ސްރީލަންކާ ގައި މިއަދު، ދެލޯބިވެރިންގެ ދެމެދު ހިނގިއަރާރުމެއް ހޫނުވެ، ވަޅިހަރާ އަންހެން ކުއްޖަކު މަރާލައިފިއެވެ. 26 އަހަރަށް ދެމިގެން ދިޔަ ލަންކާގެ އަހުލީ ހަނގުރާމައިގެ މައިރަށް ކަމަށްވާ ޖަފްނާގައި މިއަދު މެންދުރުފަހު ހިނގި މިހާދިސާގައި މަރުވެފައި ވަނީ، ބޭސްވެރިކަން ކިޔަވަމުންދާ، އުމުރުން 29 އަހަރުގެ ރޯޝަނީ ކަންޗަނާ އެވެ. ހާދިސާ ހިނގުމާއި އެކު ރޯޝަނީ ހޮސްޕިޓަލަށް ގެންދިޔަ ކަމުގައި ވިޔަސް، ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފައެވެ. މި މައްސަލާގައި ތުހުމަތުކުރެވި ތަހުގީގަށް ބަންދުކުރެވިފައިވަނީ، ޖަފްނާގެ ޕަރަންތަން ކޭމްޕްގެ، އުމުރުން 28 އަހަރުގެ ސިފައިންގެ މީހެކެވެ. މި ދެމީހުންނަކީ ވެސް ބެރުވަލަ އަށް ނިސްބަތްވާ ދެމީހުންނެވެ. އަދި އުމުރުން 30 އަހަރުގެ އިތުރު މީހަކު ހައްޔަރުކޮށްގެން ދަނީ ސުވާލު ކުރަމުންނެވެ.

ބެލެވޭ ގޮތުގައި މިދެލޯބިވެރިންގެ ޒުވާބު ހޫނުވެ އަންހެން ކުއްޖާއަށް ހަމަލާ ދިނުމަށް ފަހު، ގޮނޑުދޮށަށް އެއްލާލާފައި، ފިރިހެން މީހާވަނީ ފިލަން މަސައްކަތްކޮށްފައެވެ. އޭނާ ހިފަހައްޓާ ފުލުހުންނާ ހަވާލުކުރީ އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުންނެވެ.

ފުލުހުން މިހާރުވަނީ އަންހެން ކުއްޖާ މަރާލުމަށް ބޭނުންކުރި ހަތިޔާރު މި ސަރަހައްދުން ހޯދާފައެވެ. އަދި އިތުރަށް މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.