ކޮވިޑާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް މަތިކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް ލެވެލް 2 އަކަށް މަތިކޮށްފައިވާ ކަމަށެވެ. އަދި، އެޗް.ޕީ.އޭ އިން އިއުލާންކޮށްފައިވާ ފިޔަވަޅުތަކަށް މީހުން އަމަލުކުރޭތޯ ޔަގީންކުރުމަށް އެސިސްޓެންޓް ކޮމިޝަނަރ އެއްވެސް އައްޔަންކޮށްފައިވާނެކަމަށެވެ.
Have elevated the ‘Operational Status’ of the police service to ‘Level 2’ and appointed an Assistant Commissioner to lead a renewed effort to effectively police the new COVID-19 preventive measures declared by @HPA_MV.
— Mohamed Hameed (@M_Hameedh) February 12, 2021
މީގެއިތުރުންވެސް، ކުރިއަށް އޮތް އެއް މަސް ދުވަހަށް ފުލުހުންގެ އެންމެ ބޮޑު އޮޕަރޭޝަނަލް ޕްރައޯރިޓީއަކަށް ވާނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެހީތެރިވުން ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އަދި، މިކަމުގައި އާންމުންގެ އެހީތެރިކަމަށްވެސް އެދިލެއްވިއެވެ.
ސީޕީ ހަމީދު މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، މިއަދު އެޗް.ޕީ.އޭގެ ގައިޑްލައިންސް ތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ނުކެޅުދުނު ކަމަށް ބުނެ ބައެއް މީހުން އަންނަނީ އެ މުއައްސަސާއަށް ފާޑު ކިޔަމުންނެވެ.