތެރޭގައި ނުބައި އާދަތައް ފެތުރުމުން ކަމަށެވެ. އަދި އެ ފަދަ އާދަތަކުން ދުރުހެލިވުމަށް ހުތުބާ ނިންމާލަމުން ވަނީ ވަސިއްޔަތްކޮށްފައެވެ.