ޗައިނާގެ ވުހާންގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް 500 މީހަކަށް ޖެހި 17 މީހަކު މަރުވެއްޖެއެވެ. އަދި އެމެރިކާގައި މީގެ ފުރަތަމަ ކޭސް ފެނި، އެއަރޕޯޓްގައި ސްކްރީންކުރަން ފެށުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. މި ވައިރަސް މިހާރު ވަނީ އޭޝިޔާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައެވެ. 25 ޖެނުއަރީގައި ފެށޭ ޗައިނާގެ އާ އަހަރާއި ދިމާކޮށް ގިނަ ބަޔަކު ދަތުރުފަތުރު ކުރާނެކަމަށްކަމަށް ބެލެވޭތީ، މި ވައިރަސް ގިނަބަޔަކަށް ފެތުރުމުގެ ބިރު އޮތްކަމަށް ޗައިނާ ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މިދިޔަ މަހު މި ވައިރަސް އަލަށް ފެނުނު ވުހާން ސިޓީގެ އާއްމުންއެއްވާ ތަންތަނަށް ނިކުމެ އުޅުމުގައި ނޭފަތާއި އަނގަ ނިވާ ވާނޭހެން މާސްކް އެޅުމަށް މިހާރު ވަނީ މަޖުބޫރުކޮށްފައެވެ. އަދި މި ގަވާއިދަށް ޢަމަލު ނުކުރާ މީހުނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަން އަންގާ ލިޔުންތައްވެސް ވަނީ އެކި ހިސާބުގައި ބަހައްޓާފައެވެ. އާއްމުން އެއްވާ ތަންތަންކަމަށް ބަޔާންކޮށްފައިވާ ލިސްޓްގެ ދިގު ކަމުން ގެއިން ނިކުންނަ ކޮންމެ އިރަކު މާސްކް އެޅުމަކީ ކުރަންޖެހޭކަމެކެވެ.

ޗައިނާގެ ވުހާންގައި އެންމެ ފުރަތަމަ މި ވައިރަސް ހުރި މީހަކު ފެނުނީ މިދިޔަ ޑިސެމްބަރ 8 އެވެ. ވުހާންއަކީ ޗައިނާގެ މެދުތެރޭގެ އެންމެބޮޑު އަދި ދަތުރު ފަތުރުގެ މައި މަރުކަޒެވެ. މި ވައިރަސް އަކީ ކަނޑުމަހުގެ ބާވަތްތަކާއި ވަލު ޖަނަވާރުގެ ބާޒާރާއި ގުޅިފައިވާ ކަމެއް ކަމަށް ބެލެވޭތީ މި ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މީގެ ހުރިހާ ވިޔަފާރިއެއްވަނީ ސަރުކާރުން ހުއްޓުވާފައެވެ.

- މެކްސިކޯ އިން މި ވައިރަސް އަށް ޝައްކު ކުރެވުނު މީހަކު "އޮބްޒަރވޭޝަން" ގައި ބާއްވައިގެން ދަނީ ބަލަމުންނެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްސިކޯގެ ރައީސް ހާމަ ކުރިގޮތުގައި މިގޮތަށް ޝައްކު ކުރެވިގެން ކުރިން ބެލި މީހަކު ވަނީ މި ވައިރަހަށް ނެގަޓިވް ވެފައެވެ.

- މިއަދު ޗައިނާގެ ހުބޭއީ ގައި މަރުވި 8 މީހުނާއެކު ޗައިނާއިން މި ވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ ޢަދަދު ވަނީ 17 އަށް އަރާފައެވެ.

- ސައިންޓިސްޓުން ލަފާކުރާ ގޮތުގައި ޗައިނާގެ ވުހާން ސިޓީއިން އެކަނިވެސް 4000 އަށް ވުރެ ގިނަ މީހުނަށް ވަނީ މިވައިރަސް ޖެހިފައެވެ. ޗައިނާގެ އިތުރުން މި ވައިރަސް ފެނުނު ގައުމު ތަކުގެ ތެރޭގައި ހިމެނެނީ ތައިލެންޑް، ޖަޕާން، ސައުތު ކޮރެއާ ތައިވާން އަދި އެމެރިކާއެވެ.

- އިނގިރޭސި ވިލާތުން ވަނީ މި ވައިރަހުން ރައްކާތެރިވުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާފައެވެ.

- ތައިވާނުންވަނީ ބޭނުން ނެތް ކަންކަމުގައި ވުހާންއަށް ދަތުރުފަތުރު ކުރުން މަނާކޮށްފައެވެ.

- އެމެރިކާއިން ވަނީ ހުރިހާ ކަމެއް ކޮންޓްރޯލްގެ ދަށުގައި ވާކަމަށް ބުނެފައެވެ.

- އޮސްޓްރޭލިޔާގެ ބޮޑުވަޒީރުވަނީ، އެގައުމުގައި އެންމެ ރަގަޅު ސިއްޙީ ފަރުވާ ދެވެން ހުރިކަމުގެ ޔަގީންކަން އެ ގައުމުގެ ރައްޔިތުންނަށް ދެމުންނެވެ.

- ބޭނުންޖެހިދާނެކަމަށް ހޮންގކޮންގ އިން ދަނީ ބަލި މީހުން ކަރަންޓީނު ކުރެވޭނެ ތަންތަން ހަދަމުންނެވެ.

- ލަންޑަން ހީތްރޯ އެއަރޕޯޓްގައި ވަނީ ވުހާން އިން އަންނަ ދަތުރުވެރިން ސްކްރީން ކުރުމަށް ވަކީން ޚާއްސަ ތަނެއް ހަދާފައެވެ.

- ކޮރޯނާވައިރަސް އަކީ ޖަނަވާރުންގެ މެދުގައި ފެތުރޭ ވައިރަހަކަށް ވިޔަސް މިއީ، މަދު ހާލަތެއްގައި އިންސާނުންނަށްވެސް ޖެހޭ ވައިރަހަކެވެ. މިވައިރަސް ޖެހުމުން ފެންނާނެ ޢަލާމާތްތަކަކީ، އާދައިގެ ރޯގާ ފަދައިން ނޭފަތުން ފެން އައުމާއި، ކަރުތެރެބެދުމާއި، ބޮލުގެ ރިހުމާއި އެކު ބައެއް ފަހަރު ހުން އައުމެވެ. އަދި ދިފާޢީ ނިޒާމްބަލިކަށި މީހުންނަށް ނިއުމާނިޔާޖެހި ފުއްޕާމޭ ހަލާކުވުން ހިމެނެއެވެ.

- ކޮރޯނާވައިރަސް ފެތުރެނީ ޖަނަވާރުންނާއި ކައިރިވެ އުޅުމުން ނުވަތަ އިންސާނުން ކެއްސާކިނބިހި އަޅާއިރު ބޭރުވާ ކުޅުންނެވެ.

- މިއީ އެއްވެސް ފަރުވާ އެއް އަދި ހޯދިފައިނުވާ ބައްޔެކެވެ.

- މިބަލިން ރައްކަތެރިވުމަށް އެއްވެސް ވެކްސިނެއް އިޖާދުކުރެވިފައެއް ނުވެއެވެ. ނަމަވެސް ބަލިވެ އުޅޭ މީހުނާއި ދުރުގައި އުޅުމުން އަދި ގިނައިން އަތްދޮވެ، ލޮލާއި އަނގައާއި ނޭފަތަށް އަތްލުމުން ދުރުހެލިވުމަކީ މިބަލިޖެހުމުގެ ފުރުސަތު ކުޑަވާނޭ ކަންތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *