ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ލޭ ހަދިޔާކޮށް ހާލުބޮޑު މާބަނޑު އަންހެނެއްގެ ފުރާނަ ސަލާމަތްކޮށްފި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ, މާބަނޑު އަންހެން މީހާ އެ ހޮސްޕިޓަލްއަށް ގެނައީ މިމަހުގެ 18 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ވެސް އޭނާގެ ގަޔަށް އެއް ޕޮއިންޓް ލޭ އެޅި ކަމަށެވެ. އަދި ސިޒޭރިއަން ހަދައިގެން އެ އަންހެން މީހާ ވިހެއީ އޭގެ އަނެއް ދުވަހުކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް އޮޕަރޭޝަންގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް ލޭ ފޭބުމުން ހުޅުމާލެ ހޮސްޕިޓަލްގައި އެވަގުތު ތިބި މީހުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ. ނަރުހުންނާއި މުވައްޒަފުން ލޭ ހަދިޔާ ކުރުމުން އޭގެން އެއް ޕޮއިންޓް ލޭ ވަގުތުން އެޅި އެވެ.
އަދި އިތުރު ފަރުވާއަށް އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެންދެވުނު ކަމަށާއި، އައިޖީއެމްއެޗަށް ގެންދިޔުމަށް ފަހުވެސް ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ހަދިޔާކުރި ލެއިން އޭނާގެ ގަޔަށް ހަތަރު ޕޮއިންޓް ލޭ އަޅައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ އަންހެންމީހާ އާއި ދަރިފުޅުގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.