މަންމައާއި ބަނޑުގައިވާ ދަރިފުޅާއި ދެމެދު އޮންނަ ގުޅުމާއި، މަންމަގެ އެކިއެކި އަމަލުތަކުން ބަނޑުގައިވާ ދަރިފުޅަށް ކުރާ އެދެވޭ އަދި ނޭދެވޭ އަސަރުގެ ވާހަކަ އެންމެނަށްވެސް އެނގެއެވެ. މަންމަކެއުމަށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާއިން ދަރިފުޅުގެ ސިއްޙަތު ރަގަޅުވާ ކަމާއި، މަންމަ ދުންފަތުގެ އިސްތިޢުމާލުކޮށް ނުވަތަ އެ ފަދަ ވެއްޓެއްގައި އުޅޭނަމަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ހުރަސް އެޅިދާނެ ވާހަކަ އަކީ ކޮންމެ ދުވަހަކު އަޑު އިވޭ ވާހަކަ ތަކެވެ. މަންމަ ރަގަޅަށް ކާން ޖެހޭކަމާއި، މިހާރު އެއީ "ދެމީހުން"ކަމަށް ތަކުރާރުކޮށް މަންމައަށް ހަނދާންކޮށްދެއެވެ.

ދަރިމައިވުމާއި ގުޅޭގޮތުން ލިބޭ އެންމެ އާދައިގެ މައުލޫމާތުގެ ތެރޭގައި ހިމެނޭ އެއްކަމަކީ، ތުއްތު އަންހެންދަރިފުޅު ވިހާއިރު، އެކުއްޖެއްގެ އޯވަރީގައި އެތައް މިލިއަން ބިސް (Immature Eggs)) ވާކަމެވެ. ތުއްތު ދަރިފުޅުގެ އޯވަރީގައި މި ބިސްތައް އުފެދެނީ މާބަނޑު ދުވަސްވަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައެވެ. އަދި ފުރާވަރަށް އެރުމުގެ ކުރިން މިތަނުން ގިނަބިސް ހަލާކުވެ ގެއްލިގެން ދެއެވެ. އެ ތުއްތު އަންހެން ކުއްޖާ ބޮޑުވުމުން، ރަގަޅު ހާލަތުގައިވާ ބިސްތަކުގެ ތެރެއިން މަހަކު ބިހެއް ފުރާފުރިހަމަވެ ބައެއް ބިސް ދަރިފަންޏާއި ބައްދަލުވެ އެ އަންހެންކުއްޖާވެސް މާބަނޑުވެއެވެ. އަންހެން ކުއްޖާ މާބަނޑުވި ބިހަކީ، އެކުއްޖާގެ މަންމަގެ ބަނޑުގައި އޮތް އިރުވެސް އުފެދިފައިވާ ބިހެއްކަމުން، އެންމެ ތިލަކޮށް ބުނާނަމަ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކު ނުވަތަ އަޅުގަނޑުމެންގެ ބައެއް، އަޅުގަނަޑުމެންގެ މަންމަ ފަރާތުމާމަގެ ބަނޑުގައި އޮތެވެ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ދިރުން ފެށިގެން އަންނަނީ މާމަގެ ބަނޑުގައި އޮއްވައެވެ. ﷲގެ ކުޅަދުންވަންތަ ކަންދެކިބަލާށެވެ. މިކަމާ ވިސްނާލެވުން ހެއްޔެވެ؟ އަޅުގަނޑު މެންގެ މަންމަފަރާތުގެ މާމައާއި ގުޅިފައިވަނީ ކިހާ ކުރިން ކިހާ ފުން ގުޅުމަކުން ތޯއެވެ؟

އަންހެނުންގެ ތެރެއިން މާބަނޑުވާ މީހުން ވިސްނަންވީ ކަމަކީ، ތިމާގެ ބަނޑުގައި ވަނީ ތިމާގެ ދަރިފުޅު އެކަނި ނޫންކަމާއި، މާމަދަރިން އުފެދޭންހުރި ބިސްވެސް 6 ވަރަކަށް މަސްވަންދެން ހަމަ ތިމާގެ ބަނޑުގައި ވާނެކަމެވެ. އެހެންކަމުން ދަރިމައިވާ އުމުރުގައި ފުރިހަމަ ސިއްހަތުގައި ހުރުމާއި، ކަސްރަތުކުރުމާއި، ރަގަޅު އެއްޗެހި ކައިގެން އުޅުމަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. ދަރިއަކު ހޯދަން ރާވާތާ 6 މަސް ނުވަތަ 2 އަހަރު ކުރިއަށް ތިމާގެ ހަށިގަނޑު އެކަމަށް ތައްޔާރު ކުރަންވާނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ފަދަ ނޭދެވޭ އާދައެއް ހުރިނަމަ އެކަމެއް ދޫކޮށް ހަށިގަނޑު ސާފުކޮށްލަން ވާނެއެވެ.

ޔުނިވަރސިޓީ އޮފް މިޗިގަންގެ ކިޔަވާ ކުދިންތަކެއް ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މި ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން އެންމެ ގިނަ އިންސައްތަ ކުދިން އެންމެ ގާތްގުޅުމެއް އޮންނަނީ އެކުދިންގެ މަންމަފަރާތުގެ މާމަ އާއެވެ. މިލިސްޓުގެ ދެ ވަނައިގައި ބައްޕަ ފަރާތުމާމަ، ތިން ވަނައަށް މަންމަ ފަރާތުކާފަ، އަދި ހަތަރު ވަނައިގައި ވަނީ ބައްޕަ ފަރާތު ކާފައެވެ. މިދިރާސާތައް ހެދި އިތުރު ގައުމުތައް ކަމަށްވާ ކެނެޑާ، ޖަރުމަނު އަދި ގްރީސްގައި ވެސް ޖުމްލަ ނަތީޖާ ދައްކަނީ ހަމަ ވަރަށް އެއްގޮތަކަށެވެ.

ފާހަގަ ކޮށްލަން ޖެހޭކަމަކީ މި ދިރާސާތަކުގައި ދުނިޔޭގެ އެކިހިސާބުގެ ކުދިން އަދި މީހުން ބައިވެރިވެފައި ވުމުން، ގިނަ ސަގާފަތްތަކުގައި ވެސް މިކަން އޮތީ މިހެންކަމަށް ގަބޫލު ކުރަންޖެހެއެވެ. އެހެން ކަމުން މި ގުޅުމަކީ ނަފްސާނީ ގޮތުން އުފެދިފައިވާ ގުޅުމެކެވެ. ހަމަ އެގޮތަށް ގިނަ ކުދިން ބައްޕަ ފަރާތުގެ އާއިލާގެ ތެރޭގައި އުޅެމުންވެސް މަންމަ ފަރާތު ދެބެންގެ ދެދަރި ކުދިންނާ އޮންނަ ގުޅުން ވަރަށް ޚާއްސައެވެ. މިހެން މިކަން ވާންޖެހޭ ސީދާ ސަބަބު ނޭގުނުނަސް މަންމަ ފަރާތުމާމަ އާއި މާމަދަރިންނާ އޮންނަނީ ބަޔާން ކުރަން އުނދަގޫ، ފުން އަދި އެހާމެ ލޯބި ގުޅުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *