ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނައިރު، ކައުންސިލް އިންތިޚާބަށްވުރެ ފޯރިގަދަވާނެކަމަށް ބެލެވެނީ އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ބެލެވޭ އެމްޑީޕީގެ ޕްރައިމަރީއެވެ. މިމަހުގެ 31ގައި އެމްޑީޕީ ޕްރައިމަރީ އޮންނަ އިރު، ކެމްޕޭން ދަނީ ފޯރިގަދަކޮށެވެ. ލާމަރުމަޒީ ޤާނޫނަށް ގެނެވުނު އިސްލާހާއިއެކު އަންހެނުންނަށް ހުޅުވާލެވުނު ފުރުސަތުގެ ބޭނުން އަންހެނުންވެސް އެހިފަނީ، އެހައްގުތަކާއި ދެކޮޅަށް އަޑުއުފުލި މަދު މީސްކޮޅު ލަދު ގަންނަވާލާހާ ފޯރީގައެވެ. އެމްޑީޕީއަކީ އަބަދުވެސް ކެމްޕޭން ކުރަން ދަންނަ ޕާޓީއެއްގެ ގޮތުގައި މަޝްހޫރު ޕާޓީއެކެވެ. އެކަން އެބަފެނެއެވެ.

ކެމްޕޭންގެ ތެރެއިންވެސް އެންމެ ފޯރިގަދަކޮށް ފެންނަނީ ސިޓީ ކައުންސިލްތަކުގެ ޕްރައިމަރީއެވެ. ޚާއްސަކޮށް ވެރިކަންކުރާ ރަށް، މާލޭގެ ޕްރައިމަރީއެވެ. އެމްޑީޕީގެ ޕްރައިމަރީގައި މިހާރުގެ މޭޔަރު ޝިފާ މުހައްމަދުއާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ވާދަކުރައްވައެވެ. މިހާރުވެސް ކައުންސިލްގައި ހިމެނޭ މި 3 ބޭފުޅުންގެ އިތުރުން މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ޕްރައިމަރީގައި ވާދަކުރައްވައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާރު ކައުންސިލްގައި ތިއްބެވި 3 ކައުންސިލަރުންގެ ތެރެއިން ފެންނަ ފެނުމަށް ކެމްޕޭން ފޯރިގަދަވެ، އަޑުގަދަކޮށް އުޅުއްވަނީ މޭޔަރު ޝިފާ އާއި ޑެޕިއުޓީ މޭޔަރު ޝަމާއުއެވެ. ނިޔާޒްގެ އަޑު އިވެނީ މަޑު ކޮށެވެ. ޝިފާ އާއި ޝަމާއުއަކީ އެއް ދައުރަށްވުރެ ގިނަ ދައުރުގައި ކައުންސިލަރުކަން ކުރެއްވި ބޭފުޅުންނެވެ. އެހެންކަމުން މިފަހަރު އަނެއްކާ އެބޭފުޅުން މޭޔަރުކަމަށް ހޮވަން އެންމެ ރަނގަޅުތޯ ބައެއް ބޭފުޅުން ސުވާލު އުފައްދައެވެ. ލާމަރުކަޒީ ގާނޫނުން އަލަށް ލިބިދޭ ބާރުތަކާއިއެކު އާ ބޭފުޅަކު އެމަގާމަށް ލުމަށް ތާއީދުކުރާ މީހުން ގިނައެވެ. އަދި ވަކިން ޚާއްސަކޮށް ނިމިދިޔަ ދައުރުގައި ބާރުތަކެއް ހަނިވެފައި އޮތްނަމަވެސް، ލިބިދީފައި އޮތް ބާރުގެ އިންތަކުގެ ތެރެއިންވެސް ހިދުމަތް ކުރެވެނުތޯ ބައެއް މީހުން ސުވާލު އުފައްދައެވެ.

ދެން ހުރީ ސަރަނގު އާދަމް މަނިކެވެ. އާދަމް މަނިކަކީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި ހިސާބުންވެސް މީހުން އާދަމް މަނިކަކީ ހަގީގަތުގަވެސް އެމްޑީޕީ މީހެއްތޯ ސުވާލު އުފެއްދި މީހެކެވެ. ދޭތެރެ ދޭތެރެއިން އެމްޑީޕީގައި ހުއްޓަސް ދޭތެރެދޭތެރެއިން އެހެން ސިޔާސީ ފިކުރުގަވެސް އާދަމް މަނިކު ފެނެއެވެ. ޑރ ވަހީދާއިއެކުވެސް އެއް ދުވަސްރެއްގައި އުޅުނެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގަވެސް ވާދަކުރީ އަމިއްލަ ގޮތުންނެވެ. މިހާރު އަނެއްކާ އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީ ފެނުމުން، ޕާޓީގެ މެމްބަރުން އާދަމް މަނިކަށް ދޭނެ މެސެޖް ވަރަސް ސާފެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕްރައިމަރީ ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ އެމްޑީޕީގެ އެސްޖީއެއްގެ ގޮތުގައިވެސް ހުރި އަނަސްއެވެ. 19 ސިޓީ ކައުންސިލަރުން ގޮވައިގެން މަސައްކަތްކުރެވޭނެކަން އެމްޑީޕީގެ އެތައް ހާސް މެމްބަރުންނެއް ގޮވައިގެން އަނަސް ދައްކާފައިވެއެވެ. އަނަސް އަކީ ޒުވާނަކަށް ވެފައި، ތައުލީމީ ޒުވާނެއްކަމުން، މިފަހަރު މާލޭގެ މޭޔަރުކަމަށް ގެންނަން އެންމެ ރަނގަޅީ އަނަސްކަމަށް ގިނަ ޒުވާނުން ބުނެއެވެ. އަދި ޕާޓީ އެންމެ ހާލުގައި އޮތް އިރު ޕާޓީއާއިއެކު އަނަސް ކުރި މަސައްކަތަކީވެސް އެމްޑީޕީގެ އާއްމު މެމްބަރުން ބަލައިގަންނަ މަސައްކަތްތަކެކެވެ.

އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެކެވެ. އެޕާޓީއިން މިހާތަނަށް ކަންކަން ނިންމަމުން އައީ އެޕާޓީގެ އާއްމު މެމްބަރުންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށެވެ. އެހެންކަމުން މިފަހަރުވެސް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މާލޭގެ ރައްޔިތުންވެސް އަދި އެހެން ދާއިރާތަކުންވެސް ގޯހެއް ހަދާނެކަމަށް ނުބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *