އެއްޗަކަށް ދެވިހިފުމަކީ ނުވަތަ "އެޑިކްޓް'' ވުމަކީ ކޮބާހެއްޔެވެ؟ ދެވިހިފުމަކީ، ގެއްލުން ލިބޭކަން އެނގޭ އިރުވެސް ވަކި އެއްޗެއް ބޭނުންކުރުމަށް ސިކުނޑި ބޭނުންވުމެވެ. މިއީ ސިކުނޑީގެ ބައްޔެކެވެ. މީހަކު އެއްޗަކަށް ދެވިހިފައިފި ނަމަ އެމީހެއްގެ ފުރާނަ ދިޔަޔަސް އެ އެއްޗެއް ބޭނުންކުރުމަށް އެދެވެއެވެ. އެއީ ދުންފަތް ވިޔަސް، މަސްތުވާ ތަކެތި ކަމަށްވިޔަސް ނުވަތަ ދުފުމަށް ބޭނުންކުރާ ފޯއްކަމަށް ވިޔަސް ކަން އޮތީ މިހެންނެވެ.

އަހަރެމެންގެ ތެރޭގައި އެންމެ ދަށް ނަޒަރަކުން ދެކެވެނީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށެވެ. އެއީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭ ބައެއްނޫނެވެ. ދެން ތިބީ ދުންފަތަށް ދެވިހިފާފައިވާ މީހުންނެވެ. އެމީހުންވެސް މަސްތުވާތަކެތީ ބޭނުންކުރާ މީހުން ދަށް ކޮށްލުމުގެ ގޮތުން އެއީ "ޑްރަގް އެޑިކްޓުން" ކަމަށް ބުނާ އަޑު ވަރަށް ގިނައިން އެވެއެވެ. ޚުދު ތިމާއަކީ ކޮން ޙާލަތެއްގައި ހުރި މީހެއް ހެއްޔެވެ؟ އެންމެ ފަހަށް މި އަންނަނީ ދުފުމަށް ދެވިހިފާފައިވާ މީހާއެވެ. އޭނާވެސް އޭނާގެ ފިރިމީހާ ސިގިރެޓް ބޯތީ އެކަމާ ރުޅި އާދެއެވެ. ނަމަވެސް ހަގީގަތަކީ އެންމެންވެސް ތިބީ އެއްޙާލެއްގައި ކަމެވެ. އަހަރެމެންގެ ތެރޭގައި ދުފުން އާއްމު ވެފައިވާ ވަރުން އެކަމަށް ދެވިހިފާފައިވާ ކަން ގަބޫލުވެސް ނުކުރެވެއެވެ. ގެއްލުމެއް ލިބޭކަމަށް ވިސްނައިދޭނީ ކިހިނަކުން ހެއްޔެވެ؟

ދުނިޔޭގެ 600 މިލިއަން މީހުން ދުފުމަށް ދެވިހިފާފައިވާ އިރު، އެމެރިކާގެ ފުރާވަރު އުމުރުގެ ކުދިން މަސްތުވުމަށް އަލަށް ބޭނުންކުރަންފެށި އެއްޗަކަށް ފޯއް ވަނީ ވެފައެވެ. ފޯކުގައި ހިމެނޭ "އެރިކަލެން" އަކީ ދުންފަތުގައި ހިމެނޭ ނިކޮޓިން އާއި އެއްފަދަ އެއްޗެކެވެ. އެއްފަހަރު ދުފުމުން އަނެއްފަހަރު ދުފަން ބޭނުންވަނީ މި މައްދާގެ ސަބަބުންނެވެ. ކައިގެން ފޯއްކޮޅެއް ކައި ނުލާ ފަރު ނުޖެހެނީ މިހެންވެއެވެ. ކާ ގަޑިތައް ދޫކޮށްލާފައިވެސް ދުފާލައިފިނަމަ ހަކަތަ ލިބޭކަން އިހުސާސްވަނީ މީގެ ސަބަބުންނެވެ.

ދުފުމަކީ އަނގަ އަދި ކަރުގެ ކެންސަރަށް މަގުފަހިވާ ކަމެކެވެ. ދަރިމައިވުމާއި ދަރިފަނީގެ ސިއްހަތު ދަށްވުމުގެ އިތުރުން ކޯކަށި ގަނޑު އައިބު ވުމަކީވެސް ދުފުމާއި ގުޅިގެން ޖެހޭ ފަރުވާއެއް ނެތް ބައްޔެކެވެ. އަދި ހިތުގެ ބައްޔާއި، ހަޖަމްކުރުމުގެ މައްސަލަތަކާއި ބަރުދަން އިތުރުވުމާއި ދުފުމާއި ގުޅުން ހުރި ކަމަށްވެސް ޑޮކްޓަރުންދަނީ ބުނަމުންނެވެ. ދުފުމުން ގެއްލުންވަނީ ދުންފަތާއި ބިލެތާއި ދުންފަތް އެއްކޮށްގެން ދުފުމުން އެކަންޏެއް ނޫނޭވެ. އެންމެ ޒުވާން އަންހެނުން ކުދިންގެ އަތްދަބަހުގައި ގެންގުޅޭ ސުޕާރީ ޕެކެޓްވެސް ހަމަ މިފަދަ އެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ ރާއްޖޭގެ ކޮންމެ މީހަކުވެސް ފޯކުގެ ކޮންމެސް އެއްބާވަތެއް ބޭނުން ކުރެއެވެ. ކައިގެން ޚާއްސަކޮށް ކައިނިމިގެން ފޯއްކޮޅެއް ކޮންމެހެން ވެސް ބޭނުންވެއެވެ. ނަމަވެސް އަހަރެމެން މިތިބީ މިއަށް ދެވި ހިފާފައިކަން ގަބޫލުކުރެވެނީ ކިތައް މީހުނަށް ހެއްޔެވެ؟

ޔުނިވާސިޓީ އޮފް ފްލޮރިޑާ ހެލްތުގެ ތަހުލީލުތައްކުރާ ފަރާތްތަކުން ވަނީ ދުފުމަށް ދެވިހިފާގޮތް ހޯދާ އެކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ އިތުރުން އެކަމަށް ފަރުވާ ދޭނިޒާމް ވެސް ޤާއިމް ކޮށްފައެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ޑޭޓާބޭސް ގައި ފޯއް ހިމަނާފައިވަނީ "ވިހަ ގަހުގެ ބާވަތް"ތަކުގެ ގިންތީގައެވެ.

ޓައިވާނުގެ ގިނަ މީހުނަށް މިއީ ދެވިހިފާ ކަމެއްކަން އެނގުނަސް ދުރުވާން އުނދަގުލެވެ. ޕަޕުއާ ނިއުގިނީގެ ވެރި ރަށުގައި ފޯއްވިއްކުން މަނާކުރީ މަގު މައްޗަށް ކުޅުޖެހުން ހުއްޓުވުމަށެވެ. މިޔަންމާގައި މީހުން ހޭލުންތެރިކުރަނީ ބިލެއް އަދި ފޯއް ހެއްދުމުގައި ބޭނުންކުރާ ވިހަ ކެމިކަލްގެ ނުބައި އަސަރު ކުރާތީއެވެ. ރާއްޖޭގައި މިކަން ހުއްޓުވަން ނުވަތަ ހޭލުންތެރި ކުރުވަން ބޭނުން ކުރަންވީ ކޮން އުކުޅެއް ހެއްޔެވެ؟

ބިލެތަކީ އެއް ޒަމާނެއްގައި ދަތުގެ ރިހުމާއި މޫނުގެ ހަންގަނޑު ރީތިކުރުމަށް ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ތެރެއިން ބޭނުންކުރި އެއްޗެކެވެ. ނަމަވެސް ދަނޑުވެރިކަމަށް އައި ބަދަލްތަކާއި އެކު މީގައި ހިމެނޭ ކެމިކަލްގެ ސަބަބުން މިހާރު މިކަމަށް އިރުޝާދު ދޭ މީހުނަށްވުރެ އިންޒާރުދޭ މީހުން ގިނައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *