ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ގައިދީއަކު މިއަދު ޑޮކްޓަރަށް ދައްކަން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ގެންގޮސްގެން އުޅެނިކޮށް ފިލައިފިއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމް އިއްވާފައިވާ ގައިދީއެއް ކަމަށެވެ.
އަދި ގައިދީ ފިލިއިރު އޭނާ ކައިރީގައި ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރުން ތިބި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ޑޮކްޓަރަށް ދެއްކުމަށް މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށް ފިލާފައިވާ ކަމުގެ މައުލޫމާތު މިއަދު ކަރެކްޝަނަލް ސާވިސް އިން ފުލުހުންނަށް ދީފައިވާ ކަމަށެވެ.
ފިލާފައިވާ އައިސަރު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.