އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ހައި ރިސްކް ފަރާތްތަކަށް މާދަމާ ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މި އުމުރު ފުރައިގެ މީހުންނަށް ވެކްސިން ޖެހުން ކުރިޔަށް ދަނީ މާލޭ ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒާއި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައި 9:00 އިން 17:00 ށެވެ. އަދި ވިލިމާލޭ ޔޫތު ސެންޓަރުގައި 9:00 އިން 13:00 އަށްވެސް ވެކްސިނޭޝަން ކުރިއަށް ދާނެއެވެ.
ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތައްވެސް އެޗް.ޕީ.އޭ އިން ވަނީ އިއުލާންކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުން
- ހަކުރު ބަލި ހުންނަ މީހުން
- ހިތުގެ ބަލިތައް ހުންނަ މީހުން
- ސްޓްރޯކެއް ޖެހިފައިވާ މީހުން
- އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40ން މަތި މީހުން)
- ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުން
- ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުން
- ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުން
- ތެލެސީމިއާ މޭޖަރ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން
- އެދުމަތިވެފައިވާ މީހުންނާއި އެމީހުން ބަލަހައްޓާ މީހުން
- އެއްވެސް ބައްޔަކާއި ގުޅިގެން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން
ވެކްސިން ޖަހަން ދާއިރު ދޫ ހެދުމެއް ލައިގެން ދިޔުމަށާއި، ރަނގަޅަށް ކައިގެން ދިޔުމަށް އެޗްޕީއޭއިން އެދެއެވެ. އަދި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާނަމަ ބޭސް ސިޓީ ގެނައުމަށްވެސް އެދިފައިވެއެވެ.
ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 17،507 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒެވެ.