މާލެ ސަރަހައްދުގެ ގްރޭޑް އެކަކުން، ހަޔެއްގެ ކުދިންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މީގެކުރިން ވަނީ ޕްރީސްކޫލްތަކުގެ ކިޔެވުންވެސް ހުއްޓުވައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ކޭސްތައް އިތުރުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) ގެ އިރުޝާދުގެ ދަށުން ދެ ހަފްތާއަށް ގްރޭޑް އެކަކުން ހަޔެއްގެ ކްލާސްތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށެވެ. އެހެންކަމުން ސުކޫލްގައި ދެން ކިޔަވައިދެމުންގެންދާނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް އެކަނި އެވެ.
ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގައި 1 އިން 6 އެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭ pic.twitter.com/QG6rsDmWYK
— Ministry of Education (@MoEdumv) February 12, 2021
މާލެ ސަރަހައްދުން ފެންނަ ކޭސްތައް އިތުރުވެ، ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށައިފަ އެވެ. އެގޮތުން ގްރޭޓާ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި، ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފަ އެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގައި އެއްފަހަރާ އެންމެ ގިނަ ވެގެން އެއްވެ އުޅެވޭނީ 10 މީހުންނަށް ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ކަނޑައަޅާފަ އެވެ.
މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ ކޭސްތަކުގެ އަދަދު އިތުރުވާން ފަށާފައި ވަނިކޮށެވެ. ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންދާތާ މަހެއްހާ ދުވަސް ވަނީ ވެފައެވެ.