ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާ މައްސަލަތަކެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ކަންކަން ހުއްޓުވުމާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރެއްވި މަޝްވަރާތަކުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ގޯނާގެ މައްސަލަތައް މުޖުތަމައުގައި އޮތް މިންވަރު ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މިހާރު ހުށަހެޅިފައިހުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމަށް މަޝްވަރާކުރައްވާފައެވެ.
ރައީސް ޞާލިހް ވަނީ ދެކުނުގެ ރަށެއްގައި ދެ އަހަރުވެސް ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ބައްޕަ، އަދި ކާފަގެ އިތުރުން މުނި ކާފަ ޖިންސީ އަނިޔާކުރި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.